ހަބަރު

އިމާރާތްކުރާ ތަކެއްޗާ ގުޅޭ ގަވައިދުތައް ތަންފީޒުކުރަން ފަށަނީ

އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތި ޓެސްޓް ކުރާ ފަރާތްތަކުގެ ގަވާއިދާއި، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދަށް އަންނަ ހުކުރު ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަަވައިލި އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދާއި، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓް ކުރުމުގެ ގަވާއިދާއި، އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ގަވާއިދު ގެޒެޓް ކޮށްފައިވާ ކަމަށެވެ.

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދު 28 ޖޫން 2019 ގައި ތަންފީޒު ކުރަން ފަށާނެ ކަމަށާއި، އެ ތާރީހުގެ ފަހުން އެ މިނިސްޓްރީއިން ދޫކުރާ ހުއްދައާ ނުލާ އިމާރާތް ކުރަން ބޭނުންކުރާ އަސާސީ ތަކެތީގެ ތެރެއިން ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި ގަނެ، ރާއްޖެއަށް އެތެރެކުރުމާއި އެތަކެތި ރާއްޖޭގައި އުފެއްދުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެ މަސައްކަތަކީ އެ މިނިސްޓްރީއާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ކުރިއަށް ގެންދާނެ މަސައްކަތެއްކަމަށް ވާތީ އެ މިނިސްޓްރީއިން އެކަމަށް ދޫކުރާ ހުއްދައާއި ނުލައި ކަސްޓަމްސްއިން އެތަކެތި ދޫނުކުރާނެކަން ފާހަގަކުރާ ކަމަށާއި، އެ ހުއްދަ މިނިސްޓްރީއިން ނެގުމުގެ ކުރިން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު ގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަމުގައި ވުމަކީ ލާޒިމް ކަމެއް ކަމަށެވެ.

"ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ގަވާއިދު" ވެސް 28 ޖޫން 2019 ގައި ތަންފީޒުކުރަން ފަށާނެ ކަމަށާއި، އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރާ ފަރާތްތަކުން، 28 ޖޫން 2019 އިން ފެށިގެން އެ މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ޕްލޭނިން މިނިސްޓްރީން ބުނީ "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ ގަވާއިދު" ތަންފީޒުކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު ކަމަށާއި، އެ ގަވާއިދުތައް އެކުލަވާލާފައިވަނީ ޢިމާރާތްކުރުމަށް ބޭނުންކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗަކީ އެ ސިނާއަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ތަކެތި ކަމުގައި ހެދުމަށާއި، އަދި އިމާރާތްކުރުމުގެ މަސައްކަތުގައި އެތަކެތި ބޭނުންކުރުމުގައި ކުރަންޖެހޭ ޓެސްޓުތައް ކަނޑައެޅުމާއި، އެ ތަކެތި ޓެސްޓްކުރާ ފަރާތްތައް (ޓެސްޓިންގ ލެބޯޓްރީތައް ގާއިމުކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމަށްޓަކައި ކަމަށެވެ.
ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދުގައި 6 ބާވަތެއް ހިމެނެއެވެ. އެ 6 ބާވަތަކީ،

1. ސިމެންތި: އިމާރާތްކުރުމަށް ބޭނުންކުރާ
2. ހިލަ: ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ
3. ވެލި: ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި
4. ދަގަނޑު: ޢިމާރާތްކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު
5. ރެޑީމިކްސްޑް ކޮންކްރީޓް (ހުރިހާ ގްރޭޑެއްގެ)
6. "ރެޑީމޭޑް" ބްލޮކްސް( އިމާރާތްކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގައު)

ޕްލޭނިންގ މިނިސްޓްރީން ވަނީ އިމާރާތްކުރުމަށް ބޭނުންކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކާއި އެތަކެތި ޓެސްޓްކުރާ ފަރާތްތައް އެގަވާއިދުތަކުގެދަށުން ރަޖިސްޓަރީވެ ހުއްދަހޯދުމަށް އިލްތިމާސްކޮށްފަ އެވެ.