ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމުގައި ލުއިތަކެއް ހަމަޖައްސައިފި

Mar 26, 2020

ކޮންސްޓްރަކްޝަން މަސައްކަތަށް ނުވަތަ އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގައި ލުއިތަކެއް ހަމަޖައްސައިފި އެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުން ކުރުމަށް ރާއްޖެއަށް އެތެރެ ކުރާ ތަކެއްޗަށް އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދުގެ ދަށުން މިހާރު މިނސިްޓްރީން ދޫކުރަމުންދާ މެޓީރިއަލް އެޕްރޫވަލް ދޫކުރުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދީފައިވާ ކަމަށެވެ.

އެ ގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 24 ވަނަ ދުވަހާ ހަމައަށް، އިމާރާތް ކުރުމަށް ބޭނުންވާ ތަކެއްޗަށް އެތެރެ ކުރަން ހުއްދައަށް އެދޭއިރު އެ ތަކެތީގެ ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެން ލިޔެކިޔުންތައް ހުއްދައަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ލިޔެކިޔުންތަކަށް ބަލައި ތަކެތި އެތެރެ ކުރަން ވަގުތީ ހުއްދައެއް ދޫކުރެވެމުން ދާނެ ކަމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުއްލި ހާލަތު އިއުލާންކޮށް އަދި ދަތުރުފަތުރާއި އެހެނިހެން ގިނަ ދަތިތަކެއް ކުރިމަތި ވުމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުން ކުރާ ތަކެތި އެތެރެ ކުރުން ފަދަ ކަންކަމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ރާއްޖޭން ވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅާފަ އެވެ. ރާއްޖެއަށް ޓޫރިސްޓުން އައުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ގެއްލޭނެ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން އަށް މީހަކު މިހާތަނަށް ވަނީ ރަނގަޅު ކުރެވިފަ އެވެ. މިހާރު އެ ބައްޔަށް ފަރުވާ ދެމުން ދަނީ ފަސް މީހަކަށެވެ. ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވް މީހަކު ނުފެންނަތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.