ކޮވިޑް-19 އާ ގުޅިގެން، މުދަލާއި ކާބޯތަކެއްޗަށް އެއްވެސް ދައްޗެއް ނުވެ ލިބޭނެގޮތް ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުދާ އެތެރެކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދޭން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި އެމްޕީއެލުން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މާލެ އަދި ހުޅުމާލޭ ބަނދަރަށް މުދާ ބާލައި ފަރާތްތަކަށް ޑެމަރޭޖުގެ ގޮތުގައި ދައްކަންޖެހޭ ޖޫރިމަނާގެ 20 ޕަސަންޓް ކުޑަކުރަން ނިންމާފައިވާކަމަށް މަބުރޫކު ވިދާޅުވި އެވެ. ހިތަދޫ އަދި ކުޅުދުއްފުށިން ޑެމަރޭޖުގެ ގޮތުގައި ނެގޭ ފައިސާއިން 50 ޕަސަންޓް ކެނޑޭނެކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ހިލޭ ސްޓޭރޭޖްގެ ގޮތުގައި އިތުރު ދެ ދުވަސް ދިނުމުގެ އިތުރުން، ބޮންޑަޑް ވެއާހައުސް ލައިންސެންސް ފީވެސް 50 ޕަސަންޓް ކުޑަކުރަން ނިންމާފައިވާކަމަށް މަބުރޫކު ހާމަކުރެއްވި އެވެ.
ކޮވިޑް ރޯގާގެ ސަބަބުން ރާއްޖެއަށް އާއްމުކޮށް މުދާ އެތެރެކުރާ އިންޑިއާއިން ވަނީ އެ ގައުމު ލޮކްޑައުން ކޮށްފަ އެވެ. މި ލޮކްޑައުން ކުރުމާއެކު ރާއްޖޭގެ ބާޒާރުގައި ބައެއް ތަކެތި ވަނީ ހުސްވެފަ އެވެ. އަދި ބައެއް ތަކެތީގެ އަގުތައް ވަނީ ބޮޑުކޮށްފަ އެވެ. އަގު ބޮޑުވި ބާވަތްތަކުގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ވެސް ހިމެނެ އެވެ.
ރާއްޖެ އިން މުދާ ހުސްވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅަން ފަށާފަ އެވެ. މިގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި 10 ޓަނުގެ މުދާ ރޭ ވަނީ ގެނެސްފަ އެވެ. މި ތަކެތީގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ބޭހުގެ ސާމާނު ހިމެނެ އެވެ. އަދި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް މާދަމާ މުދާ ބަލާ ފުރާނެ އެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއެކު ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ވަނީ ބަންދު ކޮށްފަ އެވެ. މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުންނެވެ. މީގެތެރޭގައި ދެ ދިވެހިން ހިމެނެ އެވެ. ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.