ހިޔާ ފްލެޓްތަކަށް ވަދެ ދިރިއުޅުން ފެށޭނެ ދުވަހެއްގެ އުންމީދުގައި ތިބި ހަތްހާހެއް އާއިލާގެ އިންތިޒާރަށް ނިމުން އަންނަނީ އެވެ؛ ބައެއް އާއިލާތަކަށް މިހާރު ވެސް އެ އުންމީދު ހާސިލު ވެއްޖެ އެވެ. މިއީ އަމިއްލަ ބޯހިޔާވަހިކަމެއް ލިބޭތޯ ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއްގެ ފޮނި އަދި އެހާމެ އުފާވެރި ނިމުމެކެވެ. ފްލެޓްތަކުގެ ތަޅުދަނޑިތައް ލިބުމާއި އެކީ ވީހާ ވެސް އަވަހަށް ފްލެޓަށް ވަންނަން އެންމެވެސް ބޭނުންވެ އެވެ. ސަބަބަކީ އެކަމަށް ކުރަމުން އައި އިންތިޒާރު ދިގު ދެމިގެން ދިޔަ ދިއުމެވެ. 2018 ގެ ފަހުކޮޅު އެތަންތަނަށް ވަދެވޭނެ ކަމަށް ކުރި އިންތިޒާރު 2021 ގެ މި މުއްދަތަށް ދިގު ދެމިގެން ދިއުމަކީ އެ އާއިލާތަކަށް ލިބުނު ބޮޑު ގެއްލުމެވެ. އެހެން ކަމުން ކިރިޔާ އުޅޭލެވޭ ވަރަށް ތަން ހަދާލައިގެން ބައެއް މީހުން މިހާރު ވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށާފަ އެވެ. އޭގެ ތެރެއިންވެސް ގދ. ތިނަދޫއަށް އުފަން ޝިޒްނާ ރަޝީދުގެ އާއިލާ ވެގެން ދިޔައީ ފްލެޓަށް ދިރިއުޅުން ބަދަލުކުރި ފުރަތަމަ އާއިލާ އަށެވެ. ރާއްޖޭގެ ތާރީހުގައި ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ފޮނި މީރުކަން އެންމެ ފުރަތަމަ ލިބުނު އާއިލާއަކީ އެއީ އެވެ.
ނަމަވެސް ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތައް ހުރި ސަރަހައްދު އަދި ސިފަވަނީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގަ އެވެ. އެއްބަޔަކު ތަނަށް އެއްޗެހި ވައްދަނީ އެވެ. އަނެއްބަޔަކު ތަށިމުށި ޖަހަނީ އެވެ. އަނެއް ބަޔަކު ކުލަލަނީ އެވެ. ފަރުނީޗަރު ޖަހާ މީހުން އެ މަސައްކަތުގަ އެވެ. ބިދޭސީންގެ ވަރުގަދަ ވޯކް ފޯހެއް 16 ޓަވަރުގައި އެބައޮތެވެ.
ޝިޒްނާ ދިރި އުޅެނީ ހިޔާގެ 10 ވަނަ ޓަވަރުގެ 21 ވަނަ ފްލޯގަ އެވެ. އަވަސްގެ ޓީމަށް 21 ވަނަ ފްލޯއަށް ލިފްޓުން އެރުނީ ބަރާބަރު ތިން މިނެޓުންނެވެ.
ޝިޒްނާ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓްގައި ހުރީ ތަށިމުށިޖަހާފަ އެވެ. ބޮކިލައި ދޮރުތައް ހަރުކުރީ އެ މީހުން އަމިއްލައަށެވެ. ސޯފާ ސެޓާއި ގެއަކަށް ކޮންމެހެން ބޭނުންވާ ގިނަ އެއްޗެހި ހުރީ ހޯދާފަ އެވެ. އޭނާގެ ކުދިންތައް ސިޓިން ރޫމްގައި ކުޅެން އުޅެ އެވެ. ނަމަވެސް އަދިވެސް ގޭތެރޭގައި ނުނިމެ ހުރި ބައެއް ކަންކަން އެބަހުއްޓެވެ.
ޝިޒްނާގެ ވާހަކަ ފެށީ ދުރު ހަނދާނަކުންނެވެ. އޭރު އުމުރުން 13 އަހަރުންނެވެ. އެއީ މާލެއަށް ދިރިއުޅުން ބަދަލުކުރި އަހަރެވެ. ކައިވެނި ކުރީ އުމުރުން 19 އަހަރުގަ އެވެ. ފިރިމީހާ އަކީ މާލޭ މީހެއްކަމުން އޭރު އުޅެމުން ދިޔައީ ފިރިމީހާގެ މައިންބަފައިންގެ ގޭގަ އެވެ. ނަމަވެސް އެއީ ދަތި ދިރިއުޅުމެކެވެ. ކުޑަކުޑަ ކޮޓަރިއެއްގައި އުޅެން ޖެހުމުން ދެން ބަދަލުވީ ކުލީ ތަނަކަށެވެ. އެތަނުގައި ނުވަ އަހަރު އުޅުނެވެ. އެއީވެސް 12 ފޫޓް 12 ފޫޓް ކޮޓަރިއެކެވެ. ތަނު ކުއްޔަކީ 10،000ރ. އެވެ. އޭރު ތިން ފިރިހެން ކުދިން ލިބި ހެޔޮވަރުގެ އާއިލާއަކަށް އޭނާގެ އާއިލާ ވެއްޖެ އެވެ.
ޝިޒްނާގެ އާއިލާ ހިޔާ ފްލެޓަށް ބަދަލުވީ މިދިޔަ މަހު ފްލެޓްތަކަށް ދާއިމީ ގޮތެއްގައި ކަރަންޓާއި ފެން ދޫކުރަން ފެށުމުންނެވެ. އެހާ އަވަހަށް ފްލެޓަށް ބަދަލުވާން ނިންމީ އެ ނޫން ގޮތެއް ނެތީމަ އެވެ. ދިރިއުޅުން ދަތިވެ މަޖުބޫރުވީމަ އެވެ. ދެން އެންމެ މަހަކަށްވެސް 10،000 ރުފިޔާގެ ކުއްޔެއް ދެއްކެން ނެތުނީމަ އެވެ.
ފުރަތަމަ ފަހަރަށް ފްލެޓް ލިސްޓު އާންމު ކުރީއްސުރެ ފްލެޓަށް ވަދެވޭނެ ކަމުގެ އުންމީދުގައި އޭނާ ދިޔައީ ދުވަސްތައް ގުނަމުންނެވެ. ކައިވެނި ކުރި ފަހުން ދޫކުރި ހުރިހާ ހައުސިން މަޝްރޫއަކަށް ކުރިމަތިލި އެވެ. ނަސީބު އަތުގައި ހިފީ މި ފަހަރު އެވެ. އެހެންކަމުން ލިސްޓުގައި ހިމެނުނު ދުވަހުން ފެށެގެން ޝިޒްނާގެ ކުޑަކުޑަ އާއިލާއިން ދިޔައީ ފްލެޓަށް ވަންނަން ތައްޔާރުވަމުންނެވެ.
"ފުރަތަމަ ލިސްޓުގައި ހިމެނުނު ދުވަހުން ފެށިގެން އުންމީދުކޮށްގެން ތިބީ ފްލެޓަށް ވަދެވޭނެ ކަމަށް. ކުރިން ކުއްޔަށް އުޅުނީ އެއްކޮށް ބެދިފަ ހުރި ތަނަކު. އަޅުގަނޑާއި ކުދިންނަކީ އެލާޖީ މައްސަލަތައް ވެސް ހުންނަ ބައެއް. އެހެންވީމަ އަވަހަށް އެއަށްވުރެ ރަނގަޅު ތަނެއް ލިބެއްޖިއްޔާ ބަދަލުވާން ބޭނުންވާނެ ކޮންމެ މީހަކު ވެސް. ތަޅުދަނޑި ލިބުނުހާ އަވަހަކަށް ފްލެޓަށް ވަންނަން ރެޑީގަ ތިބީ،" ޝިޒްނާ ކިޔައިދިނެވެ.
މީގެ ހަ މަސް ކުރިން ޝިޒްނާ ދިޔައީ އާ ފެށުމަކުން ދިރިއުޅުން ފަށަން ތައްޔާރުވަމުންނެވެ. ހިޔާ ފްލެޓް ލިބުނު ގިނަ މީހުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވަނީ ފިނިޝިންގެ މަސައްކަތްތަކަށް ބޮޑު ހަރަދެއް ކުރަން ޖެހުމުންނެވެ. ލޯނު ނަގައި ދަރަނިވެރިވާކަށް އެކަކުވެސް ބޭނުމެއް ނޫންނެވެ.
މިކަމުގައި ޝިޒްނާ ތަފާތެވެ. އޭނާ ހުރީ މިހާރު މި އޮތް ހާލަތަށްވެސް ބަރާބަރަށް ތައްޔާރު ވެގެންނެވެ. އައު ސަރުކާރު އައިސް ދައްކަން ފެށި އެކި ވާހަކަތަކާއެކު ދޮރެއް، މުއްޓެއް ނެތް ފްލެޓަށް ވަންނަން ޖެހޭނެ ކަމަށް ދުރާލާ އޭނާ ތައްތާރުވި އެވެ. ހަ މަސް ކުރީން ފެށިގެން ދިޔައީ ފަހަރަކު އެއްޗެއް ގަންނަމުންނެވެ. އަތަށް ފައިސާ ފޮއްޗެއް އެރުމުން ގަންނަނީ ފްލެޓަށް ބަދަލުވާން ވާއިރަށް ހޯދާން ޖެހޭ ކޮންމެވެސް އެއްޗެކެވެ. ތަށިމުއްޓާއި، ސޯފާ ސެޓު، ދޮރުފަތް އަދި ބޮކި ފަދަ ހުރިހާ އެއްޗެއް އެކި މަސް މަހަށް ބަހާލައިގެން ގަތެވެ. ގަތުމަށްފަހު އެކި އެއްޗެހި ބެހެއްޓީ އެކި ތަންތަނުގަ އެވެ.
"ދިރިއުޅުމުގެ މިހާ ހިސާބަށް އައިއިރު ދިރިއުޅުމުގެ ހަގީގީ އިހުސާސް ކުރެވެން މި ފެށީ މިއަދު. މިނިވަންކަމާ އެކީ ވަކި ކޮޓަރިއެއްގަ ކުދިންނާ ވަކިން އެބަ އުޅެވޭ. ކުރިން ކުދިންނާ ފިރިމީހާ އާއި އެކީ އެއްކޮށް ކަހަލަ ގޮތަކަށް ދިރިއުޅުނީ،" ޝިޒްނާ ބުންޏެވެ.
ކުރީން ކިތަންމެ ތައްޔާރުވީ ނަމަވެސް މިހާތަނަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ފިނިޝިންނަށް ބޭނުންވާ އެކި ކަންކަމަށް އޭނާވެސް ހަރަދުކޮށްފި އެވެ. ނަމަވެސް ޝިޒޫއަށް އޮތް ހިތްހަމަ ޖެހުމަކީ ދަރަންޏަށް ފައިސާ ނުނަގާ އޭނާގެ އަމިއްލަ ފްލެޓަށް ވަދެ ދިރިއުޅެން ފެށުމެވެ.
"ރަނގަޅަށް ތަން ހަދައިގެން އަންނަން ބޭނުންވާ މީހުންނަށް ހަތަރު މަސް މަދު. ހަމަސްވަރު ނަމަ ހިތްހަމަޖެހިގެން ކުރެވޭނެ. އަޅުގަނޑުމެންވެސް މިއައީ ކޮންމެހެން ހުރިހާ ކަމެއް ފުރިހަމަކޮށްގެންނެއް ނޫން. ތަން ލިބުމުން ހިތްހަމަޖެހުނު ކަމުގަ ވިޔަސް ވަރަށް ބޮޑު ދަތިތަކެއް އެބަހުރި. އިތުރު ގޮތެއް ނެތީމަ އަވަހަށް މިއައީ. ގޮތެއް އޮތް މީހަކު އެއްކޮށް ނުނިންމާ ނާންނާނެ. އެހާ ތަނަވަސްކަމެއް ނެތީމަ އަވަހަށް ބަދަލުވީ. މިތަން ހަދަމުން މާލޭގަ ހުރިތަނަށް ކުލި ދައްކަމުން ނޫޅެވޭނެ ކުއްޔަށް ދޭ 10،000ރ. މިތަނަށް އިންވެސްޓް ކުރެވޭނެ ބަދަލުވީމަ. އިތުރު ލޯނު ނުނަގާ މީހެއްގެ އަތުން ދަރަނި ނުނަގާ ކޮށްލެވޭނެ އަވަހަށް ބަދަލުވީމަ،" ޝިޒްނާ ބުންޏެވެ.
ހުޅުމާލެ ފޭސް ދޭއް ތަރައްގީކުރަމުން އަންނައިރު އަދި އަސާސީ ހިދުމަތްތައް ދޭކަށް ނުފަށަ އެވެ. މިވަގުތު ފިހާރައަކުން އެއްޗެއް ގަންނަން ބޭނުންވިޔަސް ދާން ޖެހޭނީ ފޭސް ދެއަކުން ބޭރަށެވެ. އެހެންވީމަ ޝިޒްނާގެ އާއިލާއިން ބަހައްޓަނީ ގަނޑުކޮށް ހުރިހާ އެއްޗެއް ގަނެފަ އެވެ. މިވަގުތަށް އެންމެ ދަތިވަނީ އިންޓަނެޓްގެ ހިދުމަތް ނުލިބޭތީ އެވެ. ނަމަވެސް ކޭބަލް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ޝިޒްނާ އަކީ ގޭގައި އޮންލައިންކޮށް ގުރުއާން ކިޔަވައިދޭ މީހެއް ކަމުން ކިޔަވައިދޭން މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ އެއީ އެވެ.
އޭނާގެ ތިން ކުދިންގެ ތެރެއިން ކުޑަ ދެ ކުދިންނަކީ ސުކޫލަށް ދާ އުމުރުގެ ކުދިންނެވެ. މާލޭގެ މަޖީދިއްޔާ ސުކޫލަށް ދާ ދެ ކުދިން ހުޅުމާލެ ސުކޫލަކަށް ބަދަލުކޮށްދޭން މިހާރު ވަނީ އެދިފަ އެވެ. މިވަގުތު އެ ކުދީން ސުކޫލަށް މާލެ އަންނަން ޖެހުމަކީ އޮތް ދައްޗަކަށް އުންމީދަކީ ވީހާވެސް އަވަހަށް ހުޅުމާލޭގެ ސުކޫލަކުން ޖާގައެއް ލިބުމެވެ.
"ދެފަރާތުގެ އާއިލާއިން ވަރަށް ސަޕޯޓް ކުރޭ. އެންމެންވެސް ބުނޭ ވަރަށް ހިތްވަރުކޮށްގެންނޭ އެހާ އަވަހަށް ބަދަލުވެވުނީ،" ޝިޒްނާ ބުންޏެވެ،
މި ކުޑަ އާއިލާއިން ފްލެޓްތަށް ބަދަލުވެ މުޅީން އައު ދިރިއުޅުމެއް ފެށީއެވެ. މި ނޫންވެސް ބައެއް އާއިލާއަށް މިއަށްވުރެ އަދި މާ އާދައިގެ އިންތިޒާމުތަކަކާއެކު ދިރިއުޅުން މިހާރު ފަށައިފި އެވެ. ބައެއް ފެލްޓްތަކަށް މީހުން ވަނީ ހަމައެކަނި ދޮރުފަތްތައް ހަރުކޮށްލައިގެންނެވެ. އެއީވެސް އެ ނޫން ގޮތެއް ނެތުނީމައެވެ. އަދި މި ހިނގާ ހަތަރު މަހުގެ ކުލި ދައްކަން ނުޖެހޭނެ ގޮތެއް ހޯދުމަށެވެ.