ފިނިޕޭޖް

ސަނަމް ބޭންޑަށް ސަޕްރައިޒެއް! އެމީހުންގެ އަތުގައި އޮތީ ވެސް ސަޕްރައިޒެއް!

މިއީ މިއަދު ހެނދުނު މާލެ އައި އިންޑިއާގެ މަޝްހޫރު ޕޮޕް ބޭންޑް ސަނަމްގެ އިހްސާސްތަކެވެ. އަލަށް ރާއްޖެ އައި މި ބޭންޑްގެ ހަތަރު މެމްބަރުން ތިބީ އެމީހުން ދުށުމަށް ކެތްމަދުވެފައި ތިބި ދިވެހިންނަށް ވުރެ ބޮޑަށް އެމީހުންގެ ދިވެހި ސަޕޯޓަރުން ދުށުމަށް ކެތްމަދުވެފަ އެވެ.

ސަނަމް ބޭންޑް ރާއްޖެ މި އައީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ވިޒިޓް މޯލްޑިވްސް އިޔާ އެޑިޝަންގެ ހާއްސަ މިއުޒިކް ޝޯއަކަށް، ސީދާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދައުވަތު ދެއްވައިގެންނެވެ.

"މިއީ އަހަރެމެން ރާއްޖެ އައި ފުރަތަމަ ފަހަރު. ވަރަށް ވަރަށް ބޮޑަށް އެކްސައިޓްވެފައި މި ތިބީ. ހުރިހާ ވެސް ޝުކުރެއް އަދީބަށް،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީގައި މަރުހަބާގެ ކުރުބަނލެއް ހުސްކޮށްލުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ބޭންޑް ލީޑް ވޯކަލިސްޓް އަދި އެންމެ މަޝްހޫރު މޫނު ސަނަމް ޕޫރީ ބުންޏެވެ.

ސަނަމް ޕޫރީ އާއި އޭނާގެ ބޭންޑަށް ނިސްބަތްވާ އަނެއް ތިން ފަންނާނުން ބުނީ އެމީހުންނަށް ރާއްޖެ އިން މިވަރުގެ ހޫނު މަރުހަބާއެއް ކިޔާނެ ކަމެއް އަދި އެމީހުންގެ ލަވަތަކަށް ރާއްޖޭގައި މިވަރުގެ މަގްބޫލުކަމެއް އޮވެދާނެ ކަމަށް އެއްގޮތަކަށް ވެސް ހީނުކުރާ ކަމަށެވެ.

"އެހެންވީމަ މިއީ ސަޕްރައިޒެއް. އަޅުގަނޑުމެންނަށް މިކޮޅުން މިކީ މަރުހަބާ އަކީ ވެސް ވަރަށް ހާއްސަ ކަމެއް. ވަރަށް އުފާވެފައި މިތީ،" ސަނަމް ބުންޏެވެ.

"އަޅުގަނޑުމެން އުއްމީދެއް ނުކުރަން މިހާ ފޯރިއެއް އޮންނާނެ ކަމަކަށް. އެކަމަކު އަދި މާލެ އަށް ނުދެވެނީސް ވެސް މި ވަނީ ނިކަން ހޫނު މަރުހަބާއެއް ކިޔައިފައި."

ބޭންޑުގެ މެމްބަރުން ބުނީ ރާއްޖޭގައި އެމީހުންނަށް ބޮޑު މަޝްހޫރުކަމެއް ލިބިފައި އޮތުމުން އާ ތަނަކަށް އާދެވިގެން އުޅޭ ކަމުގެ އިހްސާސެއް ވެސް ނުކުރެވޭ ކަމަށެވެ.

"އަހަރެމެންނަކަށް ނޭނގޭ ދިވެހިންގެ ތެރޭގައި ސަނަމް ބޭންޑް މިހާ މަޝްހޫރުކަމެއް. ދިވެހިން (އޮންލައިންކޮށް) މެސެޖުކޮށް އުޅޭ އަޅުގަނޑުމެންނަށް ރާއްޖެ އަންނާށޭ ކިޔާފައި. އެކަމަކު މި ވަރުގެ ފޯރިއެއް އަޅުގަނޑުމެންގެ މިއުޒިކަކަށް އޮތް ކަމެއް ނޭނގޭ ކުރިއަކުން،" ބޭންޑްގެ މެމްބަރުން ބުންޏެވެ.

"މިހެން ވީމަ މިހާރު ހީއެއް ނުވޭ އަލަށް ތަނަކަށް އާދެވިގެން އުޅޭ ކަމެއް. މިހާރު މި ތިބީ ޝޯ އަށް ދާ މީހުން ބަލައިލުމަށް ކެތްމަދުވެފައި."

ބޭންޑްގެ މެމްބަރުންނަށް މަލާއި ކުރުބަނލުން ކީ ހޫނު މަރުހަބާ ބަލައިގަތުމަށް ފަހު އެމީހުން ބުނަނީ އެމީހުންގެ އަތުގައި ވެސް އޮތީ ސަޕްރައިޒެއް ކަމަށެވެ. ޝޯގައި ބޭންޑްގެ އެންމެ މަޝްހޫރު ކަވާ-ސޯންގްތައް ހިމަނާނެ ކަމަށް ބުންޏަސް ޝޯއާ ބެހޭ މާ ގިނަ ވާހަކަތަކެއް ދައްކަން ބޭންޑުން މިއަދު ބޭނުމެއް ނުވި އެވެ.

"އޭރުން އެންމެނަށް އެނގިދާނެ ޝޯގައި ވާނޭ ގޮތް،" ބޭންޑްގެ މެމްބަރުން ބުނީ މިހެންނެވެ.

"ހަމައެކަނި ކަވާ ލަވަތަކެއް ނޫން ކުޅޭނީ. އެކި ލަވަތައް އެއްކޮށްލައިގެން ކަހަލަ ގޮތަކަށް. އެކަމަކު އިހަށް މި ޝޯގެ ވާހަކަ ހިނގާ ސަޕްރައިޒެއްގެ ގޮތުގައި ބާއްވަމާ."

ސަނަމްއާ އެކު ދިވެހި އެހެން ފަންނާނުން ވެސް މި ޝޯގައި ޕާފޯމްކުރުމަށް ހަމަޖެހިފައިވާއިރު މި ބޭންޑާ އެކު މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ޑުއެޓް ޕާފޯމެންސްތަކެއް ހުށަހަޅައިދޭނެ ކަމަށް ބެލެވެ އެވެ. މީރާ ވަނީ އިހަކަށް ދުވަހު މުމްބާއީ އަށް ގޮސް ސަނަމް ބޭންޑާ އެކު ފަރިތަކުރުންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

"(މީރާއާ އެކު) މިހާތަނަށް ކުރެވުނު ތަޖުރިބާ ވަރަށް ސަޅި. އަޅުގަނޑުމެންނަށް ހީވަނީ ޝޯގެ ތެރެއިން ވެސް އެބައި ދާނީ ވަރަށް ރަނގަޅަށް ހެން،" މީރާ އަށް ތައުރީފު އޮއްސަމުން ބޭންޑްގެ މެމްބަރުން ބުނީ މިހެންނެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ވަރަށް ވަރަށް އުފާވެފައި. ދެން ބުނެލަން ބޭނުން ވަނީ އެންމެން ވެސް މި ޝޯ ބަލައިލަން އަންނައްޗޭ."

ސަނަމް ބޭންޑްގައި ހިމެނެނީ ސަނަމް ޕޫރީ އާއި އޭނާގެ ބޭބެ، ސަމަރު ޕޫރީ އަދި ވެންކީ އެސް އާއި ކޭޝަވް ދާންޖާރު އެވެ. އެންމެ ފުރަތަމަ މި ބޭންޑްގެ އިންޑިއާގައި މަޝްހޫރުކަން ހޯދީ އެސްކިއުއެސް ސުޕަސްޓާސްގެ ނަމުގަ އެވެ.

 

ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ރިކޯޑްކޮށް މިސް އިންޑިއާ ފަދަ މުބާރާތްތަކުގައި ވެސް ޕާފޯމްކުރަމުން އަންނަ މި ބޭންޑްގެ ނަން "ސަނަމް" އަށް ބަދަލުކުރީ 2014 ވަނަ އަހަރު އެވެ.

އެމީހުންގެ އަމިއްލަ ލަވަތަކަށް ބަލާއިރު 2010 ވަނަ އަހަރު ނެރުނު "ސުޕަސްޓާސް" އަލްބަމުގައި ހިމެނުނު "ހަވާ ހަވާ" އަކީ ނިކަން ބޮޑު މަޝްހޫރުކަމެއް ހޯދި ލަވަ އެކެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި މި ބޭންޑް ބޮޑަށް މަޝްހޫރުވެފައި ވަނީ އެމީހުންގެ ކަވާ-ސޯންގްތަކުންނެވެ.