ރާޅު ގުޑި އިވެންޓް

ތުރާކުނުގެ ސާދާ ދިރިއުޅުމާއި ރީތި މަންޒަރުތައް!

ހއ. ތުރާކުނުން: ނާޒިމް ހަސަން
Jul 3, 2019
2

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ، ހއ. ތުރާކުނަށް އިއްޔެ ހަވީރު ދެވުނެވެ. އޭރު ރަށުގެ ގޮނޑުދޮށް އޮތީ "ރާޅުގުޑި" ދަތުރުގެ ނިންމާލުމުގެ ރަސްމިއްޔާތަށް ތައްޔާރަށް ކޮށްފަ އެވެ. ރަށުގެ ގިނަ ރައްޔިތުން ތިބީ ގޮނޑުދޮށުގަ ތިބިިއިރު ރަށުން ފެނުނީ ހިތްއުފާ ކޮށްދޭ ފަދަ އިހުގެ ދިވެހިންގެ ސާދާ ދިރިއުޅުމުގެ މަންޒަރުތަކެެވެ.

ޒީނަތްތެރިކޮށް، މަރުހަބާ ކިޔަން ނެރެފައި ތިބީ ކުޑަކުދިންނާއި ޒުވާން އަންހެން ކުދިންނެވެ. ރަށުގެ އެހެން އަންހެންވެރިން ތިބީ ގޮނޑުދޮށުގައި ހެދިފައިހުރި ގަސްތަކުގެ ދަށުގައި ފާޑަކަށް ފިލަ އެވެ. ދޭތެރެ ދޭތެރެ ބޯ ދިއްކޮށްލާ މަންޒަރު ބަލާލާ އެވެ. ހީވަނީ ކެމެރާއަކަށް އަރައިދާނެތީ ލަދުން އުޅޭ ހެނެވެ. އެކަމަކު، ރަށަށް އަރާ މެހެމާނުންނަށް ކޮންމެ މީހަކު ވެސް ހިނިތުންވުމަކުން މަރުހަބާ ކިޔާލަ އެވެ.

ރަށުގެ ފިރިހެންވެރިން ވެސް އެ ސަރަަހައްދުގައި ހުރި ހިޔާ ދޭ ގަސްތަކުގައި އެލުވާފައިހުރި އުނދޯލިތަކުގައި ތިއްބެވެ. ބައެއް މީހުން ތިބީ ކާފަ ދަރިން ވެސް ގޮވައިގެންނެވެ. އަނެއް މީހުން ހަމަ މަންޒަރު ބަލާލައި ފޮނި އަނގަ ތަޅާލާށެވެ.

މި ރަށަށް އިއްޔެއަކީ ވަރަށް މުހިންމު، ތާރީހީ ދުވަހަކަށެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށުގެ ހައިސިއްޔަތުން ޝަރަފެއް ލިބި، ހާއްސަ ކަމެއް އެ ރަށަށް ލިބުނު ފުރަތަމަ ދުވަހެވެ. ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ކައިޓް ސާފުކުރުމަށް ހިންގި ހަރަކާތުގެ ނިމުން ތުރާކުނުގައި ބޭއްވުމަކީ އެ ރަށަށް އެހާ ބޮޑު އުފަލެކެވެ.

ރަށު ކައުންސިލުން ވެސް ބުނި ގޮތުގައި މިފަދަ ހަރަކާތެއް ތުރާކުނުގައި ބާއްވާނެ ދުވަހަކަށް ރަށުގެ ރައްޔިތުން ތިބީ އިންތިޒާރުގަ އެވެ. މިފަދަ މުހިންމު އަދި ތާރީހީ އިވެންޓެއް ތުރާކުނުގައި ބޭއްވީ އަލަށް ކަމަށް ކައުންސިިލުން ބުނެ އެވެ. އެހެންވެ ރަށު ރައްޔިތުން ތިބީ ވަރަށް ތައްޔާރީގަ އެވެ.

އެންމެ ގިނަ ބަޔަކަށް ރަށުން ކަމުދިޔަ އެއްޗަކީ ކަޅު ސަޔެވެ. ރަށުގެ އަންހެންވެރިން ތައްޔާރުކޮށް ގޮނޑުދޮށަށް ނެރެފައިވާ ސައި ކަމުގޮސްގެން އެންމެން ވެސް އުޅުނެވެ. ހުވަދު މާ އަޅައިގެން ކައްކާފައިހުރި މީރު ސައި ހުސްވެގެން ދިޔައީ އެހެނެއް ނޫނެވެ. "އަހެރެން ކުޑައިރު މަންމަ ދޭ ސައިތަށި މަތިން ހަނދާންވީ،" ކުރޫގެ މެންބަރަކު ބުންޏެވެ.

ދެން އޮތީ ހެދިކާގެ ވާހަކަ އެވެ. އެހާ މީރު ހެދިކާއެއް އެހެން ތަނަކުން ނުކުވެ އެވެ. ދިވެހި ރަހަތަކާއެކު، ހުރިހާ ރަހައެއް ވެސް ހެޔޮ ވަރެވެ. ބަޖިޔާ، ކަވާބު، ކުޅި ބޯކިބާ އަދި ފޮނި ބޯކިބާގެ ރަހަ ހަމަ ތަފާތީ އެވެ.

"އަހަރެން ވަރަށް ގިނަ ރަށްރަށަށް ދެވި ހެދިކާ ވެސް ކެވިއްޖެ، އެކަމަކު މިއީ އެއްވަނަ، މިހާ މީރު ހެދިކާއެއް އަދި ނުކެވޭ،" ދަތުރުގެ އެއް އެތުލީޓު ކަމަށްވާ ހަންބެ ބުނެލި އެވެ.

ހުރިހާ ހެދިކާއެއް ވެސް އަތުރާލާފައިހުރީ ޓުކުރިތަކާއި މުޅޯށިތަކުގަ އެވެ. ތައްޓަކީ ތުނބުރި ގަހުގެ ފަތެވެ. އެތަނުގައި އެންމެ ޕްލާސްޓިކް އެއްޗެއް ވެސް ފެންނަން ނެތެވެ. ޕްލާސްޓިކް ފެން ފުޅިއެއްހާ ހިސާބު ވެސް ނެތެވެ. ރަށުގެ ގޮނޑުދޮށާއި ރަށު ތެރެ ވެސް ފެންނަނީ ވަރަށް ސާފުކޮށެވެ. މި ރަށަކީ ޕްލާސްޓިކާ ދުރަށް މަސައްކަތް ކުރާ ރަށެކެވެ. ޕްލާސްޓިކާ ދެކޮޅަށް "ރާޅުގުޑި" ދަތުރުގައި ވެސް މަސައްކަތްކުރިއިރު މިފަދަ ގޮތަކަށް ޕްލާސްޓިކާ ނުލާ ރަށަކުން އެންމެ ބޮޑަށް ތައްޔާރުވެފައި އޮތީ ތުރާކުނުން އެކަންޏެވެ.

ސައި ބޮއެ ނިންމައިގެން ފެން ބުއިމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިހުރީ އެންމެ އިހުގެ ގޮތަކަށެވެ. ބަނޑިޔަލެއްގައި ފެން ބަހައްޓާފައިހުރި ފެން ބޯންހުރީ ލޯ ވައްޓެކެވެ. އެ ލޯ ވަށިން ބަނޑިޔަލުން ފެން ނަގައިގެން ބޯލާއިރު މުޅި ގައި ފިނިވެގެންދެ އެވެ. މުޅި މީހާ ތާޒާކޮށްލަ އެވެ. ވަރަށް ވެސް ތަފާތެވެ. އޭގެ ފަހުން ރަހަ ބަލާލަން ލިބުން މި ރަށުގެ ކަނަމަދު މެޓާގަނޑު ވެސް ހަމަ އެހާ މީރެވެ.

މި ރަށުން ދެން ފާހަގަވީ ރަށުގެ ރައްޔިތުން ދުފުމާ ދުރު ކަމެވެ. ކައި ނިންމައިގެން ދުފާ އެއްޗެހި ހޯދިޔަސް ތުރާކުނުން އެއެއް ފެންނާކަށް ނެތެވެ. ރަށުގެ ރައްޔިތަކު ބުނީ އެތަނަށް ދުފާ އެއްޗެހި ނުނެރުނީ އެއީ ރަށުގެ ރައްޔިތުން މާ ތަރުހީބު ދޭ ކަމަކަށް ނުވާތީ ކަމަށެވެ.

އެންމެ އުތުރުގައި އޮތަސް ދަތުރުކޮށްލަން ތުރާކުނަކީ ވަރަށް ކަމުދާނެ ރަށެކެވެ. ރަށުގެ ސާފުތާހިރުކަމާއި ރީތިކަމާ އެއްވަރަށް ރަށުގެ ރައްޔިތުންގެ ހިތްހެޔޮ ކަމާއި އެމީހުންގެ ސާދާ ދިރިއުޅުން ފެނިގެންދެ އެވެ.