ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ކުރިއަށް ގެންދިޔަ "ރާޅުގުޑި" އިވެންޓްގެ ތެރެއިން ރާއްޖޭގެ ރީތި ކަމާއި ރަށްރަށުގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އެމީހުންގެ އާދަތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާއަށް އާންމު ވެގެންދިޔައިރު އެއަށް ކޮންމެ މީހެއްގެ ވެސް ހިތް ދަމައިގަތެވެ. ފޮޓޯތަކާއި ވީޑިއޯތައް ޝެއާކޮށްލެވެނީ އޭގެ ރީތި ކަމުންނެވެ.
ހަތަރު އެތުލީޓުންގެ ކައިޓްތަކާއި ރާއްޖޭގެ ކަނޑާއި ފަޅުތަކާއި ރަށްތަކުގެ ރީތި ގޮނޑޮދޮށްތައް އެ ފޮޓޯ އާއި ވީޑިއޯތަކުގައި ވަނީ ވަރަށް ނަލަކޮށް ކުރަހައިދީފަ އެވެ. މީގެ ފަހަތުގައި ތިބީ "ސްލޯޓޭޕް"ގެ ޒުވާން، ހުނަވެރި ކުރޫ އެވެ.
ސްލޯޓޭޕަކީ މީގެ ހަ އަހަރު ކުރިން ވީޑިއޯ ޑޮކިއުމެންޓްރީ ޕްރޮޑަކްޝަނަށް ޝައުގުވެރިވާ ތިން ޒުވާނަކު އިސްވެ ތިބެ އުފެއްދި ތަނެކެވެ. މިހާރު ނަން މަޝްހޫރު ސްލޯޓޭޕް ހާއްސަވެފައިވަނީ ކުޅިވަރާއި ތިމާވަށި އަދި މޫދަށް ހާއްސަ ޑޮކިއުމެންޓްރީތައް ހެދުމުގަ އެވެ.
ރެޑްބުލްއިން ރާއްޖޭގައި ކުރިއަށް ގެންދާ ގިނަ އިވެންޓްތަކާއި ޕްރޮޖެކްޓްތަކުގެ ޑޮކިއުމެންޓްރީ ހަދަނީ ސްލޯޓޭޕުންނެވެ. އެގޮތުން ރާއްޖޭގައި ރެނދަންލުމާ ގުޅޭ ގޮތުން ސްލޯޓޭޕުން ވަނީ ރެޑްބުލްއާއެކު ޑޮކިއުމެންޓްރީއެއް ހަދާފަ އެވެ. އޭގެ އިތުރުން ރެޑްބުލްގެ ސްކޭޓް ޕާކް ޑޮކިއުމެންޓްރީ ވަކިން ފާހަގަކޮށްލެވެ އެވެ.
މޫދަށާއި ކުޅިވަރަށް ސްލޯޓޭޕްގެ ޒުވާނުން ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެމީހުން ނިންމީ "ރާޅުގުޑި" އުފެއްދުމަށެވެ. "ރާޅުގުޑި"އަކީ ރާއްޖޭގައި ކައިޓް ސާފިން ކުރިއަރުވައި ދިރުވުމަށް އުފައްދާފައިވާ ތަނެކެވެ. އޭގެ އެއް ފައުންޑާއަކީ ސްލޯޓޭޕެވެ. އަނެއް ފައުންޑާއަކީ "މާފުށި ޑައިވް" އެވެ. ދެހާސްފަނަރަވަނަ އަހަރު އުފެއްދި "ރާޅުގުޑި" މިހާރު ވަނީ ބޮޑު ބްރޭންޑަކަށްވެފަ އެވެ. ކައިޓް ސާފިންގެ ދިވެހި ނަމަކަށް ވެސް ވެފައި އޮންނަނީ އެމީހުންގެ ބްރޭންޑް ނޭމް، "ރާޅުގުޑި" އެވެ. އެ ނަމަކީ ވެސް ސްލޯޓޭޕްގެ ފަންނުވެރި ޒުވާނަކު އުފެއްދި ނަމެކެވެ.
މާފުށީގައި ކޭމްޕް ޖަހައިގެން "ރާޅުގުޑި" ފުރަތަމަ އިވެންޓް ބޭއްވިއިރު އޭރު މާބޮޑު ސަމާލު ކަމެއް މިކަމަށް ނޯވެ އެވެ. އޭގެ ފަހުން ވިލިމާލެއިން މާފުއްޓަށް ކައިޓް ސާފުކުރުމަށް ބޭއްވި "ރާޅުގުޑި" އިވެންޓާއެކު ރާޅުގުޑީގެ ނަން ގަދަވި އެވެ. ނަމަވެސް "ރާޅުގުޑި" މުޅި ރާއްޖެއަށް މަޝްހޫރު ވެގެން ދިޔައީ ނިމިގެންދިޔަ "ދެކުނުން އުތުރަށް" އިވެންޓާއެކު އެވެ.
މި އިވެންޓްގެ ޑޮކިއުމެންޓްރީ ހެދުމަށް ވީޑިއޯ/ފޮޓޯގެ ނުވަ ކުރޫ މެންބަރުން ހަރަކާތްތެރިވި އެވެ. ކައިޓް ސާފަރުން ކަނޑަށް ނުކުތުމުން އެމީހުންގެ މަސައްކަތަކީ ސްޕީޑް ބޯޓުގައި ތިބެގެން އެ މަންޒަރު ނެގުމެވެ. ފޮޓޯ އާއި ވީޑިއޯ އެވެ. ބައެއް ފަހަރަށް ބިޔަ ކަނޑުގެ ތެރެއަށް ފުއްމާލައިގެން ވެސް މަންޒަރުތައް ނަގަ އެވެ. ޑްރޯން އުދުއްސައިގެން އެއްވެސް މަންޒަރެއް ފްރޭމުން ކަޓުވައިނުލެވޭތޯ ވެސް ބަލަ އެވެ.
މި ދަތުރުގައި ކަނޑުމަތީ 15 ދުވަހު ކުރޫއިން އުޅުނުއިރު ސްލޯޓޭޕް ޓީމުގެ ފަރާތުން ފެނުނީ އެކަމަށް އޮތް ލޯތްބާއި ޝައުގުވެރިކަމެވެ. "ޕާފެކްޝަން" އެއީ އެމީހުން އެންމެ ބޭނުންވި ކަމެވެ. ހިޔާލަށް އަންނަ ކޮންމެ ކަމެއް ކެމެރާގެ ފްރޭމްގައި ރައްކާކުރުމުން ކޮންމެ ދުވަހެއްގެ ހައިލައިޓްސް ވީޑިއޯތަކާއި ފޮޓޯތައް "ރާޅުގުޑި" ޝޯސަލް މީޑިއާގައި އާންމުންނާ ހަމައަށް ގެނެސްދެމުން ދިޔައީ ސްލޯޓޭޕްގެ ޒުވާން ޓީމުންނެވެ.