ރާޅު ގުޑި އިވެންޓް

ރާޅުގުޑި ބަނދަރަށް: ތުރާކުނަށް ތާރީހެއް!

ހއ. ތުރާކުނުން: ނާޒިމް ހަސަން
Jul 2, 2019
2

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ފެށި "ރާޅުގުޑި" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ދަތުރުގެ އެންމެ ފަހު މަންޒިލަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ. ތުރާކުނެވެ.

ތުރާކުނަށް މިއަދު ދަތުރުގައި ބައިވެރިވާ ހަތަރު ކައިޓް ސާފަރުން ނައްޓާލީ ހއ. ހޯރަފުށިން މިއަދު ހަވީރު އެވެ. މި ދަތުރުގައި ހދ. ކުޅުދުއްފުށީގެ ބައެއް ކައިޓް ސާފަރުން ބައިވެރިވި އެވެ. ތުރާކުނަށް މިއަދު ހަވީރު ކައިޓް ސާފަރުން އައުމާއެކު އެ ރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން ހާއްސަ ހަވީރުގެ ސަޔެއް އޮތީ ތައްޔާރުކޮށްފަ އެވެ. ރަށުގެ ކުޑަކުދިން ސަގާފީ ހެދުންތަކުގައި ޒީނަތްތެރިވެގެން ގޮނޑުދޮށަށް ނުކުމެ ތިއްބެވެ. މި ރަށުގެ ރައްޔިތުންނަށް މިކަންވީ ވަރަށް ހާއްސަ އަދި މުހިންމު ކަމަކަށެވެ.

ރަށު ކައުންސިލުން ވެސް ބުނި ގޮތުގައި މިފަދަ ހަރަކާތެއް ތުރާކުނުގައި ބާއްވާނެ ދުވަހަކަށް ރަށުގެ ރައްޔިތުން ތިބީ އިންތިޒާރުގަ އެވެ. މިފަދަ މުހިންމު އަދި ތާރީހީ އިވެންޓެއް ތުރާކުނުގައި ބޭއްވީ އަލަށް ކަމަށް ކައުންސިިލުން ބުނެ އެވެ.

ރާޅުގުޑީގެ ދަތުރު މިއަދު ނިންމާލާފައިވާއިރު މި ދަތުރު ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީގަ އެވެ. އައްޑޫ ސިޓީގައި ފެށި ދަތުރުގައި ކައިޓް ސާފުކުރަމުން ހަތަރު އެތުލީޓުން ވެސް ވަނީ ގިނަ ރަށްތަކަށް ޒިޔާރަތްކޮށްފަ އެވެ. ކޮންމެ ރަށަކުން ވެސް އެތުލީޓުންނަށް ހޫނު މަރުހަބާއެއް ކިޔެ އެވެ.

ސްލޯޓޭޕާއި މާފުށި ޑައިވް ގުޅިގެން އުފައްދާފައިވާ ރާޅުގުޑީގެ މި އަހަރުގެ މި އިވެންޓްގެ މަގުސަދަކީ ކައިޓް ސާފިން ރާއްޖޭގައި އިތުރަށް އިޝްތިހާރު ކުރުމާއި އެތުލީޓުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ. އަދި ދުނިޔެއަށް ރާއްޖެއަކީ ކައިޓް ސާފިންގެ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމެވެ.

ދަތުރުގެ އެއް އެތުލީޓު ކަމަށްވާ އާސިމް މުހައްމަދު (ސިންބެ) ބުނީ މި ދަތުރު މިހާ ކާމިޔާބުވެގެން ދިޔައީ މިކަމަށް ސަރުކާރުންނާއި އިވެންޓްގެ ސްޕޮންސަރުންގެ ފަރާތުން ލިބުނު އެހީގެ ސަބަބުން ކަމަށެވެ. އަދި ދަތުރުގެ ކުރޫގެ މަސައްކަތާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަކީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސަބަބު ކަމަށް ސިންބެ ބުންޏެވެ.

މި ދަތުރުގައި ދެން ބައިވެރިވީ ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީޒޫން އާއި އަހުމަދު ހަމްދާން (ހަންބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އެވެ. ހަތަރު އެތުލީޓުން ވެސް ތިބީ ދަތުރާމެދު ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި މި ޝަރަފުގައި ބައިވެރިވުމަށް ފުރުސަތު ލިބުމުން އުފަލުންނެވެ.

ހަރަކާތް ނިންުމުމުގެ ގޮތުން މިއަދު ތުރާކުނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްމީލެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިފަަދަ ހަރަކާތްތައް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުންދޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.