މީހުން

ހުނަރުވެރި އަންހެނުން: ކުޅަދާނަ ފެހުންތެރިޔާ ރަޒީ

"އަސްލު ބޭނުންވީ ނަރުހަކަށް ވާން. ފެހުމުގެ ދާއިރާ އަށް ވަނުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭރަކު ނެތް. ނަރުހަކަށް ވާން ބޭނުންވީ މަންމަ އާއި ބައްޕަމެން މުސްކުޅިވާ ދުވަހަކުން ވެސް އެމީހުންނަށް އަޅާލުމުގައި ފަސޭހަވެސް ވާނެތީ. އެކަމަކު ކިޔަވަން އުޅެގެން ސްޕޮންސާ ލިބޭ ގޮތެއް ނުވެ އެހިޔާލު އެންމެފަހުން ގެއްލުނީ."

ރަޒީ 2001 ވަނަ އަހަރު އޯލެވެލް ނިންމުމަށް ފަހު ނަރުހަކަށް ވާން ކުރި މަސައްކަތް ކާމިޔާބު ނުވެގެން އޭނާ އެންމެ ފަހުން ވަޒީފާ އަދާކުރަން ފެށީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހަޒާޝްގަ އެވެ. އޭރު އޭނާ އަށް 19 އަހަރެވެ.

މިއީ "ހުނަރުވެރި އަންހެނާ" ގެ މި ފަހަރުގެ ހޮވުން ކަމުގައިވާ، ރަޒީނާ ތައުފީގުގެ ވާހަކަ ފެށިގެން އަންނަ ގޮތެވެ.

އޭރު ލިބޭ ހުސް ވަގުތުތަކުގައި އޭނާގެ ކަމަކީ ފައިވާންތަކުގައި އެސް ހަރުކޮށްގެން ޖަރީކުރުމެވެ. އޭރު ވަޒީފާ އަށް ދަނީ ވެސް އަމިއްލަ ދެ އަތުން ކަނޑައިގެން ފަހައިގެން ޖަރީކޮށްފައިވާ ހެދުންތައް ލައިގެން ފައިވާނަށް އަރައިގެންނެވެ.

"އެކުގައި ޖޮބްގައި އުޅޭ މީހުން ވެސް ދެން ބުނަން ފެށީ ތިއީ މާ ރަނގަޅު ކަމެއް ނޫން ހެއްޔޭ ކުރަން،" ފެހުންތެރިޔަކަށް ވުމަށް މީހުން ހިތްވަރުދިން ގޮތް އޭނާ ހިއްސާކުރީ މިހެންނެވެ.

އެހިސާބުން އޭނާގެ ހިޔާލު ބަދަލުވީ އެވެ. ލިބުނު މުސާރަ އަށް އޭނާ އެންމެ ފުރަތަމަ ވެސް ގަތީ ފަހާ ފޮއްޓެކެވެ. ޖެނޮމް ބްރޭންޑްގެ އެ ފަހާފޮށި އޭނާގެ މިލްކަކަށް ހެދީ 2،500ރ. އަށެވެ.

ފާހަފޮއްޓެއްގެ މިލްކުވެރިޔަކަށް ވީއިރު ވެސް އޭނާ އަކީ ކުޅަދާނަ ފެހުންތެރިޔެކެވެ. ފަހާ ގޮނޑީގައި ރަސްމީކޮށް އިށީނުމަށް ފަހު އޭނާ އެންމެ ފުރަތަމަ މީހަކަށް ފަހައި ދިން ހެދުމަކީ "ދެ ހާސް ވަނަ އުފަން ދުވަސް" ފިލްމުގެ ބަތަލާ ޖަމްޝީދާ އަހުމަދު އެ ފިލްމުގައި ބޭނުން ކުރި ހެދުމެވެ.

"އެ ފުރުސަތު ލިބުނު ގޮތަކީ އޭރު އަހަރެމެންގެ ގޭގައި އުޅޭ ކުދިންތައް އޭނާ ޝޫޓިންތަކަށް ދިޔައީމަ ބޭބީސިޓްކުރަނީ. އޭރު އޭނާ އުޅޭނީ އަހަރެމެން ވެސް އުޅޭ ގޭގެ އެހެން އެޕާޓްމެންޓެއްގައި. ވަރަށް ރައްޓެހިވާނެ. އެ ހެދުން ފެހީ އަގަކަށް ވެސް ނޫން،" ފުރަތަމަ ތަޖުރިބާގެ ވާހަކަ ކިޔައިދެމުން ރަޒީ ބުނީ މިހެންނެވެ.

ރަޒީ ބުނީ ހެދުން ފެހުމަކީ ކިހާ ބޮޑު އާމްދަނީއެއް ލިބޭ ކަމެއްކަން ރަނގަޅަށް އެނގުނީ އެ މަސައްކަތަށް ހުސްވެ ވަޒީފާ އަށް ނުގޮސް ގޭގައި މަޑުކޮށްލުމުން ކަމަށެވެ. ހެދުން ފަހަން ފެށުމުގެ ކުރިން އޭނާ އަދާކުރި ވަޒީފާގެ މުސާރައަކީ ގާތްގަނޑަކަށް 5000 ރުފިޔާ އެވެ.

"އޭރު އަމިއްލަ ތަނެއްގައި ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން އަޅުގަނޑަކަށް 5000ރ. ވެސް ނުލިބޭ. ދެން ރައްޓެހިން ވެސް ބުނަން ފެށީ ވަޒީފާ އަށް ދިއުމުގެ ބަދަލުގައި ފަހަން ފަށަންވީ ނޫން ހެއްޔޭ. އޭރު ގާތް މީހުންނަށް ވަރަށް ގިނައިން ފަހައިދެން. ދެން އެގޮތަށް ގޭގައި އިނދެގެން ފަހަން ފެށީމަ ވަޒީފާ އަށް ގޮސްގެން ލިބުނު އާމްދަނީގެ ދެ ގުނަ ލިބެން ފެށީ،" ރަޒީ ބުންޏެވެ.

ހެދުމެއް ފަހައިގެން އޭނާ އަށް އެންމެ ފުރަތަމަ ލިބުނު އަގަކީ އެންމެ 50 ރުފިޔާ އެވެ. މިކަން ފެށީ އަމިއްލަ ހެދުންތައް ފެހުމަށެވެ. ނަމަވެސް އާއިލާގެ އެހެން މެމްބަރުނަށާއި ގާތް އެކުވެރިންނަށް ވެސް ހެދުން ފަހައިދެމުން ގޮސް އެންމެފަހުން މިކަން ބޮޑު ވިޔަފާރިއަކަށް ބަދަލުވީ އެވެ.

މިހާރު އޭނާގެ އަމާޒު ހިފާފައި ވަނީ ވެޑިންގެ ހުރިހާ ހިދުމަތެއް ދެވޭނެ ތަނަކަށް ރަޒީ ކަލެކްޝަން ބަދަލުކޮށް ވެޑިން ޕްލޭނިންގެ ވިޔަފާރިއަށް ހުސްވުމަށެވެ.

ރަޒީގެ މި ކާމިޔާބީ އާއި އޭނާގެ ހުނަރުވެރިކަމުގެ ވާހަކަ ދައްކާއިރު އޭނާގެ އާއިލާ ތެރޭގައި މިކަންތައް އޮތް ގޮތް ވެސް ކުޑަކޮށް ބަލާލަމާ ހިނގާށެވެ.

އޭނާގެ ބައްޕަ އަކީ ވަޑާމުގެ މަސައްކަތަށް އަތް ފަސޭހަ ހުނަރުވެރިއެކެވެ. ލިޔެލާ ޖެހުމުގެ މަސައްކަތުގެ އިތުރުން ރޭނުމުގެ މަސައްކަތުގައި ވެސް ރަށަށް މަޝްހޫރުވެފައި އޮތް ނަމެކެވެ. މާލިމީއެކެވެ. ދަރިންގެ ހެދުންތައް އަމިއްލަ ދެ އަތުން ކަނޑައިގެން ފަހައިގެން ގޮސް އެ ކުދިންނަށް ދީ އުޅުނު މީހެކެވެ. އޭނާގެ މަންމައަކީ ދިވެހި ލިބާސް އަމިއްލަ އަށް ގަތައިގެން ފަހައިގެން ވިއްކައި އުޅުނު ހުނަރުވެރި އަންހެނެކެވެ.

އެހެންވީމަ ރަޒީ އަކީ މި ހުރިހާ ހުނަރުވެރިކަމެއްގެ ތެރެއިން ފޮޅިފައިވާ މަލެއް ނޫން ހެއްޔެވެ؟ އެންމެ ފުރަތަމަ ރޮދި ޖަހަން ފެށިއިރު އޭނާ އަށް 15 އަހަރެވެ.

"ރެޑީ މޭޑް އެއްޗެހި އޭރަކު ރަށަކުން ނުލިބޭނެ. ހުރިހާ ހެދުމެއް ހެން ފަހައިދޭނީ ބައްޕަ. އެކަމަކު ބައްޕަ ފަހައިދޭ ހެދުންތައް ހުންނާނީ އޭރުގެ ފެޝަންތަކާ މާ ރައްޓެހި ގޮތަކަށް ނޫން. އެހެންވީމަ އެންމެ ފުރަތަމަ ފެށި ކަމަކީ ބައްޕަ ފަހައިދޭ ހެދުންތަކުގެ އަތް ކުރުކުރަން ފެށީ. ހެދުންތައް އޭރުގެ ފެޝަނަށް އިތުރަށް ކުރުކުރަން ފެށީ. ބައްޕަ އަށް ވަގަށް،" ބައްޕަ އާއި މަންމަގެ ފިޔަވަޅު މަތިން ފެށި ދަތުރުގެ އަލަތު ފިޔަވަޅުތަކަށް ރަޒީ ޖެހިލި އެވެ.

"އެންމެ ފުރަތަމަ ފެށީ އަމިއްލަ ހެދުންތަކުން. އެކަމަކު އޭރު ވެސް ބައްޕަ އަށް ފެހުމުގައި އެހީތެރިވަން. ޔުނީފޯމް ފަހާއިރު ރޫ ޖައްސަން ވެސް އިންނަން."

ސްކޫލްގައި އުޅެމުން އަމިއްލަ ހެދުންތައް އޭރުގެ ފެޝަންތަކަށް ކަފަމުން ދިޔަ ރަޒީ އޭނާގެ އަމިއްލަ ހެދުންތައް ފަހަން ފެށީ ސްކޫލް ނިންމާލުމަށް ފަހު އެވެ. އެއީ ގއ. ވިލިގިއްޔެވެ. އޭނާ ބުނީ ފަހުގެ ފެޝަންތަކަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓަސް އެފަދަ "ރެޑީމޭޑް" ހެދުންތައް ގަތުމުގެ ފުރުސަތެއް އޭރު ނޯންނަ ކަމަށެވެ.

އެހެންކަމުން އޭރު އޮންނަ ގޮތަކީ އަމިއްލަ އަށް، ބޭނުންވާ ވައްތަރެއް ހެދުންތަކަށް ޖައްސައިގެން ރޮދިޖަހާލަނީ އެވެ. މި މަސައްކަތުގެ ތެރެއަށް އޭނާގެ ލޯ ރަނގަޅަށް ހުޅުވުނީ 2000 ވަނަ އަހަރު މާލެ އަށް ދިރިއުޅުން ބަދަލުކުރި ހިސާބުންނެވެ.

މިއަދު އޭނާ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ފެހުންތެރިންގެ ތެރެއިން ގުނާލެވޭ ނަމެކެވެ. ރަޒީ ކަލެކްޝަން ނުދަންނަ މީހަކު މަދުވާނެ އެވެ.

އާދައިގެ ވެޑިން ޑްރެސްއެއް އޭނާ ފަހައި ދެނީ 10،000 ރުފިޔާގެ އަގަކަށެވެ. އެންމެ ފުރަތަމަ ވެޑިން ޑްރެސްތައް ފަހައި ދިނީ 5000 ރުފިޔާގެ އަގުގަ އެވެ. މިހާރު މަސައްކަތް ކުރަން ޖެހޭ ގޮތުން ބައެއް ފަހަރު ވެޑިން ޑްރެސްތަކުގެ އަގު 15،000 ރުފިޔާ އިން 20،000 ރުފިޔާ އަށް އަށް ވެސް އަރައިގެންދެ އެވެ.

"މިހާތަނަށް އެންމެ ގިނަ މަސައްކަތްކޮށްގެން ހެދި ވެޑިން ޑްރެސް އަކީ ބަތަލާ އައްޒަގެ ވެޑިން ޑްރެސް. އޭގަ ހުންނާނީ ހުރިހާ މިނަލެއް ވެސް އަތުން އޭގައި ހަރުކޮށްފައި. އެއީ ގާތްގަނޑަކަށް ވަން މަންތުގެ މަސައްކަތެއް،" ރަޒީ ބުންޏެވެ.

"މިހާ ތަނަށް އެންމެ އަގުބޮޑުކޮށް ފެހި ވެޑިން ޑްރެސް އަކީ އަމިއްލަ ކޮއްކޮ އަށް ފަހައިދިން ހެދުން. އެކަމަކު އޭނާ އަތުން އަގެއް ނުނަގަން. އޭގެ ފޮއްޗަށް އެކަނި ވެސް ދިޔަ 1000 ޑޮލަރު."

އޭނާ ފެހި ފުރަތަމަ ވެޑިން ޑްރެސް އަކީ އަމިއްލަ ކައިވެންޏަށް ފެހި ހެދުމެވެ. އަމިއްލަ އާއިލާގެ މެމްބަރުންނާއި އަމިއްލަ ބޭނުމަށް އެންމެ ފުރަތަމަ ހެދުން ފަށަން ފެށި ނަމަވެސް މިއަދު އޭނާ އެންމެ މަޝްހޫރީ ފިލްމީ ދާއިރާގެ ތަރިންނަށް ހާއްސަ ހެދުން ފަހާ މީހެއްގެ ގޮތުގަ އެވެ.

ފިލްމީ ދާއިރާ އިން އާ ފިލްމެއް އުފައްދާ ނަމަ ގިނަ ޑައިރެކްޓަރުން އެންމެ ފުރަތަމަ ވެސް ފިލްމުގެ ކޮސްޓިއުމްގެ ކަންތައް ނިންމާލުމަށް ގުޅާލާނީ ރަޒީއާ އެވެ. ޔަގީނަށް ވެސް އޭނާގެ އެންމެ ބޮޑު މާކެޓަކީ ފިލްމީ ދާއިރާ އެވެ.