ރިޕޯޓް

އަވަސްގެ "ފަށަމާ" އަށް ސަތޭކަ

އަވަސް އޮންލައިނުން ކޮންމެ ދުވަހަކު ހެނދުނު 9:00 ޖާހާއިރު ގެނެސްދޭ މޯނިން ޝޯ، "ފަށަމާ" އާ ބެހޭ ގޮތުން ބައެއް ބޭފުޅުން ވިދާޅުވި ވާހަކަތައް އެއްކޮށްލުމުން އޮންނާނީ މިކަހަލަ އިބާރާތްތަކެވެ: ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސޯދީ އަދި އިޖްތިމާއީ ހާލަތާބެހޭ ކްރިޓިކަލް، ބެލެންސް އޭންގަލަކުން ވާހަކަ ދައްކާ މައުލޫމާތު ދެއެވެ. ތާރީހީ މުހިންމު ދުވަސްތަކާއި ހާދިސާތަކުގެ މައުލޫމާތު ލިބެ އެވެ. ހަބަރު ތަފުސީލްތަކުގެ އިތުރުން ހިތަށް މަޑުމޮޅިކަން ގެނެސްދޭ ދީނީ އަގުހުރި ދަރުސްތައް ހިމެނެ އެވެ. ހިނލައި މުނިފޫހިފިލުވައި ވެސް ލެވެއެވެ. އެހެންވެ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ދުވަސް ފަށަނީ "ފަށަމާ" އިންނެވެ. އެއީ ދުވަސް ފަށަން ސަތޭކައިގެ ޝޯއެކެވެ.

މިއަދަކީ "ފަށަމާ" އަށް ވަރަށް ހާއްސަ ދުވަހެކެވެ. ނޮވެމްބަރު 24، 2019 އިން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން ފެށިގެން ގަޑިއެއްހާއިރަށް ކުރިޔަށް ގެންދާ މި ޝޯގެ 100 ވަނަ އެޕިސޯޑްއާ ހަމައަށް އާދެވުނީ އެވެ.

"ފަށަމާ" އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން ނޫހަކުން ގެނެސްދޭ މޯނިން ޝޯ އެވެ. އަވަސްގެ ޗީފް އެޑިޓަރު އަދި މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމާއި ކުޅަދާނަ ޕްރެޒެންޓާ އަދި އަވަސްގެ ސެކްޝަން އެޑިޓަރު އަހުމަަދު ހަމީދު އާދަމް ހުށަހަޅައިދޭ މި ޝޯގެ ފުރަތަމަ 100 ދުވަސް ހަމަވި އިރު "ފަށަމާ" ވަނީ ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދާފަ އެވެ.

"ރެގިއުލާކޮށް ޕްރޮގްރާމެއް ގެނައުން އެއީ އާންމުކޮށް ވާކަމެއް ނޫން... އެޑަމްއާ ހަމީދު، އެ ދެ ބޭފުޅުން ޕްރޮގްރާމް ގެނައުމުގައި ވަރުބަލިކަމެއް ނެތި މިއަދާ ހަމަޔަށް އާދެވުމަކީ ވަރަށް ހިތްގައިމު ކަމަކަށް އަޅުގަނޑަށްވީ... އަނެއްކަމަކީ މުޅި ދުވަހުގެ އެއް ގަޑިއިރުން ހުރިހާ މައުލޫމާތެއް އެޑަމްއާއި ހަމީދުގެ މަޖާ ބަހުރުވައިން ތިލަކޮށް ގެނެސްދޭ އިރު ހެނދުނުގެ ނާސްތާއާ އެކުގައި ޑައިޖެސްޓުކޮށްލަން ފަސޭހަ ވެގެން ދޭ،" ރާއްޖެ ޓީވީގެ ކުރީގެ ސީއީއޯ އަދި މިހާރު އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވި އެވެ.

"ފަށަމާ" ގައި ހުށަހަޅައިދޭ ޕްރެޒެންޓަރުންގެ ތެރެއިން މޫންޑޫ ނުވަތަ އެޑަމްއަކީ ރާއްޖޭގެ އެންމެ މަތީފެންވަރުގައި ނޫސްވެރިކަން ކުރައްވާ އަދި ނޫސްތަކެއް އުފައްދާ ކޮޅަށް ނަގައިދެއްވި ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. ވަރަށް ގިނަ ނޫސްވެރިން އުފައްދައިދިން، ދިވެހި ނޫސްވެރިކަމުގައި ވަރަށް ބޮޑު ބްރޭންޑެކެވެ. ނަމަވެސް ޓީވީއަށް ނުވަތަ ކެމެރާ ކުރިމަތީ ވާހަކަ ދެއްކުން ފަދަ ކަންކަމުގައި މީގެ ކުރިން އެއްވެސް ވަރަކަށް މުންޑޫ ފެނިފައެއް ނުވެ އެވެ. އަދި ވާހަކަ ދެއްކުމާއި ޕްރެޒެންޓު ކުރުމަކީ އެޑަމްއަށް ކުރެއްވިދާނެ ނުވަތަ ޝައުގުވެރިވެ ވަޑައިގަންނަވާ ކަމެއް ކަން ވެސް އެއްވެސް ބަޔަކަށް މީގެ ކުރިން އެނގިފައެއް ނޯވެ އެވެ. އެއާހިލާފަށް އެންމެނަށް ވެސް އެނގިފައި އޮންނަނީ ވަރަށް ސީރިއަސް ވަރަށް ތަފާތު ނޫސްވެރިއެއްގެ ގޮތުގަ އެވެ.

ނަމަވެސް "ފަށަމާ" ޝޯ ވެގެން ދިޔައީ ގިނަ ބަޔަކަށް އެޑަމްގެ އެހެން ލުއިފަރާތާއި މައުލޫމާތުގެ މުއްސަނދިކަމުގެ އިތުރުން ވާހަކަ ދެއްކެމުގެ އާ ހުނަރު ފެނިގެން ދިޔަ ޝޯއަކަށެވެ. ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ތަޖުރިބާއާ އެއްވަރަށް އޭނާގެ ވާހަކަ ދެއްކުމުގެ ހުނަރު ވެސް "ފަށަމާ" އިން ފެނިގެން ދިޔަ އެވެ.

މީގެ އިތުރުން އެޑަމް ދަންނަ ވަރަށް ގިނަ މީހުންނަށް ނުފެނަ އެހެން ކަމެއް ވެސް "ފަށަމާ" އިން ފެނިއްޖެ އެވެ. އެއީ އޭނާގެ ސަމާސާ ވާހަކަތަކާއި "ފަށަމާ" ގެ ސިގުނޭޗާއަކަށް ވެސް ވެގެން ދިޔަ އޭނާގެ ހިނިގަނޑެވެ. "ފަށަމާ" ގެ 100 ހަމަކޮށްފައި ވަނީ އޭނާގެ ސަމާސާއިން ބެލުންތެރިން އެންޓަޓެއިން ކުރުވައިގެނެވެ. އަދި އެކަންވީ ވަރަށް ގިނަ ބަޔަކަށް ހާއްސަކޮށް ރާއްޖޭގެ ގިނަ ނޫސްވެރިންނަށް އޭނާގެ ކިބައިން ފެނިގެން ދިޔަ ތަފާތު ކަމަކަށެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން ނޫހަކުން ކުރިޔަށް ގެންދާ މޯނިން ޝޯ މިއީ... އަޅުގަނޑު ހިތަށް އެރީ ބައިވެރިވެލައި މިކަން ވެސް ކޮށްލެވޭތޯ ބަލައިލާނީއޭ... އެ ޝައުގުވެރިކަން ބޮޑަށް އައީ ނޫސްވެރިއެއްގެ ގޮތުގަ އާއި ލިޔުންތެރިއެއްގެ ގޮތުގައި ފެނުނު ނަމަވެސް ވާހަކަ ދެއްކުންތެރި ކަމަކީ ވެސް އަޅުގަނޑު ޝައުގުވެރިވާ އެކަމަކު ފުރުސަތެއް ލިބިފައި ނެތް ކަމަކަށް ވުމުން. ހަމަ އެއާއެކު ވަރަށް ގިނަ މައުލޫމާތު އަޅުގަނޑުގެ ސިކުނޑީގައި ރައްކާ ކުރެވިފައި ހުރުމުން އެ ބޭރުކޮށްލަން ވެސް ބޭނުންވެގެން ފުރުސަތުގެ ބޭނުން ހިފީ، ހަމީދާއެކުގައި ވުމުން އަޅުގަނޑަށް ވަރަށް ފަސޭހަވި ސަބަބަކީ އަޅުގަނޑުމެން ދެމީހުން އެކުގައި ވަގުތު ހޭދަކޮށް، ހީނ ސަމާސާކޮށް އުޅޭތާ އަހަރުތަކެއް ވެއްޖެ،"

"ފަށަމާ" ގެ 100 ޝޯއަކީ މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ހަމީދުގެ ޝޯ ހުށަހަޅައި ދިނުމުގައި ވަރަށް ކުޑަކުޑަ މިންވަރެކެވެ. އެހެން ނަމަވެސް މުޅި "ފަށަމާ" ހަމީދަށް ވެފައި އޮންނަނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ.

"ރާއްޖޭގެ އޮންލައިނަކުން ގެނެސްދޭ ފުރަތަމަ މޯނިން ޝޯއެއްގެ ޕްރެޒެންޓަރަށް ވުމަކީ ތާރީހެއް... އަދި ލިބުނު ޝަރަފެއް އޭގެ އިތުރަށް މެދުނުކެނޑި 100 ޝޯ ގެނެސްދެވުމަކީ ބޮޑު ކާމިޔާބީ އެއް. އެއަށްވުރެ ބޮޑަށް އެޑަމްގެ ކަހަލަ ކުޅަދާނަ ނޫސްވެރިއެެއް އަދި އެހެން މީހުނާ މުޅީން ތަފާތު ކެރެކްޓާއެއްގެ ބޭފުޅަކާއެކު މަސައްކަތް ކުރެވޭތީ ވަރަށް ހިތްހަމަޖެހޭ. މިީ ކެރިއާގައި އެންމެ ހިތް ހަމަަ ޖެހިގެން ހުށަހަޅާ ޝޯ," ވީޓީވީގައި 10 އަހަރު ޕްރެޒެންޓް ކުރި ހަމީދު ބުންޏެވެ.

"ފަށަމާ" ޕްރެޒެންޓަރުންގެ ތެރޭގައި އަަވަސްގެ ބިޒްނަސް އެޑިޓާ މުހައްމަދު އަފްރާހާއި ސީނިއާ ޖާނަލިސްޓެއް ގޮތުގައި އަވަސްގައި މަސައްކަތް ކުރުމަށް ފަހު މިހާރު ސްޓެލްކޯގެ ވަޒީފާގައި ހުރި އަހުމަދު މުހައްމަދު (އޭޑީ) އަކީ ވެސް ހިމެނެ އެވެ. "ފަށަމާ" ގެ ޕްރޮޑިއުސަރަކީ އަހުމަދު ރަމީޒް (އަންދު) އެވެ.

"ފަށަމާ" އަށް 100 ހަމަވި އިރު ގިނަ ބެލުންތެރިންނަށް އެންމެ ކަމުދާ އެއް ސެގްމަންޓަކީ ޝޯގެ ތެރެއިން ގެންނަ ވާހަކަ އެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ލާރާގެ ވާހަކަތަކަށް އަޑު އަޅައިގެން ޝޯގެ ތެރެއިން ގެނެސްދިނުން ވެފައި ވަނީ އެތައް ބަޔަކު މި ޝޯއަށް ކޮންމެ ދުވަހު އިންތިޒާރު ކުރާ އެއް ސަބަބަށެވެ. ލާރާގެ ވާހަކަތައް ގަވައިދުން މި ޝޯއިން ގެނެސްދެ އެވެ.

އަދި ޝޯގައި ހިމެނޭ ދީނީ ނަސޭހަތުގެ ބަސްކޮޅަކީ ވެސް ޝޯއަށް ގެނެސްދޭ ފުރިހަމަ ކަމަކަށް ވެފައި ވެއެވެ. އެއީ ބައެއް ދުވަސްތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލިޔުއްވުން ތަކެވެ. އެ ބައި ޝޯގައި ގެނެސްދެނީ ރާއްޖޭގެ އެންމެނަށް ވެސް ކަމުދާ ހަމީދުގެ އަޑުންނެވެ.

"ދިވެހިންނަކީ އަބަދުވެސް ދީނަށް ލޯބި ކުރާ ބައެއް، ފަށަމާ ޝޯގެ ގެނެސްދޭ ދީނީ ކޮމްޕޯނަންޓް އަދި ދީނީ ނަސޭހަތުގެ ބަސްކޮޅަކީ މި ޝޯގެ އެންމެ މުހިންމު ބައި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަވަސް އޮންލައިނަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކިޔާ ބަލާ އެއް ނޫސް. އަދި މި ޝޯއަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޮންލައިން ނޫހަކުން ގެނެސްދޭ އެންމެ ރަނގަޅު އެއް ޝޯ،" ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

"ފަށަމާ" ގެ ބައިތަކުގެ ތެރޭގައި ތާރީހަކީ ފާހަގަ ކޮށްލެވޭ އެއް ބައެވެ. ޝޯގެ ތެރެއިން ތާރީހީ އެކި ވާހަކަތައް އެޑަމް ވިދާޅުވެ ދެއްވަ އެވެ. ކޮންމެ ދުވަހެއްގެ ތާރީހެއްގައި މީގެ ކުރިން ހިނގާފައި ހުރި ބޮޑެތި ހާދިސާތަކާއި މުހިންމު ކަންކަން ފާހަގަކޮށް އެކަމާ ބެހޭ ގޮތުން ތަފާތު މައުލޫމާތުތައް ބަންޑުން ވެއެވެ.

"ތާރީހީ އެކިއެކި މައުލޫމާތުތައް އެ ދުވަހާ ގުޅިގެން އެތައް އަހަރެއް ކުރިން ހިނގާފަ ހުރި ކަންކަމުގެ މައުލޫމާތުތައް އެއީ ހަމަ ގައިމު ވެސް މިއަދުގެ ޒުވާނުންނަށާއި ޕްރޮގްރާމް އަޑުއަހާ ބޭފުޅުންނަށް ވަރަށް ގިނަ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ޕްރޮގްރާމެއް،" މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހަސަން ޝާކިރު ވިދާޅުވި އެވެ.