ދުނިޔެ

ޓްރަމްޕްގެ އިންޒާރު: ކުރިމަތިލައިފިނަމަ އިރާނު ނައްތާލާާނަން

ހަނގުރާމައެއް ކުރަން ބޭނުން ނުވިނަމަވެސް ހަނގުރާމައަކާ ހަމައަށް ގޮސްފި ނަމަ އިރާނު އެއްކޮށް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިއްޔެ އެންބީސީ ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް އެހެން ވިދާޅުވެފައި ވާއިރު އިތުރު މަޝްވަރާތަކަށް އެ ފަރާތުން ތައްޔާރަށް ތިއްބެވި ނަމަވެސް އިރާނަށް ނިއުކްލިއާ ހަތިޔާރު އުފައްދަން ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން އިރާނުން އެމެރިކާގެ ޖާސޫސްކުރާ ޑްރޯނެއް ވައްޓާލުމުން އޭގެ ރައްދުގައި ދޭ ނިންމި ހަމަލާ އެންމެ ފަހު ވަގުތު ހުއްޓުވާފައި ވަނީ އެފަދަ ހަމަލައެއް އެމެރިކާއިން ދީފިނަމަ އިރާނުގެ 150 ރައްޔިތުން މަރުވެދާނެ ކަމުގެ ހަބަރު ބިވަޑައިގަތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ކަމަކު ނުދިޔަ އެގޮތެއް. އަޅުގަނޑަކަށް ނުވިސްނުނު އެއީ ރައްދުގައި ކުރަން ޖެހޭވަރުގެ ކަމެއްގެ ގޮތުގައެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އިރާނުން އެ ޑްރޯން ވައްޓާލާފައިވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅެެނިކޮށް ކަމަށް ބުނާއިރު އެމެރިކާއިން ބުނަނީ ޑްރޯން ވައްޓާލާފައި ވަނީ ބައިނަލް އަގްވާމީ ވައިގެ ސަރަހައްދުގައި އުދުހެނިކޮށް ކަމަށެވެ.

އޮމާން ކަނޑުގައި ދަތުރުކުރަމުން ދިޔަ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފައި ވަނީ އިރާނުން ކަމަށް އެމެރިކާއިން ތުހުމަތު ކުރަމުން ދާއިރު އެމެރިކާއިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ އެ ގައުމާމެދު ވަނީ ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅާފަ އެވެ.

އިރާނުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމެރިކާއިން ހަނގުރާމަ ފަށައިފި ނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރާނެ އެވެ.