ރިޕޯޓް

ސްލޯޓޭޕުން ގާޑަން ތެރޭ އުދުހިލާން!

"ގާޑަން ތެރޭ އުދުހިލާން"، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު 20 މިނެޓް ހޭދަކޮށްލަން ބޭނުންވޭ ހެއްޔެވެ؟ އެހެންވާނަމަ، މިއީ ކޮންމެހެން ބަލާލަންވީ ވީޑިއޯއެވެ.

ކުރު ފިލްމެކެވެ. ރާއްޖޭގެ ހިތްގައިމުކަމާއި ރީތި ގުދުރަތީ މަންޒަރުތަކުން ފުރިފައިވާ ފުރިހަމަ ވީޑިއޯއެކެވެ. އެތުލީޓުންތަކެއް ޝުއޫރުތަކާއި އެމީހުންގެ އުފާވެރި އެތައް ވަގުތެއް ކިޔައިދިން ވަރަށް ނަލަނަލަ ދިވެހި މަސައްކަތަކަށެވެ.

"ގާޑަން ތެރޭ އުދުހިލާން،" މި ފިލްމަކީ ކުޅިވަރާއި ތިމާވަށި އަދި މޫދަށް ހާއްސަ ޑޮކިއުމެންޓްރީތައް ހެދުމަށް ސްލޯޓޭޕްގެ ހުނަރުވެރި މަސައްކަތެކެވެ.

ކުރު ފިލްމް ހަދާފައިވަނީ މިފަހުން ބޭއްވި "ރާޅުގުޑި ކޭމްޕް"ގެ ތެރެއިންނެވެ. ފިލްމްގެ "ހީރޯއިންނަކީ" ޕޮލަންޑްގެ ކުޅަދާނަ ކައިޓް ސާފަރު، ކަރޮލީނާ ވިންކޮއިސްކީ އާއި ރާއްޖޭގެ އެންމެ ކުރިއަރަމުން އަންނަ ކައިޓް ސާފަރު ހަންޓޭގެ އިތުރުން ޑެލިއޯ އެވެ.

ރީތި ގޮނޑުދޮށްތަކާއި އުދުހިލާ ދޫނިތަކާއި ނޫކަނޑާއި ވިލު ފަޅާއި ރަށްރަށުގެ ފެހި މަލަ މައްޗާއި ރަށްފުށު ދިރިއުޅުމުގެ މަންޒަރުތަކުގެ ތެރެއިން ތިން އެތުލީޓުންގެ ފޮނި ތަޖުރިބާތައް ހިއްސާ ކުރެ އެވެ. ފަހުރުވެރިވާ ވަގުތުތަކާއި ހިތްހަމަޖެހޭ ވަގުތައް ކިޔައިދެ އެވެ.

ކައިޓްގައި އުދުހިލާ ކަނޑުގައި ދަތުރުކޮށްލާއިރު އެ ފެންނަ މަންޒަރުތަކާއި އެ ލިބޭ ހިތްހަމަޖެހުން އެމީހުން ކިޔައިދެމުން ދަނީ ހިނިތުންވުމާއެކު އެވެ. ފަހަތުގައިވާ ހިތްގައިމު މިޔުޒިކާއެކު ގައިން ހީބިހި ނަގާލާ ފަދަ އެތައް މަންޒަރެއް މި ފިލްމްގައިވެ އެވެ.

މިހާ ހިސާބުން ފިލްމް ބެލުމަށް ދޫކޮށްލާނަމަ އެވެ. އެކަމަކު، މީގެ މަސައްކަތް ކޮށްފައިވާ ސްލޯޓޭޕްގެ ތައާރަފެއް ދޭނަމެވެ.

ސްލޯޓޭޕަކީ މީގެ ހަތް އަހަރު ކުރިން ވީޑިއޯ ޑޮކިއުމެންޓްރީ ޕްރޮޑަކްޝަނަށް ޝައުގުވެރިވާ ތިން ޒުވާނަކު އިސްވެ ތިބެ އުފެއްދި ދިވެހިން ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެކެވެ.

ރެޑްބުލްއިން ރާއްޖޭގައި ކުރިއަށް ގެންދާ ގިނަ އިވެންޓްތަކާއި ޕްރޮޖެކްޓްތަކުގެ ޑޮކިއުމެންޓްރީ ހަދަނީ ސްލޯޓޭޕުންނެވެ. އެގޮތުން ރާއްޖޭގައި ރެނދަންލުމާ ގުޅޭ ގޮތުން ސްލޯޓޭޕުން ވަނީ ރެޑްބުލްއާއެކު ޑޮކިއުމެންޓްރީއެއް ހަދާފަ އެވެ. އޭގެ އިތުރުން ރެޑްބުލްގެ ސްކޭޓް ޕާކް ޑޮކިއުމެންޓްރީ ވަކިން ފާހަގަކޮށްލެވެ އެވެ.

ދިވެހިންގެ މެދުގައި މިހާރު ވަރަށް މަގުބޫލު "ރާޅުގުޑި"އަކީ ވެސް އެމީހުންގެ ހިޔާލެކެވެ. "ރާޅުގުޑި"އަކީ ރާއްޖޭގައި ކައިޓް ސާފިން ކުރިއަރުވައި ދިރުވުމަށް އުފައްދާފައިވާ ތަނެކެވެ. އޭގެ އެއް ފައުންޑާއަކީ ސްލޯޓޭޕެވެ. އަނެއް ފައުންޑާއަކީ "މާފުށި ޑައިވް" އެވެ. ދެހާސްފަނަރަވަނަ އަހަރު އުފެއްދި "ރާޅުގުޑި" މިހާރު ވަނީ ބޮޑު ބްރޭންޑަކަށްވެފަ އެވެ. ކައިޓް ސާފިންގެ ދިވެހި ނަމަކަށް ވެސް ވެފައި އޮންނަނީ އެމީހުންގެ ބްރޭންޑް ނޭމް، "ރާޅުގުޑި" އެވެ. އެ ނަމަކީ ވެސް ސްލޯޓޭޕްގެ ފަންނުވެރި ޒުވާނަކު އުފެއްދި ނަމެކެވެ.

ސްލޯޓޭޕްގައި ވަރަށް ހުނަރުވެރި އެތައް ޒުވާނުންނެއް މަސައްކަތް ކުރަމުންދެ އެވެ. އެމީހުން ކޮލިޓީ ހަމަ ގައިމު ވެސް މި މަހުގެ ދެވަނަ ދުވަހު ނެރެފައިވާ އެ ފިލްމުން ވަޒަންކޮށްލެވޭނެ އެވެ.