ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރަކު އައްޔަން ކުރަން ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.
އެންއައިސީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި 26 މީހަކު ވަނީ ކުރިމަތިލާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ މީހުން ދިރާސާކޮށް އޭގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.
ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ހުށަހެޅުއްވީ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލި މީހުން ދިރާސާކޮށް ކޮމިޓީން ފޮނުވި ރިޕޯޓު އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ތާއީދު ކުރެއްވި އެވެ.
އެންއައިސީއަށް މެންބަރަކު އައްޔަން ކުރުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރި 26 ނަމުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ މެންބަރު ރުކްޝާނާ އިބްރާހިމަށެވެ. އޭނާއަށް 84.33 މާކްސް ލިބުނެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަލީ މުހައްމަދު މަނިކާއި އެންއައިސީގެ ކުރީގެ މެންބަރު ޔޫސުފް މާނިއު އަލީގެ އިތުރުން ޔޫއޭއީއަށް ކުރިން ކަނޑައެޅި ސަފީރު އައިޝަތު ސެހެނާޒް ވެސް އެންއައިސީއަށް ކުރިމަތިލިއިރު، އެއިން ކޮންމެ ބޭފުޅަކަށް މަދުވެގެން 75 މާކްސް ލިބުނެވެ. އެންއައިސީއަށް އައްޔަން ކުރަން ގާބިލު ކަމަށް ކަނޑައެޅެވޭނީ މަދުވެގެން 75 މާކްސް ލިބިގެންނެވެ.
އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެންބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެންބަރުން ހިމެނޭ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރާނީ ފަސް އަހަރު ދުވަހަށެވެ.