ފްލެޓް ޑައިރީ: އަހަރެމެނަށް ހިޔާވީ ހިޔަންޏަކަށް!

މީގެ ދެ ދުވަސް ކުރިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރަކަށް ހާއްސަކޮށް ސޯޝަލް މީޑިއާގައި ދައުވަތެއް ތިލަ ކުރި އެވެ. އެ ދައުވަތުގައި އަހަރެން ނުހިމެނުނަސް އަމިއްލައަށް ދައުވަތު ބަލައިގަތީ އެވެ. މި ދައުވަތަކީ ހިޔާ މަޝްރޫގެ ފްލެޓަށް ކުރިމަތި ލާފައި އޮތް މީހަކަށް ކުރީ ލިސްޓުގައި ފްލެޓް ޔަގީންވެފައި އޮއްވާ ފަހުން ދިރާސާކޮށް ނެރުނު ލިސްޓުން ފްްލެޓުގެ ޔަގީންކަން ގެއްލުމުން ދިރިއުޅުމުގެ ހާލަތު ބަލައިލަން ޖައްސާލައި ދިނުމަށް ދީފައި އޮތް ދައުވަތެކެވެ. ކޮންމެ މީހަކު ވެސް ޖައްސާލަން ހަމަ އެންމެ ރަނގަޅެއް ނޫން ހެއްޔެވެ؟

މާފަންނު ބިސްބުރު ކައިރީ ހުރި އެ ގެޔަށް ވަދެވުނީ ދަައުވަތެއް އާންމު ކުރި ހާމިދު ރަޝީދާއެކު އެވެ. ގޯޅިއެއްގެ ތެރޭން ލައިގެން ގޮސް ހިމަ ހިމަ ސިޑިން އަކުން އަަރަން ޖެހެނީ ގޭގެ ތިން ވަނަ ބުރިއަށެވެ. އެއީ އެގޭ އެންމެ މައްޗެވެ. މުޅު ސިޑީމަތީގައިހެން ފެން ކޭސްތައް ބަރިބަރިއަށް ޖަހާފައި ހުއްޓެވެ. އެހެންވެ ސިޑީން އަރާން ޖެހެނީ އަރިއަށާއި ހުރަހަށް ވެސް ޖެހެމުންނެވެ. ދޮރާ ހަމައަށް ދެވުނު އިރު އެޕާޓްމަންޓުގެ ދޮރުން އެއްބައި ގެއްލިފައި ހުރީ ހާމިދާއި އޭނާގެ އަންހެނުން ޝަހީމާ ނައީމްގެ އަންނައުނުންނެވެ. ސިޑީގައި ހުރި ދަގަނޑުތަކެއްގައި އެއްޗެހި ދޮވެ ހިއްކަން އަޅާފަައި ހުއްޓެވެ.

"އެތާނގައި އެއްޗެހި އަޅަނީ އެއީ އެތަންކޮޅަށް ކޮންމެވެސް ވަރަަކަށް އަވި ލިބޭތީީ،" އަހަރެން އެދިމާއަށް ބަލައިލުމުން ޝަހީމާ ހީނލާފައި ބުންޏެވެ.

އަވަސްގެ ވިޑިއޯގްރާފަރު ހާމިދު އެކުގައި ގޭތެރެއަަށް ވަނުމުން ދެން އެތަނުގައި އިތުރު މީހަކަށް ހުންނާނެ ޖާގަ އެއް ނެތެވެ. ވަކި ހިސާބަކުން އެއްބަޔަކަށް ޖެހުނީ ހާމިދުގެ އާއިލާ ނިދާ ކޮޓަރިއަށް ވަންނާށެވެ. އެތާނގެ ކުރިމަތީގައި ހުރި އައިސްއަަލަމާރި އާއި ޖެހިގެން ހުރި އަައްޓާއި ކުޑަ ބަދިގޭގެ ކުރިމައްޗަށް ބަހައްޓާފައި ހުރި ހަތަރު މީހުންގެ ޖާގައިގެ ކާމޭޒާއެކު އެއީ އެގޭ ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އެވެ. އެއީ ހާމިދާއި ޝަހީމާ ދިރިއުޅޭ 12 ވަރަކަށް ފޫޓުގެ ގެއެވެ.

"މިތަނުން ދައްކަން އޮތީ އިތުރު ކޯއްޗެއް؟" ވަރަށް މަޑު މަޑުން ހާމިދު ބުނެލި އެވެ. އެއީ ތެދެކެވެ. ދައްކާނެ ތަނެއް ނެތެވެ. އޮތީ ދިމާއަށް ފެންނާށެވެ.

"އެކަމަކު ދައްކާނެ ވާހަކަ އެބަހުއްޓެއްނު،" އަހަރެން އެހެން ބުނެލީމާ ވެސް އޭނާ ހީނލީ އެވެ.

މި ދެމަފިރިން ކުއްޔަށް މި ގޭގައި އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެމީހުންގެ ދެ ކުދިންނަށް ހާއްސަ ނުވަ ފޫޓުގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިއަކީ އަދި އެހެން ބަޔަކު ދިރިއުޅޭ ތަނެކެވެ. މި ކުޑަތަންކޮޅުގައި އެއީ އަދި ޝެއަރިން އެޕާޓްމަންޓެކެވެ. ކައްކާ ކެއުމާއި ޓީވީ ބެލުމާއި އެއްޗެހި ދޮވުން ވެސް ހަމަ ޝެއާ ކޮށްގެނެވެ. މަހަކު 8،000ރ. ދީގެނެވެ. އެއީ ކަރަންޓާއި ފެނަށް ދާ ހަރަދު ނުލަ އެވެ.

ހާމިދަކީ އެމްޕީއެލްގައި ބަސް ދުއްވަން އުޅޭ މީހެކެވެ. ވަޒީފާއަކަށް ދާން ބޭނުންވިޔަސް އެފަދަ މަސައްކަތެއް ކުރާނެ ވަގުތެއް ޝަހީމާ އަކަށް ނުލިބެ އެވެ. އެއީ ދެމަފިރިންނަށް ދެވަނަ އަށް ލިބުނު، ޔޫސުފްް އާނިސް ހާމިދަކީ މަލްޓިޕަލް ކޮންޖެނިޓަލް އެނޯމަލީސް އަށް ޑައިގްނޯސް ކޮށްފައި ހުރި ކުއްޖަށްވުމުންނެވެ. އޭނާއަށް އަބަދުވެސް ހާއްސަ އެހީއާއެކު ލޯތްބާއި އަޅާލުން ބޭނުންވެ އެވެ. ވިހައިގެން 10 ދުވަސް ނުވަނީސްް ހެދި ސާޖަރީއާއެކު މިހާރު އެ އަދަދު 11 އަށް އަރަނީ އެވެ. އާނިސް އަށް އުމުރުން ހަތް އަހަރު ވެފައިވާއިރު އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވެ އެވެ. ކަންކަން ކުރަން ބޭނުން ވިޔަސް، ބުނަން ބޭނުން ވިޔަސް އާނިސްއަކަށް އަދިއެއް އެކައްޗެކާ ވެސް ނުބުނެވެ އެވެ.

އާނިސްގެ ކަންކަމާއި ހަރަދުތައް ބެލެހެއްޓުމަށް ފަހު މި ދެމަފިރިންނަށް އަތުގައި އެއްވެސް އެއްޗެއް ނޯވެ އެވެ. އުމުރުން ދޮށިވާ ވަރަކަށް ކުރަަންޖެހޭ ހަރަދުތައް ވެސް ވަނީ އިތުރެވެ. ޑޮކްޓަރުންގެ ބޭހާއި ތެރަޕީ ގަޑިތަކާއި ކޮންމެ ދުވަހަކަށް ބޭނުންވާ ވަކި ވަކި ހަރަދުތައް ނުކޮށްފިނަމަ އާނިސް އަށް ނުރަައްކާ ވާނެ އެވެ. މި ދެމަފިރިންނަށް މާލޭގެ މި ހާލުގައި އުޅެން މަޖުބޫރުވީ ރަަށުގައި އެ ހިދުމަތްް ދެވޭނެ ފެންވަރު ނެތުމުންނެވެ. ހުއްޓުމެއް ނެތި އެހީ ބޭނުންވާއިރު ކިރިޔާވެސް ކުރިއެރުމެއް ލިބެން އޮތީ މި ހާލުގައި ދިރިއުޅެގެނެވެ. ހިރަފުހާއި ރޯގާ ފަސޭހައިން ޖެހޭތީ ގޭތެރެ ވެސް ބަހައްޓަން ޖެހެނީ ވަރަށް ސާފު ކޮށްފަ އެވެ.

"ވާހަކަށް އެބައޮތް، ވާހަކަ ދެއްކިވެސް ދާނެ،" ގޮނޑިއެއް ދަމާލާފައި އިށީނދެ ހާމިދު ބުންޏެވެ. އޭނާގެ ވާހަކަ އެ ފަށަނީ އެވެ.

އޭނާ ބުނި ގޮތުގައި ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު ބޯހިޔާވަހިކަމުގެ ފްްލެޓަށް އިއުލާން ކުރުމުން އެމީހުން ވެސް އެޕްލައި ކުރި އެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީ އެޗް10 އަށެވެ. އެ ކެޓަގަރީގެ ފޯމު ހުށަހަޅައިގެން ތިބީ ފްލެޓެއް ލިބޭނެ މީހުންގެ ލިސްޓަށް އިންތިޒާރުކޮށްގެނެވެ.

ލިސްޓު ނެރެފި އެވެ. ހާމިދު އާއި ޝަހީމާގެ ލޮލުން ކަރުނަ ހިލިއްޖެ އެވެ. އުފަލުން ފުން ނޭވާއެއްލެވުނީ ދިރިއުޅުން އެއްކޮށް ބަދަލުވީ ކަމަށް ނިންމައިގެނެވެ. ލިސްޓުގައި އެ މީހުންގެ ނަން އޮތީ އެހާވެސްް ކުރީގަ އެވެ.

"އިއުލާނު ކުރީމަ އެ ކެޓަގަރީއަށް އާނިސް ފެތޭތީ އެހެންވެ ވަރަށ ޔަގީންކަމާއެކު ފޯމު ލީ. ދަަރުބާރުގެއަށް ގޮސް އަމިއްލަ އަށް ފޯމުލީ ވެސް. އަމްރިތާ އާއި އައިޖީއެމްއެޗް ޑޮކްޓަރެއްގެ ލިޔުމާއި ޖެންޑާގެ ލިޔެކިޔުންތައް ވެސް ހުށަހެޅިން. ލިސްޓު ނެރުނު އިރު އާނިސް އޮތް 47 ވަނައިގައި. އެއީ 90 ޕޮއިންޓާއެކު" އޭނާ ބުންޏެވެ.

ފްްލެޓެއް ލިބޭ ކަމުގެ ލިޔުން ވެސް އަތަށް އަރައިފި އެވެ. އެކަމަކު ސަރުކާރުގެ ވުޒާރާ އަކުން ރަސްމީ ތަތްގަނޑުޖަހައި ސޮއިކޮށް ސެޓްފިކެޓެއްގެ ސިފައިގައި ދިން ލިޔުމުގެ އެއްވެސް ބޭނުމެއް ނެތްކަން ހާމިދަށް އިހުސާސްވީ މިދިޔަ ހަފުތާގަ އެވެ.

ކުރީ ސަރުކާރުން ފްްލެޓުތައް ދިނީ ހައްގުވެރިންްނަށް ނޫންކަމަށް ބުނެ، މި ސަރުކާރުން އެކުލަވައިލި "ފްލެޓު ކޮމިޓީ" ޓީމުން އާ ލިސްޓެއް ނެރުނެވެ. ކުރީ ލިސްޓުގައި 47 ވަނައިގައި އޮތް ހާމިދުގެ ނަން ލިސްޓުގެ ކުރިއަކުން މިފަހަރު ލައްވައެއް ނުލި އެވެ. އާނިސްގެ ނަން ވެއްޓެމުން ވެއްޓެމުން ގޮސް އޮތީ 336 އަށް ވެއްޓިފަ އެވެ. ލިސްޓުގެ އެހާ ތިރިއަށް ނަން ދިޔައީ ކިހިނެތް ކޮން ސަބަބަކާ ހުރެތޯ ހާމިދު ސުވާލު ކުރެ އެވެ.

"އެއީ އިންސާފުތޯ؟ 200 ފްލެޓެއްނު ދޭނީ. އެ ލިސްޓުު އޮންނާނީ ތަރުތީބުންތާ، ދެން ލިސްޓުގެ އެހާ ތިރީގައި އޮތީމަ އެއްވެސް ޔަގީންކަމެއް ނެތެއްނު؟ އެއީ އިންސާފުތޯ؟"

ފްލެޓު ކޮމިޓީން އަލުން ރިވިއު ކުރިޔަސް، ޕޮއިންޓު ދޭއިރު ވެސް ދޭން ޖެހެނީ ކުރީ ސަރުކާރުން ހަދާފަައިވާ ގަވާއިދާ އެއްގޮތަށެވެ. ޕޮއިންޓު ދިނުމުގެ އުސޫލަކަށް ބަދަލެއް ނުގެނެ ވެއެވެ. ހާމިދަށް ޕޮއިންޓު މަދުވީ، ދިރިއުޅުމުގެ ހާލަތެވެ. އެކަަމަކު، އެމީހުންގެ ހާލަތުވީ އިހަށްވުރެ ގޯހެވެ.

ހާމިދު ހުރީ އޭނާގެ އާނިސްގެ ދިރިއުޅުން ބަދަލުވެގެންދާނެ ފްލެޓު ލިބުމުން ކުރާނެ ކަންކަން ވެސް ނިންމައިގެނެވެ. އާނިސް އަށް ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރުގައި ތެރަޕީ ދޭން ގެންދަން ފޯމުވެސް ނެގި އެވެ. މީގެ ކުރިން އޮތް ހިތާނީ ކޭމްޕުގައި ބައިވެރި ނުވީވެސް، އާނިސްގެ ފްލެޓަށް ގޮސް ހިތާނު ކުރާށެވެ. ހާމިދު ދެކޭ ގޮތުގައި އެއީ އޭނާގެ ނަމުގައި އޮތަސް އޭނާގެ ފްްލެޓެއް ނޫނެވެ. ހައްގުވެރިޔަކީ އާނިސް އެވެ.

"ފްލެޓުތައް ހަވާލު ކުރާ އިރު އެތަނުގައި ދޮރާއި މުއްޓާ އެއްޗެހި ނުހުންނާނެ ކަމަށް ބުނުމުން އޭރު ބޭސްފަރުވާއަކަށް ނަގާފައި އޮތް ލޯނު ވެސް ދައްކަން ވިސްނައިގެން ހުރީ. އޭރު އޮތް ލޯނުގެ 25000 ބާކީ. ރަައްކާކޮށްފަައި ހުރި އެއްވެސް ލާރި އެއް ނެތީމަ އޮތް ލޯނު ވެސް އަވަހަށް ދައްކާލާފައި އެތަނުގެ ޑައުންޕޭމަންޓު ދައްކަން އިތުރު ލޯނެއް ނަގަން ވިސްނައިގެން ހުރީ" ހާމިދު ކިޔައިދިނެވެ.

"އޭރުވެސް ހާލަތު ބަލަން އައި، ފަހުންވެސް ހާލަތު ބަލަން އަައި. ފަހުގެ ލިސްޓުން ޕޮއިންޓު ދަށްވީ. އެކަމަކު މި އުޅެނީ ހަމަ މިތާ. އިތުރުވީ އެހެން ކުއްޖަކު ލިބޭތީ އެ ހަރަަދުތައް. އާނިސް އަށް އާނިސްގެ ހައްގު ހޯދަައިދީ. އެ ފްލެޓަކީ އާނިސްގެ ހައްގެއް!
ހާމިދު ރަޝީދު | އާނިސްގެ ބައްޕަ

ހާމިދުގެ އެ ފޯމުތަކާއި ފްލެޓަށް އޭނާ ކުރި އުއްމީދާއި ދެމަފިރިން އެކުގައި ދިރިއުޅުން ބަދަލު ކުރަން ކުރި ޕްލޭންތަކުގެ ވާހަކަތައް ކިޔައިދިން އިރު އެ ހުރިހާ ވާހަކަ އެއް އަޑުއަހަން ގޮނޑިއެއްގައި ޝަހީމާ އިނީ އޭނާގެ ހަތް މަހުގެ ބަނޑުގައި އަތް ޖައްސާލައިގެނެވެ. ކުރިއަށް އޮތް ދެ މަހަށްފަހު ދެން ވާނެ ގޮތަކާ މެދު ހާސްވެ ފިކުރުބޮޑުވެފައިވާ ކަހަލައެވެ. ނުހުއްޓި ލޮލުން ކަރުނަ ފޭބި އިރު ފެނުނީ އުމުރު ދުވަހެއްގެ ހިތާމަ އެކީއެއްފަހަރާ ބަންޑުން ވެގެން އުޅުނު ފަދައިންނެވެ.

ދައުވަތަށް އައިސް މި ކުޑަ އެޕާޓުމަންޓުގައި އަހަރެން ހޭދަ ކުރި ގަޑިއެއްހާއިރުން ސާފުވީ އެއް ކަމެއް އެބަ އޮތެވެ. މި އާއިލާގެ ދިރިއުޅުމުގެ ހާލަތަށް ވަރަށް ދެރަ އެވެ. ވަރަށް ނިކަމެއްޗެވެ. މުޅި އާއިލާއާއެކު ކުއީން ސައިޒު އެނދެއްގެ މަތިމައްޗަށް ޖަހާފައި ހުރި ބާލިސްތަކާއި ކޮނޑެއްގައި އަޅުވާލި ހެދުމެއްގެ އިތުރުން މި ދިރިއުޅުމަށް އައި ބަދަލެއް ނެތެވެ.. ކުރަންޖެހޭ ހަރަދުވީ އިތުރެވެ. ތަންކޮޅުވެސް ވީ ކުޑަ އެވެ. އެކަމަކު މިކަމަށް ގޮތް ނިންމުން އެންމެ ހެޔޮ ވާނީ ފްލެޓު ކޮމިޓީގެ ހާލަތު ބަލާ ޓީމުންނެވެ. އެޓީމަށް އަޮތީ ދައުވަތު ގަބޫލުކޮށް ހާލަތު ބަލަން ދިއުމެވެ.