ތަރައްގީގެ ގިނަ ކަންތައްތަކެއް ރާއްޖޭގައި ހިނގާއިރު ބޭރުމީހުންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށް ނުލައި ކަންކަން ރާވައި ހިންގަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ކޯޕަރޭޓް ސްކޯލާޝިޕް ސްކީމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހަފުލާގައި ނައިބު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށްނުލާ ގާބިލު މީހަކަށް ހެދުން ކަމަށެވެ.
ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ގާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެން ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ކޮންމެ ގައުމަކުންވެސް އެކި ދާއިރާތަކުން މީހުން ބިނާ ކުރަން މަސައްކަތްކުރަނީ އެ ސަބަބަށްޓައި ކަމަށެވެ.