ޓީސީ

ޗެމްޕިއަނަކީ ނަމެއް، މިހާރު މިއީ އާ ޓީމެއް: އާތީ

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ނަމުން މިއަހަރު ހޯދޭނެ ފައިދާއެއް ނެތް ކަމަށާއި އޭރޫ އޮތް ޓީސީ ޓީމާއި މިހާރުގެ ޓީމު ތަފާތު ކަމަށް ޓީސީގެ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މިދިޔަ އަހަރު، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ޓީސީ ހޯދިއިރު، އެޓީމުގެ އޭޓެކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިން ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. އެންމެ މުހިންމު ދައުރެއް އަދާކުރި އަލީ އަޝްފާގް (ދަގަނޑޭ) މިހާރު ކުޅެމުން ދަނީ ކުލަބު ގްރީން ސްޓްރީޓަށެވެ. އަޝްފާގް އާއެކު އެޓޭކިންގައި ދެން ހިއްސާވި ދެ ކުޅުންތެރިން ކަމަށްވާ، އިބްރާހިމް މަހްދީ ހުސައިން އާއި އިބްރާހިމް ވަހީދު ހަސަން އަދި ޓީސީއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު، އަބްދުﷲ ހަނީފް މިހާރު ކުޅެމުން ގެންދަނީ މާޒިޔާ އަށެވެ.

ޓީސީއަށް ލީގް ޗެމްޕިއަންކަން ހޯދައިދިން، ކޯޗް މުހައްމަދު ނިޒާމް ޓީމު ދޫކޮށްލުމުން މި ސީޒަންގައި ޓީމާ ހަވާލުވި، އާތީ ބުނީ އޭނާ ޓީސީ އާއެކު ނިކުތީ ޓީމު ބަދަލު ވެފައި ވަނިކޮށް ކަމަށެވެ. އެގޮތުން އެންމެ ފަހުން އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑުމަތީގައި ތިބީ މިދިޔަ އަހަރުވެސް ޓީސީއަށް ކުޅުނު ހަތަރު ކުޅުންތެރިން ކަމަށެވެ.

"ޑިފެންޑިން ޗެމްޕިއަން ޓީމޭ ކިޔާނީ، އެކަމަކު އަނެއް އަހަރަށް އެ ޓީމު އެއޮތްގޮތަށް އޮތްތޯ، އަލުން ޓީސީ ޖެހުނީ ޓީމެއް ތައްޔާރު ކުރަންތޯ، މިހުންނަނީ ވަރަށް ގިނަ ސުވާލުތަކެއް އުފައްދަން ޖެހޭ ކަމެއް،" އާތީ ވާހަކަ ދެއްކި އެވެ. "އެންމެ ފަހުން ކުޅުނު މެޗުގައިވެސް ޓީސީގެ މިދިޔަ އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން ދަނޑުމަތީގައި ތިބީ ހަތަރު ކުޅުންތެރިން، އެހެންވީމާ ބަލަމާ ހިނގާ އަލުން ޓީމެއް ފޯމު ކުރީ ކަމަށް، ނަމެއް ނޫން ފޯމު ކުރަން ޖެހޭނީކީ، ޓީމެއް."

އާތީ ބުނީ، ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅެން ޖެހުމުން ޓީސީގެ ކުޅުންތެރިންނަށް ވަރުބަލިކަން ކުރިމަތި ވެފައިވާ ކަމަށާއި ސެމީ ޕްރޮފިޝަނަލް ކުޅުންތެރިންތަކާ އެކު ކުރިއަށް ދާއިރު ކައިރިކައިރިގައި މެޗު ކުޅެން ޖެހޭނަމަ އެ މައްސަލަ ދިމާވާނެ ކަމަށެވެ.

ޕްރިމިއާ ލީގްގައި، މިރޭ ޓީސީ ވާދަ ކުރާނީ ޔުނައިޓަޑް ވިކްޓަރީ އާ ދެކޮޅަށެވެ. ކުރިން ޔުނައިޓަޑް ވިކްޓަރީއަށް ކޯޗް ކޮށްދިން އާތީ ބުނީ، އެހެން އަހަރުތަކަށް ވުރެ ޔުނައިޓަޑް ވިކްޓަރީ އޮތީ ވަރުގަދަކޮށް ކަމަށާއި އެ ޓީމަށް ފުރިހަމަ އިހްތިރާމު އެބައޮތް ކަމަށެވެ.

ވިކްޓަރީ ފިޔަވައި ދެން އޮތް އަށް ޓީމުގައިވެސް ވަރުގަދަ ސްކޮޑެއް އެބައޮތެވެ. އޭނާ ބުނީ މިދިޔަ އަހަރު އެންމެ ވަރުގަދަ ސްކޮޑެއް އޮތީ ނިއު ރޭޑިއަންޓްގައި ކަަމަށާއި އެ ޓީމުގައި ތިބި އެންމެ ވަރުގަދަ 15 ކުޅުންތެރިން އެހެން ޓީމުތަކަށް ބެހިގެން ދިއުމުން ހުރިހާ ޓީމެއްވެސް ވަރުގަދަ ވެފައިވާ ކަމަށެވެ.