ހަބަރު

ފުރަތަމަ ތިން މަހު ގިނައީ ނާޖާއިޒު ފައިދާގެ މައްސަލަ: އޭސީސީ

މި އަހަރުގެ ފުރަމަތަ ތިން މަސް ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންމެ ގިނައިން ބަލާ ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތައް ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 65 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 160 މައްސަލައެއް އޭސީސީން ވަނީ ބަލާފަ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ތުހުމަތުކުރެވޭ 63 މައްސަލައެއް އޭސީސީން ބަލާފައިވާއިރު ނާޖާއިޒު ފައިދާ ހޯދުމުގެ 26 މައްސަލައެއް ވަނީ ބަލާފައެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ތުހުމަތުކުރެވޭ 3 މައްސަލައެއް ވެސް އޭސީސީން ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.