ދުނިޔެ

ކުށްވެރިން ބަދަލުކުރާ ޚިޔާލު ދޫކޮށްލައިފިން: އީރާން

އެމެރިކާއާއެކު ކުށްވެރިން ބަދަލުކުރަން ޚިޔާލަށް ގެނައުމަކީ ވެސް ތާކުންތާކު ނުޖެހޭ ސޭކުކަމެއް ކަމަށާއި އެވިސްނުން މުޅިން ދޫކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން އެމެރިކާގައި ވެރިކަން ކުރަނީ އަހުދެއްގައި ދެމިތިބެވޭ ވަރަށް ވުރެ ހީލަތްތެރި ބައެކެވެ.

އީރާނުން ބުނީ ކިތަންމެ ވަރަކަށް ދޫދިނަސް އެމެރިކާ ކިބައިން ޔަހޫދީކަން ފިލައިގެން ނުދާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އީރާނުން އެއްވެސް ލުޔެއް ނުދިނުން ކަމަށެވެ.

އޮފިޝަލް ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ ކުށްވެރިން ބަދަލުކުރުން އެޖެންޑާއިން އުނިކުރީ އެމެރިކާއާ ހެދި ކަމަށާއި އީރާނުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.

އެމެރިކާއާއެކު ކުށްވެރިން ބަދަލުކުރަން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އީރާނުން އެންމެ ފުރަަތަމަ ބުނީ ޖުލައިގަ އެވެ. އެހެންނަމަވެސް އީރާންގެ މިބުނުމަކީ ސައްހަ ބުނުމެއް ނޫން ކަމަށް އެމެރިކާއިން އޮތީ ބުނެފަ އެވެ.

އީރާނުން ބުނީ އެމެރިކާއާ އެކު ކުރަމުން ދިޔަ މަޝްވަރާތައް އަލުން އެޖެންޑާކޮށް ކުށްވެރިން ބަދަލުކުރާ ވާހަކަ ހިމެނީ ދެ ގައުމުން އެއްމޭޒު ދޮށަށް ހާޒިރުވެ ތިބެ ކަމަށާއި އެމެރިކާ އަކީ ވަރަށް ހަނދާން ބަލި ބައެއް ކަމަށެވެ.

އެމެރިކާއާ އެކު ނިއުކްލިއާ މަޝްވަރާގައި އީރާނުން ބައިވެރިވެ ވަޑައިގެންނެވި އައްބާސް އަރާގިޝް ވިދާޅުވީ ކުށްވެރިން ބަދަލުކުރަން ހުރަސްއެޅީ އެމެރިކާއާ އިނގިރޭސިން ކަމަށެވެ.

އޭނާ ވިދާޅުވީ ނިއުކްލިއާ މަޝްވަރާތައް ހުއްޓަލަން އީރާން ބޭނުންނުވާ ކަމަށާއި އިރާނުން އެދުނީ އިންތިހާބީ ރައީސް މަގާމާ ހަވާލުވެ ވަޑައިގަންނަވަންދެން މަޝްވަރާތައް މެދުކަނޑާލުމަށް ކަމަށެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އީރާނުން ވާހަކަދައްކަނީ ހަދަހަދައިގެން ކަމަށާއި ކުށްވެރިން ބަދަލުކުރަން އީރާނާއެކު ހަދާފައި އޮތް ޑީލެއް ނޯންނާނެ ކަމަށެވެ.