އެއީ އަލިފާން ފޮށިތަކެއް... އޭނ ތިބުނީ!

ހިޔާ ޓަވަރުތަކުގެ އެޕާޓްމެންޓެއްގެ އެތެރެ ދައްކުވައިދޭ ވީޑިއޯ | އަވަސް

ކޮޓަރިއަށް ވަދެ އެއް ނޫސްވެރިޔަކު ބޯކޮށްޕާލައި ފާހަނާގެ ތެރެވެސް ބަލައިލި އެވެ. އަދި "މިތާނގައި ރަނގަޅަށް ފާހަނާ ވެސް ކޮށެއް ނުލެވޭނެ، ހިލޭ ދިނަސް ބޭނުމެއް ނޫނޭ" ބުނެލި އެވެ. ދެވަނައަށް ހުރި ނޫސްވެރިޔާ ހުރީ ފާހަނާގެ މުށިގަނޑުތައް ގުނާށެވެ. އޭނާއަށް ބުނެވުނީ އޭނާ އުޅޭ ކުލީ ކޮޓަރީގެ ފާހާނާގައި ޖަހާފައިވާ އެއް ފޫޓުގެ މުށިގަނޑުގެ ތިން ގަނޑު މުށި ފާހަނައިގެ ފުޅަލަށް އެބަހުއްޓޭ އެވެ. އަދި އެހެން ފޮޓޯގްރާފަރަކު "ދިގަށް ހަ ގަނޑު މުއްޓޭ!" ގޮވާލި އަޑެއްވެސް އިވުނެވެ. ދޮރެއް އަދި ހަރުކޮށްފައި ނެތަސް، ލަފާކުރެވޭ ގޮތުން ދޮރުފަތް ހުޅުވާލައިފިނަމަ މޫނުދޮންނަ ތަށި ކައިރީ ހުންނަ މީހާ ފިތޭނެ އެވެ. އެއާ ޖެހިގެން ހުންނަނީ ފާހާނާ ތައްޓާއި ފެން މާގަނޑެއް ހަރުކޮށްފައިވާ ކުޑަކުޑަ ޖާގަ އެކެވެ. މިއީ ގެއެއްގެ މެއިޑް ރޫމްގެ ފާހަނަ އެއް ނޫނެވެ. މިއީ ހިޔާ މަޝްރޫއު ދޭން ނިންމާފައިވާ ދެ ކޮޓަރީ އެޕާޓުމަންޓެއްގެ ފާހަނަ އެވެ. މިތާނގައި މާސްޓާ ބެޑްރޫމޭ ކިޔައިގެން އުޅޭ ކޮޓަރީގެ ފާހަނައިގައި ވެސް ހުރީ ދެ ތިން މުށިގަނޑުގެ ފުޅާމިނެވެ.

މި ހިޔާ މަޝްރޫއު ފެށީ ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް މިންވަރެއްގެ ހައްލެެއް ހޯދައިދޭން ވެގެނެވެ. އިޖުތިމާއީ މައްސަލަތައް ފުރިބާރުވެފައި މާލޭގައި ދިރިއުޅެން ޖެހިފައިވާ "ކޮށިތަކުން" ނިކުމެ އެންމެ އާދައިގެ މީހާއަށް ވެސް ނޭވާލައިގެން އުޅެވޭނެ ދިރިއުޅުމެއް ހޯދައި ދިނުމުގެ ބޭނުމުގަ އެވެ.

އެ ހިޔާގެ ބޭނުމުގައި ހައުސިން މިނިސްޓްރީ ކައިރީ އެތައް ގަޑިއިރަކަށް ކިއޫ ހަދައި، އަވީލެވި "ތަޅައި ފޮޅައިގަނެގެން" ހޯދި ސްލިޕް އަތުގައި އޮންނަތާ ވެސް އަހަރެއްވަނީ އެވެ. އަދިވެސް އުންމީދުގައި ތިބީ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަވާލުވީއްސުރެއް އިވެނީ ހިޔާ ފްލެޓުތަކުގެ ފެންވަރު ދަށް ވާހަކަ އެވެ. ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮއްޓެއްކަލަ ކުދި ގޮޅީގެ ކޮޓަރިތަކޭ ތަފާތެއް ނެތް ވާހަކަ ވަރަށް ގިނައިން އިވެއެވެ. އަދި އެއިން ފްލެޓެއްގައި އިންސާނުން ދިރިއުޅެން ވެސް ހެޔޮ ނުވާނެ ވާހަކަ ވެސް އޮވެ އެވެ.

ހިޔާގެ އެޕާޓްމަންޓުތަކާއި ކޮޓަރި ކުޑަ ވާހަކަ ސިފަ ކޮށްދޭން އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ "ކޮތަރުކޮށި ފްލެޓެ" ވެ. އެއީ ދެކެވޭ ވާހަކަ އެވެ. ފުރަތަމަ ފަހަރަށް ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކަން ހުޅުވާލުމުން އަވަހާ އެދިމާއަށް ދެވުނީ ވެސް އެހެންވެ އެވެ.

ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތައް ބަލައިލާން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިމުގެ ހިިރަފުސްގަނޑު ތެރެއިން ވެހިކަލްގައި ތަޅުވަމުން ތަޅުވަމުން ދިޔަ އިރު މާ ދުރުން އެ އުސް ޓަވަރުތައް ފެންނަން ފަށައިފި އެވެ. އެ ދިމާއަށް ބަލަން އިނދެފައި އެއް ނޫސްވެރިއަކަށް ބުނެވުނީ "މިއީ ވަކި ކޮލޮނީއެއް ދޯ؟" އެވެ.

އެ ދިމާއަށް ބަލައިލާއިރު އެ ޓަވަރުތައް ބޭރުން ބަލައިލަން ގޯހެއް ނޫނެވެ. އޭގެ ފޮޓޯއެއް އިންސްޓަގްރާމަށް ދޫކޮށްލައިފިއްޔާ މީހުން މޮވާނެ އެވެ. އެހާވެސް މަންޒަރަށް ރީއްޗެވެ. ހިޔާލަށް ގެނެވުނީ ސިންގަޕޫރުގައި ބާރަަށް ދުވާ މޮނޯރޭލުގައި ދާއިރު ފެންނަ ދިގު ސްކައި ސްކްރެޕާތަކެވެ. އެހެންވެ ޓަވަރުތަކުގެ އެތެރެ ވެސް އެހާ ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރެވުނެވެ. މި ޓަވަރުތަކުގައި ބާކީ ހުރީ ކުލަލުމާއި ލިފްޓު ހަރުކުރޮށް ފައިނަލް ޓަޗްއެއް ގެނައުމެވެ. ދުރުން ބަލާއިރު ބޮޑުބައި އެހުރީ ނިމިފަ އެވެ.

ވެހިކަލުން ފުންމާލެވުމާއެކު އަވަހަށް ސޭފްޓީ ހެލްމެޓު އަޅައި ބާރުކޮށްލަައިގެން ނޫސްވެރިންތައް ހިޔާގެ ޓަވަރެއްގެ ތެރެއަށް ވަދެގަތެވެ. އަދި ސިޑިން އެރި ގޮތަށް ފުރަތަމަ ޖެހުނު އެޕާޓްމަންޓު ތެރެއަށް ވަން އިރު އެއީ ހުދު މުށި ޖަހާ، ހިމަކޮށް ތަންކޮޅެއް ދިގުކޮށް އޮތް ތަނެކެވެ. ކުރިމަތިން ފެންނަން ހުރީ އިތުރު ދެ ކުޑަދޮރެކެވެ. ހުރިހާ ނޫސްވެރިންނަށް ވެސް އެއީ ކޮންތަނެއްތޯ ޝައްކެއްގެ މަތީގައި ތިއްބާ ފަހަތުން "މިއީ ސިޓިން ރޫމް އިނގޭތޯ" އޭ ބުނެފި އެވެ. އޭގޭ ޖާބަކަށް ދިރާގު އިސްތިހާރުގައި ބުނާހެން މި ނޫސްވެރިޔާ ބުނެވުނީ މިހެނެވެ: "އޭނ، ތިބުނީ!؟"

"މިތާނގެ އެޕާޓްމަންޓެއްގައި މިހުންނަނީ ދެ ކޮޓަރި އިނގޭތޯ؟" ޓްއާ އޮފިޝަލްގެ ވާކަތަކަށް ކަންފަތް ދެމުން މަޑުމަޑުން އެތެރެއަށް ވަދެލައި އަމިއްލައަށް ހިތު ހިސާބެއް ހަދާލައި މިން އަޅައިލައި އަނެއްކާވެސް ނޯޓު ފޮތަށް ނަގަމުން ދިޔައީ އެވެ.

މި ކޮޓަރި ކުޑަކަމުން ނޫސްވެރިންނާއެކު ދިޔަ ދެތިން ކެމެރާމަނުން ވަނުމަށް ފަހު އިތުރު މީހަކު ވަންނާކަށް ޖާގައެއް ނެތޭ ބުންޏަކަސް މިތާކު ދޮގެއް ހަދައިފިއެކޭއެއް ނުބުނެވޭނެ އެވެ. ގައިމުވެސް ފިތި އިތުރު ހާސްކަމެއްގެ ތެރެއަށް ގެނބުނެވެ.

މިތާނގެ މާސްޓާ ބެޑް ރޫމްގައި އަލަމާރިއަކާއި ޑަބަލް ބެޑެއް ބަހައްޓާފައި ދެން ހިނގަން ޖެހޭނީ ފާޑަށް ހުރެގެން އަރިހުރަހަށެވެ. ބަހައްޓަން ބޭނުންވާނެ ޑްރެސިން ޓޭބަލާއި ސައިޑް ޓޭބަލްތަކުގެ ވާހަކަ ދެން ނުދައްކަމާ ހެއްޔެވެ. އިތުރަށް މިތާނގައި މިއޮތީ މުސައްލައެއްހާ ޖާގަ އެވެ.

ރަނގަޅު ވެންޓިލޭޝަނެއް ހުރީ އެއް ކޮޓަރީގަ އެވެ. ރީއްޗަށް އަވި ވަދެލައި އެތެރެ ދިއްލާލައި ކުޑަދޮރެއް ހުއްޓެވެ. ބެލްކަންޏެއް އަދި ފެންނާކަށް ނެތެވެ. ކޮޑަ ދޮރުން ބޭރު ބަލާލައިއިރު އޮތީ ސަރާރު ހަނަފަސް ބިމެވެ. ފިހާރަ އެއް، ސްކޫލެއް މިސްކިތެއް ނެތެވެ. ހާލުން ހާލުން ގަހެއް ފެނެ އެވެ. މިއީ އަންނަ އަހަރު ބޮޑު އާބާދީއެއް ބަދަލުވެ ދިރިއުޅެން ފަށާނެ ތަނެއްހެން ހީވެސްނުވެ އެވެ. މިއީ "ޔޫތު ސިޓީ" ތޯ ނޫނީ "ގޯސްޓް ސިޓީ" ތޯ ސުވާލު އުފާއްދައި ނޯޓް ފޮތުގެ ހަވާސާގައި ލިޔެލީމެވެ.

މި ނޯޓް ފޮތުގައި ލިޔެލަން ފާހަގަ ކުރެވުނު އަނެއް ކަމަކީ "ޒަމާނީ" މި އެޕާޓްމަންޓްގައި ބަދިގެއަށް ބޭނުން ކުރާނެ ބައެއް ނެތެވެ. ކައްކާ އުނދުން ހުންނަ އަށި ގައިމުވެސް އަދިއަކު ފެންނާކަށް ނެތެވެ. އެއީ މިހާރު އަލަށް ހަދާ ގެތަށް ވެސް ކުއްޔަށް ދޫކުރާއިރު ހުންނަ ބައެކެވެ ބަދިގޭ ކަބަޑު ސެޓެއް ނެތަސް އައްޓަކީ މިއޭ ބުނެ ޓައިލްސް ޖަހާފައި ވަކި ތަންކޮޅެއް ކޮންމެ ގެޔެއްގައި ވެސް ހުރެ އެވެ. ކުލީގެ ވާހަކަ ބުނެފައި "މިއީ ބަދިގެ އޭރިއާއޭ" ކިޔާފައި އެ އަށި ދައްކާލާނެ އެވެ. މިތާކު އޭގެ ބައެއް ނެތެވެ.

މިތާނގައި ސިޓިން ރޫމުގެ އެއްފަޅީގައި ޓީވީ ސޯފާއެއް ބެހެއްޓުމަށް ފަހު ދެން އޮންނަ ބައި ބަދިގެއަށް ދޫކޮށްލިޔަސް ވާކަށް ނެތެވެ. ކާ މޭޒަކަށް ޖާގައެއް ނުލިބޭނެ އެވެ. އަދި ކޮބާ، ދޮންނަމެޝިނެއް ވެސް ބަހައްޓަން ޖެހޭނެ ނޫން ހެއްޔެވެ؟ އެ ބަހަޓާނީ ކޮންތާކު ހެއްޔެވެ؟

އަންނައުނު ދޮވެ ރީއްޗަށް އަވީގައި ހިއްކަން އަޅާލާނެ ރަނގަޅު ބެލްކަންޏެއް ނެތް އިރު، މެޝިނު ބައިންދާނެ ތަނެއް ވަކިން ހާއްސަ ކޮށްފައެއް ނެތެވެ. ބައެއް ގޭގޭގައި މެޝިނު ބައިންދަނީ ބަދިގެ ކައިރީ އެވެ. ނުވަތަ ކޮންމެވެސް އެއްކޮޓަރީއެއްގެ ފާހަނަ ތެރޭ އެވެ. އެހެންނާ ފާހާނާގެ ދޮރު ކައިރީގަ އެވެ. މިތާކުން އެއިން ކަމެއްގެ ހައްލެއް ނުފެނުނެވެ. ހައްލެއް ފެންނަން އޮތް ކަމަކަށް ވެސް ހިތުން ހެދި ހިސާބަކުން ނުދެެއްކި އެވެ.

ރާއްޖޭގައި އާއިލާތަކުގެ ތަރުތީބު އޮންނަ ނިސްބަތުން މިއީއަކީ ދިރިއުޅެން ރަނގަޅު ތަނަކަށް ވާނެ ސަބަބެއް ނޫސްވެރިޔާގެ ނޯޓް ފޮތުގައި ލިޔާކަށް ނުލިބުނެވެ. އެހެވެގެން ނޯޓް ފޮތުގައި ލިޔުނީ "މިއީ ކޮތަރު ކޮއްޓެއް ވެސް ނޫނެވެ! މިއީ އެމަތިމައްޗަށް ޖަހާފައިވާ އަލިފާން ފޮށިތަކަކޭ" އެވެ.

އަދި މިއީ ދެވަނަ ފިޔަވަހީގެ 25 ބުރީގެ ޓަވަރުތަކުގެ ތެރެއިން އިމާރާތެއްގެ އެއް އެޕާޓްމަންޓެވެ. ގާތްގަނޑަކަށް 570 އަކަފޫޓުގެ ޖާގަ އެއްގައި ދެ ކޮޓަރި އާއި ދެ ފާހަނާ ހިމެނޭ ގޮތަށް ހަދާފައިވާ 6860 ފްލެޓެވެ. ކޮންމެ ބައެއްގަައި ހުންނާނީ ހަތަރު ލިފްޓެވެ. ސްކޫލުތަކާއި އޮފީސް ގަޑިތަކުގައި ލިފްޓަށް ބާރު ބޮޑު ވާނެ ވަރު ދެން ހިޔާލަށް ގެންނާށެވެ. ދިހަ ބުރީގެ ގާކޮށީ އިމާރާތުގައި ވެސް އެ މައްސަލައާ ހުރެ އެ އުޅެނީ އަދިވެސް ސަލާމަތް ނުވެވިގެނެވެ.

ހިޔާއަށް އާދެވުމުން ހިތް އުފާވުމުގެ ބަދަލުގައި ހިތް މަރާލައިފި އެވެ. މިތަނުގައި އުޅެގެން ވަކި ހަމަޖެހޭ ދިރިއުޅުމެއް ލިބޭނެބާއޭ ހިތަށް އެރި އެވެ. އަދި ކުރިން ރާވާފައި އޮތް ގޮތަށް އެތާނގެ ތެރޭގައި ތިން ވަނަ ކޮޓަރިއެއް އެޅި ނަމަަ ހާލަކީ ކޮބައި ހެއްޔެވެ؟

ހިޔާ ފްލެޓު ލިބޭ މީހުން މިތަނަށް ވަންނަ ހިސާބުން މިހާރު އެންމެ މަޝްހޫރު ވެފައިވާ "11،000 ރުފިޔާ" ދައްކަން މަޖުބޫރު ވާނެ އެވެ. މިވަރު ތަނަކާ ބަލާފައި އެ އަގު މާ ބޮޑެވެ. އެކަމަކު އެ އަގު ދީން މި "އަލިފާން ފޮއްޓަށް" ނުވަދެވެސް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟