ހަބަރު

ޒުވާނުންގެ ހުނަރު ތަރައްގީ ކުރަން ބާރު އަޅަންޖެހޭ: ނައިބު

ޒުވާނުންގެ ހުނަރު ދެނެގަނެ އެ ހުނަރު ތަރައްގީ ކުރަން ބާރުއަޅައި އަޅައި ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

މިއަދު ހެނދުނު "ހުނަރުވެނި 2019" ސްކިލްސް ޝޯ އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގައުމު ކުރިއެރުވުމުގައި ޒުވާނުންގެ ދައުރަކީ އިސް ކަމަށެވެ. ވަޒީފާގެ މާހައުލުގައި ޒުވާނުން އެއްކަމެއް ކުރުމުގެ ބަަދަލުގައި ގިނަ ކަންތައްތަކެއް ދަސްކުރަން ބާރުއަޅަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ އެއްވެސް މަސައްކަތަކީ ހުތުރު މަސައްކަތެއް ނޫން ކަމަށާއި ހުރިހާ ވައްތަރެއްގެ މަސައްކަތްތައް ކުރަން ވެސް ބާރުއަޅަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާނުން މިއަދު ވާންވީ ގިނަ ކަންތައްތަކެއް ދަސްކުރާ ބަޔަކަށް. ހަމައެކަނި އެންމެ ކަމެއް ނޫން ދަސް ކުރަންވީ. ގިނަ ކަންތައް ދަސްކުރަން ޖެހޭ. ވަކި ކަހަލަ މަސައްކަތަކީ ހުތުރު މަސައްކަތެއް ނޫން. އެ ވިސްނުން ދޫކޮށްލަން ޖެހޭ. ގައުމެއް ކުރިއަރާ ދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތް ވެސް ކުރެވިގެން." ނައިބު ރައީސް ވިދާޅުވި އެވެ.

ވާށައިޖެހިފައިވާ ތައުލީމެއްގެ ތެރެއިން ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްކޮށްދޭން ޖެހޭ ކަމަށާއި ހަމައެކަނި މަތީ ވަނައެއް ހާސިލް ކުރުމުގެ ބަދަލުގައި ޒުވާނުން ފަންނުވެރި ބަޔަކަށް ހަދަން ޖެހޭ ކަމަށް ވެސް ފައިސަލް މިއަދު ވިދާޅުވި އެވެ.

"ވާށާޖެހިފައިވާ ތައުލީމެއްގެ ތެރެއިން ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްކޮށްދޭން އެބަ ޖެހޭ. އަޅުގަނޑުމެން
މިއަދުގެ ސަރުކާރުގެ ތައުލީމީ ނިޒާމްވަނީ ޒުވާނުން ފަންނުވެރިންނަށް ހެދުމަށް،" ނައިބު ރައީސް ވިދާޅުވި އެވެ.

ހުނަރުވެނި 2019 އަކީ ޓިވެޓް އޮތޯރިޓީން އިންތިޒާމްކުރި ސަގާފީ އަދި ސިނާއީ މަސައްކަތާއި ހުނަރު ދައްކާލުމުގެ "ސްކިލް ޝޯ" އެކެވެ. މި ޝޯ ކުރިއަށް ދާނީ މިއަދާއި މާދަމާގެ ނިޔަލަށް ދަރުބާރުގޭގަ އެެވެ.