ރާއްޖޭގެ އަތޮޅުތަކުގެ ހަތަރު ސަރަހައްދެއް އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވީ ޕާޓްނާޝިޕް ފޯރަމުގައި އިއުލާންކުރި ފަދައިން މައި އިގްތިސޯދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ މައި މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެއީ ސިޓީއަށް ބޭނުންވާ އިގްތިސޯދީ، އިޖްތިމާއީ، އަދި އުމްރާނީ މަޝްރޫއުތައް އެކުލެވޭ މައި މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އައްޑޫ ސިޓީގެ މަޝްރޫއުގެ އަގު 6.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މީގެ އިތުރުން ލ. އަތޮޅު ވެސް އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި އެ އަތޮޅުގައި ވެސް ގިނަ މަޝްރޫއުތަކެއް އެކުލެވޭ މައި މަޝްރޫއެއް އިއުލާން ކުރެވި އެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް އިއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި އުތުރުގައި އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރާނެ ދެ ސަރަހައްދެއް ފާހަގަ ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުތަކުގެ ތަފުސީލުތައް އެނގިގެންދާނީ ކުރަން ޖެހޭ ދިރާސާތައް ކޮށް ނިމުމުން ކަމަށް ވިދާޅުވި އެވެ.
"ލ. އަތޮޅު ވެސް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ މުހިންމު މަޝްރޫއުތައް ފާހަކޮށް ލ. އަތޮޅުގެ މައި މަޝްރޫއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން، އަދި އުތުރުގައި ވެސް އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ދެ ސަރަހައްދެއް ފާހަގަކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން." އިއާދު ވިދާޅުވި އެވެ.
އިގްތިސާދީ ހަބެއްގެ ގޮތުގައި ހަތަރު ސަރަހައްދެއް ތަރައްގީ ކުރަން ނިންމާފައިވާއިރު، އުތުރުގައާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރެއް އެޅުމުގެ މަޝްރޫއަށް ކޮންސަލްޓެންޓް ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ. އިއާދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކޮންސަލްޓިންގެ ހުރިހާ މަސައްކަތެއް ކޮށް ނިންމުމެވެ. އަދި މި ދައުރުގެ ތެރޭގައި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި ހިދުމަތް ލިބޭ ވަރު ވުން ކަމަށެވެ.