ހަބަރު

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލެ އަތޮޅުގެ ރަށެއްގައި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ކުދިންނަށް ވެސް ޖިންސީ ގޯނާ ކޮށްފައިވަނީ ދެ ކުދިންގެ އާއިލާގެ މީހެކެވެ. ދެ ކުދިންގެ އާއިލާއިންވެސް މި މައްސަލަ ހުށަހަޅަން ބޭނުން ނުވާ ކަމަށް ވަނީ އެނގިފައި އެވެ.

ނަމަވެސް، އެތަނުން އެއް ކުއްޖެއްގެ އާއިލާގެ މެންބަރަކު ވަނީ މި މައްސަލަ ޖެންޑާ މިނިސްޓްރީއަށް މިދިއަ ބުދަ ދުވަހު ހުށަހަޅާފައި އެވެ. ކުޑަކުއްޖަކަށް ގިންސީ ގޯނާ ކުރި މި މައްސަލަ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ޖެންޑާގެ ޑިވިޝަނަލް ޑިޕާޓްމެންޓަށް ހުށަހަޅާފައިވާކަމެއް ޔާގީންނޫންކަމަށާއި، އެކަން ބައްލަވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެންޑާއިން މި މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

އެނގިފައިވާ ގޮތުގައި މައްސަލަ ހުށެހެޅުމުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ޓީމެއް އެ ރަށެއް ދާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް މި މައްސަލަ ހުށަހަޅައިގެން ހަތަރު ދުވަސް ވީއިރުވެސް މައްސަލައިގެ އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޖެންޑާ އާއި ފުލުހުންގެ ޓީމެއް ވެސް އެ ރަށަށް ނުދެ އެވެ.

ކުޑަ ދެ ކުދިންނާއި ބެހޭ މައްސަލަތަކުގައި އެކި ފަހަރު މަތިން ޖެންޑާ މިނިސްޓްރީ އަށް ވަނީ ފާޑިކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ގެެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އަކީ ހިޔާގައި ހުރި ކުއްޖެއް ކަން އެއްބަސްވެ ޖެންޑާ މިނިސްޓްރީން ރަސްމީ ބަހެއް ވެސް ބުނީ އެ ކަމާ ގުޅިގެން މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން އެތައް ސުވާލެއް އަމާޒު ކުރުމުންނެވެ.

މި ކަމާ ގުޅިގެން ޖެންޑާއަށް އެތައް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިމްގެ މުޅި ހަޔާތުގެ ތަފުސީލީ މައުލޫމާތުތައް މިނިސްޓަރު ޝިދާތާ ހާމަކުރެއްވުމުން އިތުރު ފާޑުކިޔުންތައް އަމާޒުވި އެވެ.