ރާޅު ގުޑި އިވެންޓް

މާލެއިން ތުރާކުނަށް: ހަބީބު ޖެޓްސްކީގައި!

ތުރާކުނުން: ނާޒިމް ހަސަން
Jul 2, 2019
7

ރާއްޖޭގެ ދެކުނުން އުތުރަށް ކުރި "ރާޅުގުޑި" ދަތުރަކީ ހީވާގި، ހުނަރުވެރި ގިނަ ޒުވާންތަކެއް އޭގެ ފަހަތުގައި ތިބި ދަތުރެކެވެ. ކެމެރާގެ ކުރިމަތިން ހަތަރު ކައިޓް ސާފަރުން ފެނުނަސް އޭގެ ފަހަތުގައި އޮތް ޓީމު އެހާމެ ވަރުގަދަ އެވެ. އެ ޓީމުގެ އެފަދަ އެއް ޒުވާނަކީ އިބްރާހިމް ހަބީބެވެ.

ހަބީބު މި ދަތުރާ ގުޅުނީ މާފުށިން މާލެއަށް ކައިޓް ސާފަރުން ދަތުރުކުރި ދުވަހު އެވެ. އޭނާއަކީ ކައިޓް ސާފަރެއް ނޫނެވެ. އެކަމަކު ކައިޓް ސާފަރުންނާ އެންމެ ގާތުގައި ހުންނަ މީހާ އެވެ. އުމުރުން 34 އަހަރުގެ ހަބީބުގެ މަސައްކަތަކީ ކައިޓް ސާފަރުންނާއެކު ކަނޑުމަތީ ޖެޓްސްކީ ދައްވާފައި ދިޔުމެވެ. ކަނޑުމަތީ ކައިޓް ސާފަރަކަށް ކަމެއް ދިމާވެއްޖެނަމަ އެއްޗެއް ބޭނުންވެއްޖެނަމަ އެ އެހީއެއްވެ ދެނީ ޖެޓްސްކީގައި އިންނަ ހަބީބެވެ. ސްޕީޑް ބޯޓް ގާތް ނުކުރެވޭ ރަށްރަށަށް އެތުލީޓުން އެރުމާއި ކައިޓްތައް ގެންދިޔުމުގައި ވެސް ޖެޓްސްކީގައި އިނދެގެން މަސައްކަތް ކުރަނީ ހަބީބެވެ.

ރާޅު ވޯޓާ ސްޕޯޓްސްގައި ވަޒީފާ އަދާ ކުރާ ހަބީބު، ބިޔަ ބޮޑެތި ކަނޑުތަކުގައި ޖެޓްސްކީ ދުއްވާލަނީ ޖެހިލުމެއް ނެތި އެވެ. ނަގާ ރާޅުތަކާ ދެކޮޅަށް ބާރު ސްޕީޑްގައި އެތައް ގަޑިއިރެއްވަންދެން އޭނާ ޖެޓްސްކީގައި އިނދެ އެވެ. ދުވަހަކު ވެސް ވަރުބަލިވެގެން އުޅޭ ތަނެއް ނުފެނެ އެވެ. އަބަދުވެސް މޫނު މަތިން ފެންނަނީ ހިނިތުންވުމެކެވެ.

މޫދު ކުޅިވަރަށް މުޅި ހަޔާތް ބިނާވެފައި އޮތް ހަބީބު ވަނީ މާލެއިން ފެށިގެން ރާއްޖޭގެ އެންމެ އުތުރު، ހއ. ތުރާކުނާ ހަމައަށް ޖެޓްސްކީގައި ދަތުރުކޮށްފަ އެވެ. މިއީ އާދައިގެ ދަތުރެއް ނޫނެވެ. ކުރަން ފަސޭހަ ކަމެއް ވެސް ނޫނެވެ.

ކައިޓް ސާފަރުންގެ ހަރަކާތްތައް ކެމެރާއަށް ނެގުމަށް ކެމެރާ ކުރޫ ގޮވައިގެން ވެސް ހަބީބު ޖެޓްސްކީ ދުއްވަ އެވެ. ކައިޓް ސާފަރުންގެ ހުރިހާ ހަރަކާތެއް ނެގޭ ގޮތަށް އޭނާގެ ޖެޓްސްކީ ދުއްވާލަ އެވެ.

މިހާ ދިގު، އަދި ބުރަ ދަތުރެއް ޖެޓްސްކީގައި ކުރެވޭނީ ގައިމު ވެސް ހިތްވަރެއް ހުރެގެންނެވެ. ވޯޓާ ސްޕޯޓްސްގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ އެހެން މީހަކު ވެސް ހަބީބުގެ މަސައްކަތް ފެނިފައި ބުނީ އޭނާ ނަމަވެސް އެ ދަތުރު ނުކުރާނެ ކަމަށެވެ. އެއީ ކުޅަދާނަ، ކެތްތެރި މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް ހަބީބަށް ބްރޭކެއް ލިބެނީ ދުވަހުގެ ފަހު މަންޒިލަށް އާދެވުމުންނެވެ. ހެނދުނު ނައްޓާލާ ޖެޓްސްކީ ބަނދަރުކޮށްލެވީ އެ ދުވަހުގެ އިރުއޮއްސެނިކޮށެވެ. އަނެއްކާވެސް އަނެއް ދުވަހުގެ ހެނދުނު ހެނދުނާ ބިޔަ ކަނޑުގެ ތެރެއަށް ހަބީބު ނުކުމެ އެވެ. މި ދަތުރުގައި އޭނާގެ ހިއްސާއަކީ އެއީ އެވެ. ސާބަސް ހައްގު މަސައްކަތަކެވެ.