ރިޕޯޓް

ރާއްޖެއަށް ޓެރަރިޒަމް ރަނގަބީލުގެ އަޑު ގަދަވަނީ!

ޓެރަރިޒަމްގެ ނުރައްކާ ރާއްޖެއަށް އޮތީ ކިހާވަރަކަށްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބުދުއްރަހީމް އަބުދުއްލަތީފް އިއްޔެ މި ޖަވާބު ދެއްވި އެވެ: "ކިހާވަރަކަށްތޯ މި ނުރައްކާ އޮތީ، މިހާރު ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ! އަޅުގަނޑުމެން ވަރަށް ބޮޑަށް ހީކޮށްގެންތިބީ ނިއުޒީލެންޑަކީ ވަރަށް ސޭފްކޮށް އޮތް ގައުމެއް ކަމަށް، އެކަމަކު ޓެރަރިސްޓް ހަމަލާއެއް ވަރަށް ފަހުން ނިއުޒީލެންޑުގައި ވެސް މިއޮތީ ދީފައި. އެއްވެސް ގައުމަކަށް ހަމަ އެއްވެސް ތަނަކަށް، މިވަގުތުއެއް ބުނެވޭކަށް ނޯންނާނެ ޓެރަރިޒަމްގެ ހަމަލާއަކުން ނޫނީ އެކަހަލަ ނުރައްކަލަކުން ސަލާމަތުންނޭ އޮތީ!"

އެއް ކަމެއް އެބައޮތެވެ؛ ޓެރަރިޒަމަގް ނުރައްކަލުގެ އަޑު ރާއްޖޭގައި ދަނީ ގަދަމުންނެވެ. މިހާރު އެ އަޑު ގަދަވެފައިވަނީ ނުވަ އަހަރު ވަންދެން ފިލައިގެން އުޅެފައި ސްރީލަންކާގައި ހުންނަ ދެވެހި އެމްބަސީއަށް ހަވާލުވާން ދިޔަ ނޮވެމްބަރު ތިނެއްގެ، ބާޣީ އަބުދުﷲ ލުތުފީ ރާއްޖެ ނުގެނެވިގެން އެކަމުގެ ކަންބޮޑުވުމުގެ ތެރެއިންނެވެ.

މީގެ އިތުރުން ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމަކުން ނިސްބަތުން އައިއެސްއާއި ގުޅިގެން ހަނގުރާމަ ކުރަމުން އަންނަ މީހުންގެ އަދަދު ގިނަވުމަކީ ވެސް އޮތް ބޮޑު ކަންބޮޑުވުމެކެވެ. މިއީވެސް ރާއްޖެއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެމީހުންގެ އަދަދުވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަަކަށް ސީދާ ގޮތަކަށް ކަށަވަރުކޮށް ނުދެވެ އެވެ. އެކި އިދާރާތަކުން އެކި މީހުން ކިޔަނީ އެކި ނަމްބަރެވެ.

ނަމަވެސް ރާއްޖެއިން ގޮސްތިބި ހަނގުރާމަވެރިން އެތަނުގައި ހަނގުރާމަ ކުރަމުން ދާކަމަކީ ޔަގީން ކަމެކެވެ. ރާއްޖެއިންދާ ހަނގުރާމަވެރިންގެ ނަމުގައި ރާއްޖެއަށް ނަން ނިސްބަތްވާ ގޮތަށް އެމީހުން ބޭނުން ކުރެއެެވެ. އަދި އެމީހުންގެ ތަމްރީނުތަކާއި ފޮޓޯތައްވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރެއެވެ.

މީގެ އިތުރުންވެސް، ސަލްޓަންޕާކްގައި އެއްޗެއް ގޮއްވާލުމާއި، މުލިއާގެ ކައިރީގައި އެއްޗެއް ގޮއްވާލަން އުޅުމާއި، ހަށިގަނޑު ގޮއްވާލައިގެން ރާއްޖޭގައި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރުމަކީ ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމުގެ ރަނގަބީލު އަޅަން ފެށި ހިސާބެވެ.

އެ ރަނގަބީލުގެ އަޑު އިތުރަށް ގަދަވެގެން މިދިޔައީ، ރާއްޖެއިން އައިއެސް އާއި ގުޅުން ހުރި ބަޔަކު ހައްޔަރު ކުރުމާއި، އަވަށްޓެރި ލަންކާގައި ޖާނު ގޮއްވާލައިގެން ދިން ހަމަލާތަކާއި ގުޅިގެންނެވެ.

"ރާއްޖެއަށް އަދި ހާއްސަކޮށް، އަޅުގަނޑުމެންގެ އަވައްޓެރި ސްރީލަންކާގައި ވަރަށް ހިތާމަވެރި ހާދިސާއެއް ހިގައިގެން މިދިޔައީ، އޭގެ ސަބަބުން ވެސް ރާއްޖެއަށް މިހާރު އޮތް ނުރައްކާ އިތުރަށް ބޮޑުވެއްޖެ. އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތެކޭ ނުދެންނެވޭނެ. އަޅުގަނޑުމެންގެ މި ދިވެހި ރާއްޖެއަށް ވެސް އެ ނުރައްކާ އެބައޮތް، އަޅުގަނޑުމެން މިދަނީ ރައްޔިތުން އެނުރައްކާތަކުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން." ވައިސް ޗީފް އަބުދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތަށް ލަންކާގައި ދިން ހަމަލާތަކުން މި ސަރަހައްދުގައި އޮތް ޓެރަރިޒަމްގެ ނުރައްކަލުގެ ބޮޑުކަން ހާމަވެ އެވެ. އައިސިސް އިން ސީރިއާގައި ކުރަމުންދިޔަ ހަނގުރާމަ ނާކާމިޔާބުވެ، ލޭ އޮހޮރުވުމާއި، ގޮވާ ތަކެއްޗާއި، ހަނގުރާމައިގެ ތަޖުރިބާ ލިބިގެންތިބި އެކި ގައުމުތަކުގެ ހަނގުރާމަވެރިން އެނބުރި އެމީހުންގެ ގައުމުތަކަށް ގޮސްފައިވުމަކީ މުޅި ދުނިޔެއިން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ވަރަށް ހައްސާސީ މައްސަލަ އެކެވެ. އެކަން މި ސަރަހައްދަށް އެަދި ރާއްޖެއަށް އެބައޮތެވެ.

އައިއެސްގެ މޫތަކުން އެ ޖަމާއަތުގެ ކުރިތައް އެހެން ގައުމުތަކުން ފެޅުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރުތައް ވެސް ދުނިޔޭގެ ކަމާބެހޭ އެކި އިދާރާތަކުން ގެންދަނީ ތަކުރާރުކޮށް ދެމުންނެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. މީގެ އިތުރުން ސީރިޔާ ފަދަ ތަންތަނުގައި ހަނގުރާމަ ކުރުމަށްފަހު އެމީހުންގެ "ޕްރޮޕަގެންޑާ" ފެތުރުމަށް އެނބުރި ރާއްޖެ ބަޔަކު އެތެރެވެފައި ނުވާނެ ކަމަށް ވިސްނުމަކީ ވެސް ގޯހެކެވެ.

ރާއްޖޭގައި ވެސް ހަނގުރާމައަށް މީހުން "ރެކްރޫޓް" ކުރާ ބަޔަކު އެބައުޅެއެވެ. އެހެން ނޫންނަމަ ރަށްފުށުގެ ދިރިއުޅުމެއް އުޅެމުންދާ ބަޔަކަށް އެހާ ފަސޭހައިން އޮޅުވާލައިގެން ގައުމުން ބޭރުވެ މިފަދަ ހަނގުރާމަތަކުގައި ބައިވެރިވާން ދާނެ މަގެއް ނޭނގޭނެ އެވެ.

ރާއްޖޭގައި ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވެ ނުވަތަ ބައިވެރިވާން ދާން އުޅުމުގެ ތުހުމަތުގައި އެތަކެއް ބަޔަކަށް ދައުވާތައް ވަނީ ކުރެވިފަ އެވެ. އެ މީހުންނަކީ ސީދާ އައިއެސް ފަދަ ޖަމާއަތަކަށް ހަމްދަރުދީވާ އެ ފިކުރަށް ތާއީދުކުރާ އެ ޖަމާއަތްތަކުން ގޮވާލި "ޖިހާދަށް" އިޖާބަދީ ވަޒަން ދޫކޮށް ދިޔަ މީހުންނެވެ. މައުސޫމް ކުޑަ ކުދިންނާއި، ހުވަފަތްވެފައި ތިބި އެތަކެއް އަނބިންނެއް ސީރިއާގެ ކޭމްޕްތަކުގައި ދިރިއުޅެމުން އެބަގެންދެ އެވެ. އެމީހުން ރާއްޖެ ގެނައުމަށް ގޮވާލާ ބަޔަކާއި އެކަމާ ދެކޮޅަށް އަޑު އުފުލާ ބަޔަކުވެސް އެބައުޅެ އެވެ.

ދިވެހިންގެ ދިރިއުޅެމުން މިދަނީ "ގައުމު" ވިއްކައިގެންނެވެ. ރާއްޖޭގެ ރީތި ކަމާއި، ދޮންވެލި ގޮނޑުދޮށްތަކާއި، ހިތްގައިމު ކަނޑުގެ ދިރުންތައް ވިއްކައިގެންނެވެ. މީގެ އިތުރުން ޓުއަރިސްޓުން ރާއްޖެ އަންނަ އެންމެ ބޮޑު އެއް ސަބަަބަކީ ރާއްޖޭގައި އޮތް ހަމަޖެހުމާއި އަމާން ކަމެވެ. އެ އަމާންކަން ގެއްލިދާފަދަ އެންމެ ކަމެއް ހިނގިއަސް އެ ޓުއަރިސްޓުންގެ މަންޒިލަކަށް ރާއްޖެ ނުވާނެ އެވެ. އެހެން ކަމުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މުހިންމެވެ. ޓެރަރިޒަމް ފަދަ ވަބާތަކުން ދިވެހިން ސަލާމަތްވެ ތިބެން އެބަ ޖެހެއެވެ.

އެކަން ދައުލަތުގެ އެކި އިދާރާތަކުގެ ބޮލުގައި އެޅުވިފައި އެބަވެއެވެ. ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، އެމްއެންޑީއެފާއި، ފުލުހުންނާއި، އިމިގްރޭޝަނާއި، އިސްލާމިކް މިނިސްޓްރީ ފަދަ ތަންތަނުން ފާރަވެރިވެ، ހަރުކަށި ފިކުރު ފެތުރުނަ ނުދީ އެ ފިކުރުތައް ނައްތާލައި މިގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭން މަސައްކަތްތަކެއް ކޮށްދޭން ޖެހެއެވެ. ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވެފައިވާއިރު، އެ ޑު އެކީ ކަނޑުވާލެވެން އޮތީވެސް މަސައްކަތެއް ކޮށްގެނެވެ. ރާއްޖެއަކީ ދުނިޔޭގެ އެކި ހިސާބުތަކުން މިލިއަނުން ޓުއަރިސްޓުން ޒިޔާރަތްކުރާ ގައުމެކެވެ. ރާއްޖެއަށް ދެވޭ އެންމެ ހަމަލާއަކުން ވެސް މުޅި ގައުމުގެ އިގްތިސޯދު އެއްކޮށް ހާލާކުވެގެން ދާނެ އެވެ.