ލޯންޗުގައި ކޮޅަށް އަދި އިށީނދެ ވެސް އިންނަން އުނދަގުލެވެ. އެކިކޮޅު ކޮޅަށް ލޯންޗު ނަގާ ޖަހަނީ އެވެ. މިތިބީ ކާށިދޫ ބިޔަ ކަނޑުގެ މެދުގަ އެވެ. ބިޔަ، އޮޔެ ގަދަ ރާޅުތައް ނަގަމުންދާއިރު ދެ ފަރާތުން ފެންނަން އޮތީ ކަނޑެވެ. ލޮލު ކޮޅަށް ވެސް ރަށެއްގެ މަލަމަތި ފެންނަން ނެތެވެ.
އެކަމަކު، ލޯންޗާ މާ ދުރުން ފެންނަން ތިބީ ހާދަ ހިތްވަރު ގަދަ ހަތަރު އެތުލީޓުންނެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު އެ ހަތަރު އެތުލީޓުން އެ ދަނީ ކާށިދޫ ކަނޑުގައި ކައިޓް ސާފުކުރަމުންނެވެ. ވަޔަށް ބަރޯސާވެ އެމީހުންގެ "ރާޅުގުޑި" އެ ދަނީ އުދުއްސަމުންނެވެ.
ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފު ކުރުމުގެ މަގުސަދުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަނޑަށް ނުކުތް ހަތަރު އެތުލީޓުންނަކީ އާސިމް މުހައްމަދު (ސިންބެ) އާއި އަހުމަދު ހަމްދާން (ހަންބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި ޔޫރީޒޫން އެވެ.
ވައި ނެތުމުން ދެކުނުން އުތުރަށް ކައިޓް ސާފު ނުކުރެވުނު ނަމަވެސް ހަތަރު އެތުލީޓުން ވެސް ވަނީ މ. އަތޮޅުން ފެށިގެން ހއ. ތުރާކުނުއާ ހަމައަށް ކައިޓް ސާފުކޮށްފަ އެވެ. ބައެއް ފަހަރަށް ވަޔާ އެއްކޮޅަށެވެ. އަނެއް ބައި ފަހަރު ވައި މައްޗަށެވެ. މިއީ މިހާ ދިގު ރާސްތާއެއްގައި ރާއްޖޭގައި ކައިޓް ސާފުކުރި ހަތަރު އެތުލީޓުންނެވެ. އެމީހުންގެ ނަން އެވަނީ މިހާރު ތާރީހުގައި ލިޔެވިފަ އެވެ.
ފަނަރަ ދުވަހުގެ މި ދަތުރަކީ ހަތަރު އެތުލީޓުންނަށް ވެސް ގިނަ އާ ތަޖުރިބާތަކެއް ކުރެވުނު ދަތުރެކެވެ. ދަތުރު އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ސިންބެ ކިޔައިދިން ގޮތުގައި މި ދަތުރަކީ ވަރަށް އުނދަގޫ ދަތުރެކެވެ. ރާއްޖޭގެ ވައި އެއްވެސް ވަރަކަށް ދިރާސާ ކުރެވިފައިނުވާއިރު ދަތުރު ފެށުމުގެ ކުރިން ތަޖުރިބާާކާރުން ލަފާ ކުރި ގޮތާ ދަތުރުގެ މުއްދަތުގައި ވައި ޖެހުނު ގޮތް މުޅިން ތަފާތެވެ. އޭގެ ސަބަބުން މުޅި ޕްލޭން ބަދަލު ކުރަން ޖެހުނު ކަމަށެވެ.
"ވަރަށް އުނދަގޫ ބައެއް ދިމާދިމާގައި، ވައި މައްޗަށް ދުއްވަން އެބަޖެހޭ، ވަރަށް ދަތިތަކާ ވެސް ކުރިމަތިވި، އެކަމަކު އެ ހުރިހާ އުނދަގުލަކުން އައިސް ވެސް މިހާރު މިއޮތީ ދަތުރު ނިމިފަ،" ސިންބެ ބުންޏެވެ. "ބޮޑެތި ކަނޑުތައް ހުރަސްކުރާ ވަގުތަކަކީ ވަރަށް ހަނދާން ހުންނާނެ ވަގުތުތަކެއް، އެއްވެސް ތަނެއް އެއްވެސް ދޯންޏެއް ފެންނަން ނުހުރޭ، ކަނޑުމަތިން ފެންނަން ހުންނަނީ ހަތަރު އެތުލީޓުން އެކަނި، ކީކޭ ބުނާނީ އެއީ ހަނދާނުން ނުފިލާނެ ކަމެއް، ހާއްސަކޮށް ކާށިދޫ ކަނޑުގައި،"
ބޮޑެތި ކަނޑުތަކެއް ނަމަވެސް ޑެލިއޯ ވެސް ކައިޓް ސާފުކޮށްލީ ޖެހިލުމެއް ނެތި، މިއީ ހިތްހަމަޖެހުމެއް ކަމަށް ދެކިގެންނެވެ. އޭނާއަށް އެންމެ އުނދަގުވީ ތިލަފުށިން ގާފަރަށް ކުރި ދަތުރެވެ. ވަރަށް ހިތްވަރު ނެރެން ޖެހުނެވެ. އެ ހިތްވަރާއެކު ވެސް ޑެލިއޯ ގޮސް ގާފަރަށް ކައިޓްގައި އެރި އެވެ. އެ ރަށުން ކީ ހޫނު މަރުހަބާއެކު ލިބުނު އުފަލާއެކު ރަށުގެ ރައްޔިތުންނަށް ކައިޓްގައި ވަރަށް ޗަރުކޭސް ވެސް އޭނާ ދައްކާލި އެވެ.
"ވަރަށް ހިތްހަމަޖެހޭ ކާށިދޫ ކަނޑުގައި ދުއްވާލި ދުއްވުން، ހަތަރު މީހުން ވެސް ތިބީ ވަރަށް ދުރުދުރުގަ، އެއީ އެންމެ އަރާމް އެއް ވަގުތުކޮޅު، އެހެން އެކަނި ބިޔަ ކަނޑުގައި ދުއްވާލާފަ ދާއިރު ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ، ބުނެދޭން ވެސް ނޭނގޭ،" ޑެލިއޯ ބުންޏެވެ.
ހަންބެއަށް މި ދަތުރުވީ ހީކުރި ވަރަށްވުރެ ވެސް ފޯރިގަދަ ދަތުރަކަށެވެ. ދެކުނުން އުތުރަށޭ ބުނުމުން ފުރަތަމަ ހަންބެ ހާސްވެސްވި އެވެ. ބޮޑެތި ކަނޑުތަކުގައި ދުއްވާނީ ކިހިނެއްބާވައޭ ވެސް ހިތަށް އެރި އެވެ. އެކަމަކު ޓީމެއްގެ ގޮތުގައި އެތުލީޓުން ދުއްވަން ފެށުމާއެކު އެ ހާސްކަން ފިލި އެވެ. ދުއްވި ވަރަކަށް މީހާއަށް އިތުރު ހިތްވަރާއި ޖޯޝް ލިބުނެވެ. އެ ރާޅުތަކާއި ބާނިތަކަށް ހަންބެ ވަރަށް އަވަހަށް ހޭނުނެވެ.
"ވަރަށް އުފާވޭ ބޮޑެތި ކަނޑުތަކުގައި ދުއްވާފައިދާއިރު، އެއްވެސް ތަނެއް ފެންނަން ނުހުރެ ދާން އޮންނަ މަންޒިލްގެ އެންމެ އުސް ގަސް ނޫނީ އެންޓަނާ ލޮލު ކޮޅަށް ފެންނަ ވަގުތަކީ ވެސް ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރުވާ ވަގުތެއް، މީހުން އާދެވެނީއޭ ހިތަށް އަރާ، އޭރު މީހާ ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ، ރަށް ފެނުމުން އެނގޭ މަންޒިލާ ގާތްވީކަން،" ހަންބެ ބުނެލި އެވެ.
ވަރުބަލި ފިލުވައިދިނީ ރަށްރަށުގެ އުފާވެރި މޫނުތައް!
ދުނިޔޭގެ ޗެމްޕިއަން، ޔޫރީއަށް މި ދަތުރު އަދި ވަކިން ހާއްސަ އެވެ. މީގެކުރިން އޭނާއަށް ވެސް ފެންނަނީ އަދި ތަޖުރިބާކޮށްލަން ވެސް ލިބެނީ ރިސޯޓްތަކުގެ ރީތިކަމެވެ. ރާއްޖޭގެ ބިޔަ ކަނޑުތަކާއި ފަޅުތަކާއި ރަށްތަކާއި ފިނޮޅުތަކުގެ ރީތިކަން އޭނާއަށް އޮތީ ވަންހަނާވެފަ އެވެ.
"އަބަދުވެސް މި ފެންނަނީ ރާއްޖޭގެ ރިސޯޓްތައް، އެތަންތަން ވެސް ވަރަށް ރީތި، އެކަމަކު މިފަހަރު ދިވެހިންގެ ސާދާ ދިރިއުޅުން ފެނިއްޖެ، ދިވެހި ކެއުންތައް ފެނިއްޖެ، އެ ހިތްގައިމު ދިރިއުޅުން ތަޖުރިބާ ވެއްޖެ، އެ މަންޒަރުތައް ދައްކާލާ ތަޖުރިބާކޮށްލަން ލިބުނީމަ ވަރަށް އުފާވޭ،" ޔޫރީ ބުނެލި އެވެ.
ދެކުނުން އުތުރަށް ކައިޓް ސާފުކުރުމުގެ ދަތުރުގައި މީހުން ދިރިއުޅޭ 30 ރަށަށް އެތުލީޓުން ދިޔަ އެވެ. އެއިން ކޮންމެ ރަށަކުން ވެސް އެތުލީޓުންނަށް މަރުހަބާކީ "ރައީސުންގެ ފެންވަރުގަ" އެވެ. މަރުހަބާ ކިޔުމަށް މުޅި ރަށް ތައްޔާރުވެ، ކެއުންތައް ތައްޔާރުކޮށްފައި ހުއްޓެވެ. ސަގާފީ ލަވަތަކަށް ނަށާލައި ގިނަ ހަދިޔާތަކެއް ވެސް އެތުލީޓުންނަށް ދިނެވެ. ހަތަރު އެތުލޯޓުންނަށް ވެސް މިއީ އެންމެ ބޮޑު އެއް އުފަލެވެ. ބިޔަ ކަނޑުތަކުގައި ކައިޓް ސާފުކޮށް އަންނައިރު ވަރުބަލިކަން ފިލުވައިދެނީ އެ މަންޒަރުތައް ފެނުމުންނެވެ.
ރަށްރަށުން ޔޫރީއާއެކު ސެލްފީ ނަގާލައި ފޮޓޯ ނެގުމަށް އަދާޔާ ހިލާފު ފޯރިއެއް ވެސް ފެނިގެންދިޔަ އެވެ. އެތައް އިރެއްވަންދެން ހިނިތުންވުމާއެކު ޔޫރީއަށް އެކަމުގައި ހުންނަން ޖެހެ އެވެ. ގިނަ ފަހަރަށް ކާލަން ވެސް ވަގުތެއް އޮންނަނީ ނުވެފަ އެވެ.
"ކޮންމެ ރަށެއްގައި ވެސް ގިނަ ބަޔަކު އެއްވެ އޮވޭ، އެންމެން ވެސް ބޭނުންވޭ ސަލާންކޮށްލާ ސެލްފީ ނަގަން، ވަރަށް އުފާވޭ އެހެން މީހުން އެއްވެ ތިބޭތީ، ރަށަށް ދެވޭއިރު ހުންނަނީ ވަރަށް ވަރުބަލި ވެސް ވެފަ، ދެން މިޖެހެނީ ފޮޓޯ ނަގަން ކޮޅަށް ހުންނަން، އެކަމަކު އެއީ ލިބޭ ހިތްވަރަކީ އަދި މިކަން އިތުރަށް ކުރިއަަށް ގެންދަން އާވި އަޒުމަކީ،" ޔޫރީ ބުންޏެވެ.
މާފުށީގެ މަޝްހޫރު ވޯޓާ ސްޕޯޓްސް ހިދުމަތްދޭ "މާފުށި ޑައިވް"ގެ ވެރިޔާ، ސިންބެ ވެސް ބުނި ގޮތުގައި ރަށްރަށުން އެތުލީޓުންނަށް ލިބުނު ހޫނު މަރުހަބާއަކީ އެންމެ ބޮޑު ހިތްވަރެވެ. އެއް ރަށުން ލިބޭ މަރުހަބާ އާއި އެއްބާރުލުން ފެނިފައި އަނެއްކާވެސް އިތުރު ރަށަކަށް ދާން ބޭނުންވާ ކަމަށެވެ.
"ރަށްރަށުން ވަރަށް ގިނަ ކުޑަކުދިން ދިމާވި، ކުދިންގެ ހުންނަ ޝައުގުވެރިކަން ފެނިގެން ދިޔަ، އަސްލު އެއީ މަގުސަދަކީ، ކުދިން މިއަށް ޝައުގުވެރިކުރުވުން،" ސިންބެ ބުންޏެވެ. "ދުވަސްވީ މީހުންނާ ވެސް ބައްދަލުވެ އެމީހުންގެ ތަޖުރިބާތަކާއި އަހަރެމެންގެ ތަޖުރިވާތައް ވެސް ހިއްސާ ކުރެވުނު، އެމީހުން ވެސް ވަރަށް ހައިރާންވެފަ ތިބީ އަހަރެމެން މިކަން މިގޮތަށް ކުރާތީ،"
"ވަރަށް އާ ވެފަ ހުރީ، ރަށްރަށާ ކައިރި ކުރާއިރު މީހުން ޖަމާވެ، ސަލާން ކުރަން ސަފު ހަދާލާފަ ތިބެނީ، ތަފާތު ތަޖުރިބާއެއް މިއީ، އެއީ ވަރަށް ބޮޑު އުފަލެއް، ދެން ހަމަ ކުޑަކުދިންތައް، ވަރަށް ދުއްވާ ހިތުން އެމީހުން ތިބެނީ، ވަރަށް ބޭނުން އެ ކުދިންނަށް ދަސްކޮށްދޭން،" ޑެލިއޯ ބުންޏެވެ.
ޑެލިއޯއެކޭ އެއްގޮތަށް ހެންބެ ވެސް ހުރީ ރަށްރަށުން ކުދިންގެ ފަރާތުން ފެނުނު ޝައުގުވެރިކަމާމެދު ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބޭނުން ވަނީ ވީއެންމެ އަވަހަކަށް އެ ރަށްރަށަށް ދަތުރުކޮށް އެ ކުދިންނާއެކު ކައިޓްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ.
"ބައެއް ކުދިން ކައިރިއަށް އައިސް އަހާ ދަސްކުރާނީ ކިހިނެއްތޯ ވެސް، ސޯޝަލް މީޑިއާއިން ވެސް ވަރަށް ގިނަ ކުދިން އެހި، ބައެއް ކުދިން ރިކުއެސްޓް ވެސް ކުރި ރަށްރަށް ގޮސް ދަސްކޮށް ދޭން، ވަރަށް ބޮޑު އުއްމީދެއް އެއީ އެ ކުދިންނަށް ދަސްކޮށްދިނުން،" ހަންބެ ބުންޏެވެ.
މި ދަތުރު ހަންބެ ނިންމާލީ ކަމެއްގެ އުއްމީދުގަ އެވެ. "މިގޮތަށް އެއިން ކުއްޖަކު އިންޓަވިއުއެއް ދޭއިރު އަޑު އަހާލަން ބޭނުންވޭ އޭނާ ކައިޓް ސާފުކުރަން ފެށީ މިހެން ރަށް ކައިރިން ހަތަރު ކައިޓެއް ދާ ތަން ފެނިގެނޭ، އެ ކައިޓްތަކޭ މިކަމަށް ޝައުގުވެރިކަން އުފެއްދީ،"
ޔޫރީ ވެސް ދަތުރު ނިންމާލީ އޭނާގެ އެކުވެރި އަދި ވާދަވެރި ކައިޓް ސާފަރުންނަށް ވެސް ރިކުއެސްޓެއް ކުރަމުންނެވެ؛ "ރާއްޖެ އާދޭ، މިއީ ކައިޓް ސާފުކޮށްލަން ހަމަ ބަރާބަރު ތަނެއް، ރީތި ވިލު ނޫކުލައިގެ ފަޅުތަކުގައި ކައިޓް ސާފުކޮށްލާފައިދާއިރު ރާއްޖޭގެ ހަގީގީ ރީތިކަން ފެންނާނެ، އަވަހަށް އާދޭ،"!