ދުނިޔެ

އިރާނު އެއްބަސްވުން އުވާލީ އޮބާމާއަށް ޖެއްސުމަށް

Jul 14, 2019

ނިއު ޔޯކް (ޖުލައި 14) - އިރާނާއެކު ގާއިމުކޮށްފައިވާ ނިއުކުލިއާ އެއްބަސްވުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާތިލުކުރެއްވީ ކުރީގެ ރައީސް ބެރެކް އޮބާމާ ކުރައްވާފައިވާކަމަކަށްވާތީ ކަމަށް، އެމެރިކާގައި ހުންނެވި އިނގިރޭސިވިލާތުގެ ސަފީރު ވިދާޅުވި މެމޯއެއްގައި ބުނެފި އެވެ.

އޭރު އެމެރިކާގައި ހުންނެވި އިނގިރޭސި ސަފީރު ސާ ކިމް ޑެރޮކް ފޮނުއްވި މެމޯއެއް ލީކުވެފައިވާއިރު، އެ މެމޯގައި އިރާނުގެ އެއްބަސްވުން ބާތިލިކުރުން ސިފަކުރައްވާފައިވަނީ ހާރިޖީ ގޮތުން ޖެއްސުންކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ.

އެ މެމޯއަކީ އޭރުގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަންއަށް ފޮނުވާފައިވާ މެމޯއެއްކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އެ މެމޯ ފޮނުވާފައިވަނީ އިރާނާއެކުވެފައިވާ ނިއުކުލިއާ އެއްބަސްވުން ބާތިލުނުކުރުމަށް ބޮރިސް ޖޯންސަން އެމެރިކާގެ ކިބައިން އެދެމުންދިޔަ ދަނޑިވަޅެއްގަ އެވެ.

އިރާނުން ނިއުކުލިއާ އަދި ޔޫރޭނިއަމް ބޭނުންކުރާ މިންވަރު މަދު ކުރުމުގެ ބޭނުމުގައި 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއި އެކު ހެދި އެއްބަސްވުމުން އެމެރިކާ ވަނީ މިދިޔަ އަހަރު ވަކިވެފަ އެވެ.

ކިމް ލިޔުއްވި މެމޯގައި އިތުރަށް ބުނެފައިވަނީ، ޓްރަމްޕްގެ ސަރުކާރުގައި ކަންކަން ކުރަނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކަމަށާއި، ނިއުކުލިއާ އެއްބަސްވުން ބާތިލުކުރީ ޓްރަމްޕްގެ ޒާތީ ސަބަބުތަކަށްޓަކައި، އެ އެއްބަސްވުމަކީ އޮބާމާގެ ކާމިޔާބީއަކަށްވާތީ ކަމަށެވެ.

ކިމްގެ އިތުރު މެމޯއެއް ލީކުކޮށްފައިވަނީ، އެކަމާ ދެކޮޅަށް މީޑިއާތަކަށް އިނގިރޭސި ފުލުހުން އިންޒާރުދީފައިވަނިކޮށެވެ. މިދިޔަ ހަފްތާގައި ލީކުކޮށްލި މެމޯތަކުގައި ޓްރަމްޕްގެ ސަރުކާރު "ނާގާބިލު" ކަމަށް ކިމް ވަނީ ސިފަކުރައްވައިފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވަނީ ކޯފާއިސްކުރައްވައި ކިމް އަކީ ތަންދޮރުނޭނގޭ މީހެއް ކަމަށާއި އޭނާއާކު އިތުރަށް މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

އެ ހޫނުގަނޑުގެ ތެރޭގައި ސާ ކިމް ވަނީ މިދިޔަ ބުދަ ދުވަހު ސަފީރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ކިމްގެ އިސްތިއުފާއާއެކު އިނގިރޭސި ފުލުހުން ވަނީ އެ މެމޯތައް ލީކުކޮށްލި މައްސަލާގައި ތަހުގީގެއް ފަށައިފަ އެވެ. ނަމަވެސް، އިނގިރޭސި ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ވަނީ އެ މެމޯތަކުގެ މައުލޫމާތުތައް މީޑިއާތަކުން ގެނެސްދިނުން ދިފާއުކުރައްވައިފަ އެވެ.