ދިވެހި ޕްރެމިއާ ލީގް

ޔޫވީ ބަލިކޮށް ދަ ގްރޭންޑޭ އެއްވަނައިގައި ކުރިއަށް

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދަ ގުރޭންޑޭއިން ކުޅުނު ހަތަރު ވަނަ މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

މި އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރަން ފެށީ ދަ ގުރޭންޑޭއިން މިހާތަނަށް ޓޮޕް ޑިވިޝަންގައި ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ މޮޅު ވެފަ އެވެ.

މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމުން އެއް ވަނައިގައި އޮތީ، ޖުމުލަ 12 ޕޮއިންޓް ހޯދައިގެންނެވެ. ދަ ގުރޭންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ ވަރުގަދަ ޓީމު ތަކާ ދެކޮޅަށް ކުޅެން ތައްޔާރުވާއިރު މެޗުން މޮޅުވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ދަ ގުރޭންޑޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. އަހްމަދު އިމާޒު (އާއްކޮ) ދިން ބޯޅަ މުލަކޭއަށް ލިބުނީވެސް. ޔޫވީގެ ޑިފެންޑަރުންނަށް ދިފާއު ނުކުރެވުމުންނެވެ.

މެޗުގެ 29 ވަނަ މިނެޓްގައި އެ ބޯޅަ ހިފައިގެން އޭރިއާ ހަމައަށް އޭނާ ދިޔައީވެސް، ޔޫވީގެ ޑިފެންޑަރުން ކައިރިންވެސް ނައްޓާލުމަށް ފަހު އެވެ. އޭނާ އެ ބޯޅަ ފޮނާވާލީ އޭރިއާގެ ބޭރުން ފޫޓެއްހައި ދުރުންނެވެ. ޔޫވީގެ ކީޕަރު ހަސަން ތޮލާލް (ޓޮޕްލެކް) އަށް ދިފާއު ކުރެވޭ ގޮތަށް އޭނާއާ ދިމާލަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީވެސް ޓޮޕްލެކްގެ އަތުގައި ޖެހިފަ އެވެ. އެއީ އޭނާ ކަހަލަ ކީޕަރަކަށް ދިފާއު ކުރެވޭ ކަހަލަ ބޯޅަ އެކެވެ.

މެޗުގެ 37 ވަނަ މިނެޓްގައި، ޔޫވީގެ ކެޕްޓަން އަހްމަދު ނާޝީދު (ނާއްޓޭ) އަށް ވެސް ވަނީ ރަނގަޅު ބޯޅައެއް ލިބިގެން ގޮސްފަ އެވެ. އެ ޓީމުގެ ޑިމްޓްރީ ނަގައިދިން ބޯޅަ އޭރިއާގެ ބޭރުން ނާއްޓޭ ފޮނުވާލި ބޯޅަ ދަ ގުރޭންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.

ދަ ގުރޭންޑޭގެ ދެ ވަނަ ލަނޑު، ކާމިޔާބު ކުރީ އަހްމަދު ހަސަން އެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓްގައި ޔޫވީގެ އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޮސް ވަނީވެސް އޭނާ ހުރި މިސްރާބުން ގޯލްގެ ދުރު ކަނަށެވެ. ކީޕަރު ޓޮޕްލެކް ދިފާއު ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ލައްވާލާ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފުގެ 62 ވަނަ މިނެޓްގައި، ޔުނައިޓަޑް ވިކްޓަރީއަށް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. ޑިމްޓްރީއަށް ބޯޅަ ލިބުމުން އޭނާ ވެއްޓިގެންފައި ފޮނުވާލި ބޯޅަ ހުށިޔާރު ކަމާއެކު ކީޕަރު ފައިސަލް ދިފާއު ކުރީ އެވެ.

ދަ ގުރޭންޑޭގެ ތިން ވަނަ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ނިޒާމް (ނިޒާންބެ) އެވެ. އޭނާ އަށް ބޯޅަ ދޭން ދަ ގުރޭންޑޭގެ ކުޅުންތެރިން ބޯޅަ ދިނީ، ޔޫވީގެ ޑިފެންޑަރުންގެ ބޯމަތިންނެވެ. ނިޒާންބެއަށް ލިބުނު ބޯޅަ ހިފައިގެން ހުސްކޮށް އަރައި އޭނާ ބޯޅަ ވައްދާލީ ކީޕަރަށްވެސް ފުރުސަތު ނުދީ އެވެ.