ދުނިޔެ

ހަމަނުޖެހުންތަކުގެތެރޭ ޕޮމްޕިއޯ މޯދީއާ ބައްދަލު ކުރައްވައިފި

އެއް ގައުމު އަނެއް ގައުމުން އެތެރެކުރާ ވިޔަފާރި މުދަލުން ބޮޑެތި ޑިއުޓީ ނެގުމުގެ ސަބަބުން އެމެރިކާއާ އިންޑިއާ އާއި ދެމެދު ދެމެދުގައި އޮންނަ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައިފި އެވެ.

މައިކް ޕޮމްޕިއޯ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއަށް ވަޑައިގެން އިރާނާއި ދެކޮޅަށް ބައިނަލް އަގްވާމީ ކޯލިޝަނެއް ހެދުމަށް ދެ ގައުމާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި މިއަދު ހެނދުނު މޯދީގެ ގެކޮޅުގައި ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ގަޑިއެއްހާ އިރަށްވުރެ ގިނަ ވަގުތު ވަންދެން މަޝްވަރާ ކުރައްވާފައި ވެއެވެ. ނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް އެއިން އެއްވެސް ބޭފުޅަކު މިހާތަނަށް ހިއްސާ ކުރައްވާފައެއް ނުވެއެވެ.

އެއް ގައުމު އަނެއް ގައުމަށް މުދަލުން ބޮޑެތި ޑިއުޓީތައް ނަގަމުން ދިޔަ ނަމަވެސް އިންޑިއާއިން ބުނަނީ އެމެރިކާއަކީ އެ ގައުމުގެ ގާތް ބައިވެރިއެއް ކަމަށެވެ. އެމެރިކާއިން ޖޫން އެއްވަނަ ދުވަހު އިންޑިއާގެ މުދަލުން ނަގާ ޑިއުޓީ ބޮޑު ކުރުމުގެ ރައްދުގައި އިންޑިއާއިން އެމެރިކާގެ 28 ވައްތަރުގެ މުދަލަކުން ޑިއުޓީ ބޮޑު ކޮށްފައި ވަނީ ޖޫން މަހު 18 ގައެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ސިޔާސީ އަދި ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ ވިސްނުން ދާދި އެއްގޮތެވެ. އަދި އެމެރިކާއިން އިރާނާމެދު ގެންގުޅޭ ސިޔާސަތަށް އިންޑިއާގެ ތާއީދު އޮވެ އެވެ.

ނަމަވެސް ޕޮމްޕިއޯ އިންޑިއާއަށް ވަޑައިގަތުމުގެ ވަގުތުކޮޅެއް ކުރިން އޭނާ ވަޑައިގަތުމާއި ދެކޮޅަށް އިންޑިއާގެ އެތައް ސަތޭކަ ބަޔަކު ވެރިކަންކުރާ ނިއުދިއްލީގައި އަޑު އުފުލާފައި ވެއެވެ. އެމެރިކާއިން އިރާނާމެދު ގެންގުޅޭ ސިޔާސަތައް އެމީހުން ފާޑުކިޔާފައި ވާއިރު އެމެރިކާއިން އެދޭގޮތަށް އިންޑިއާއިން އިރާނުތެޔޮ ގަތުން ހުއްޓާނުލުމަށް އެމީހުން އެދުނެވެ.