ރާޅު ގުޑި އިވެންޓް

50 މޭލު: ރާޅުގުޑިއާއެކު ގާފަރަށް އީދު!

ކ. ގާފަރުން: ނާޒިމް ހަސަން
Jun 24, 2019
2

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފު ކުރުމަށް ފެށި "ރާޅުގުޑި" ދަތުރުގައި އިއްޔެ ވެރިރަށް މާލެއަށް ދިޔުމަށްފަހު، މިއަދު ހެނދުނު ވަނީ ކަނޑަށް ނުކުމެ ދަތުރު ފަށާފަ އެވެ. ރާޅުގުޑި އުތުރަށް ދިޔުމުގެ މަގުމަތީގައި، މިއަދުގެ މަންޒިލަކަށް ހެދީ ކ. ގާފަރެވެ.

ތިލަފުށި ކައިރިން މިއަދު ހެނދުނު ކައިޓް ސާފަރުން ފުރަތަމަ ނައްޓާލީ ބަންޔަން ޓްރީ ވައްބިންފަރު ރިސޯޓަށެވެ. އެ ރިސޯޓަކީ މި ދަތުރުގެ އެއް އެތުލީޓް، އަހުމަދު ހަމްދާން (ހަންބެ) މަސައްކަތް ކުރާ ރިސޯޓެވެ. އެ ރިސޯޓަށް ހަތަރު ކައިޓް ސާފަރުން ދިޔުމާއެކު، ރިސޯޓުން ހޫނު މަރުހަބާއެއް ކިއެވެ.

ހެނދުނު ވައްބިންފަރު ރިސޯޓުން ދިން ފައްކާ ނާސްތާއަށްފަހު ކައިޓް ސާފަރުން ކަނޑަށް ނުކުމެ ބެހެއްޓީ ރީތި ރަށް ރިސޯޓް ކައިރީގައި އޮންނަ ރީތި ސޭންޑް ބޭންކަށެވެ. އެ ފިނޮޅަށް ހަތަރު ކައިޓް ސާފަރުން ކައިރި ކުރުމަށްފަހު އެތަނުގައި މަޑުކޮށްލައި އިރުކޮޅަކު އަރާމުކޮށްލުމަށްފަހު ދަތުރު ފެށީ މިއަދުގެ އަސްލު މަންޒިލަށެވެ.

އޭރު ރާޅުގުޑި ގާފަރަށް ނުލަފައި ލަސްވެގެން ގިނަ ފޯނު ކޯލްތަކެއް އާދެ އެވެ. މެންދުރުފަހު 2:00 ޖެހި އިރު ރީތި ސޭންޑް ބޭންކުން ހަތަރު އެތުލީޓުން އެކުގައި ނައްޓާލި އެވެ. ރާޅުގުޑި ގާފަރާ ހަމައަށް ފޯރީ 3:45 އެހާކަންހާއިރު އެވެ.

މުޅި ގާފަރު އޮތީ ތައްޔާރުވެ އަތުރާލާފަ އެވެ. ކުދި ބޮޑު ދެ ޖިންސުގެ މީހުން ރާޅުގުޑި ބަލައިލަން އަތިރިމައްޗަށް ނުކުމެ ގޮނޑުދޮށަށް ފާބައި ތިއްބެވެ. އެންމެ މީހުންގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. ހީވީ ރަށަށް އީދެއް އައިސްގެން އުޅޭހެން ހީވެއެވެ. ކުޑަކުދިން ވަކިން ފޯރިފަށެއް ނެގި އެވެ.

އެ އެންމެންގެ ޝައުގުވެރިކަން ފެނިފައި ކައިޓް ސާފަރުން ގާފަރުގެ ފަޅުގެ ތެރޭގައި ވެސް އިރުތަކެއް ވަންދެން ކައިޓް ދުއްވައި ހުނަރު ދެއްކި އެވެ. އެ މަންޒަރުތައް ބަލަން ކުޑަކުދިން ހެވިފައި ތިބިއިރު ބޮޑެތި މީހުން އުޅުނީ ފޯނުގައި މަންޒަރުތައް ރައްކާ ކުރުމުގަ އެވެ.

މަސްކާށިން ހޫނު މަރުހަބާއެއް

ރާޅުގުޑި ލަފައި އެތުލީޓުން ގާފަރަށް ފޭބުމާއެކު، މާފަތިން މަރުހަބާ ކިޔެ އެވެ. އޭގެ ތެރޭގައި ވަރަށް ތަފާތު ފައްޗެއް ވެސް އޮތެވެ. އެ ފަތި ހާއްސަކުރީ އެއް އެތުލީޓު ކަމަށްވާ ޑެލިއޯއަށެވެ. އޭނާގެ ކަރަށް ވައްޓާލި ފައްޗަކީ މަހާއި ކާށިން ތައްޔާރުކޮށްފައިވާ ފައްޗެކެވެ. ޑެލިއޯ ބުނި ގޮތުން މާފައްޗަކަށްވުރެ އޭނާއަށް މަސްކާށި ފަތި މާ ކަމުދިޔަ އެވެ. މޫދުން ރަށަށް އަރާ ގަޑީ މަސްކާށި ކާލަން ލިބުމަކީ ސަޅި ކަމެކޭ އޭނާ ބުންޏެވެ.

ރާޅުގުޑި ދަތުރުގެ ހުރިހާ އެންމެނަށް ގާފަރު ކުރުނބާގެ މަރުހަބާ ކިޔުމަށްފަހު ގާފަރު އަންހެންވެރިން ގޮނޑުދޮށުގައި ދަމާލީ ބޮޑު ކޭމެއްގެ ސުފުރާ އެކެވެ. ހަގީގީ ދިވެހި ކެއުމެކެވެ. ރިހާކުރާއި ރިހާކުރު ދިޔަ އާއި ފިހުނު މަހާއި ބަތާއި ތެލުލި ފަތެވެ. ދެން ކިޔާނެ ކަމެއް ނެތެވެ. ދިވެހި ކެއުމެއްގައި ހިމެނޭ ހުރިހާ ނަމެއް ހުސްކޮށެވެ. ގާފަރުގެ އެ ކެއުމުގެ ރަހަ ވެސް ހަމަ އެހާ މީރެވެ. ގާފަރު އަންހެންވެރިންނަށް ޝުކުރިއްޔާ އެވެ! ހަނދާނަކުން ނުފިލާނެ އެވެ.

މިއަދުގެ ދަތުރު ނިންމާލާފައިވާއިރު ހަތަރު އެތުލީޓުން ވެސް މިއަދު ވަނީ ޖުމްލަ 50 މޭލަށް ކައިޓް ސާފުކޮށްފަ އެވެ.

ގާފަރުން ކީ ހޫނު މަރުހަބާއެކު ހިތްހަމަޖެހިފައި ތިބި އެތުލީޓުން ދެން ކަނޑަށް ނުކުންނާނީ މާދަމާ އެވެ. މާދަމާ ކާށިދޫއަށް މަންޒިލް ކުރާނެ އެވެ. ނަމަވެސް ވައި ހުންނަ ގޮތަކުން ދަތުރަށް ބަދަލެއް އަތުވެދާނެ އެވެ.