ރާއްޖެ ކުޅިވަރު

ފަހު ވަގުތު ސައްޓު ޓީސީ ސަލާމަތްކޮށް ދީފި

ކުލަބު ގްރީން ސްޓްރީޓް އަތުން ބަލިވާން ދިޔަ ޓީސީ ސްޕޯޓްސް ކުލަބަށް، އިޝާން އިބްރާހިމް (ސައްޓު) ފަހުވަގުތު ލަނޑު ކާމިޔާބު ކޮށްދީ ޓީސީ ސަލާމަތް ކޮށްދީފި އެވެ. މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

މެޗުގައި، ގުރީން ސްޓްރީޓްގެ ފަރާތުން ޓެކްޓިކަލީ މޮޅު ގޭމެއް ފެނިގެން ދިޔަ އެވެ. އެ ޓީމު އަތުގައި ބޯޅަ ކޮންޓްރޯލް ބާއްވައި މެދުތެއިން ބޯޅަ ތަނަވަސްކޮށްދީ ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ.

ފުރަތަމަ ހާފުގައި، ލަނޑު ޖަހާނެ މާ ތަނަވަސް ފުރުސަތެއް ދެ ޓީމަކަށް ވެސް ނުލިބެ އެވެ. އެހެން ނަމަވެސް ޓީސީގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ ފުރަތަމަ ހާފުގައި، ގްރީންގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް ބޯމަތިން ގޯލަށް އޮއްސާލި ބޯޅަ ގޯލައަކާ ވަރަށް ކައިރިއަށް ދިޔަ އެވެ.

ޓީސީގެ ހާފުގެ ތެރެއިން، އަކުރަމްއަށް ބޯޅަ ލިބުނު އިރު، ލަބާން ހުރީ އޭރިއާ ބޭރުން 15 ވަރަކަށް ފޫޓް ބޭރަށް ނިކުމެވެ. އެ ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ އަމާޒު ގެއްލި ގޯލް ދަނޑި ކައިރިން ބޭރަށް ދިއުމުންނެވެ. އެހެންނަމަ އެ ބޯޅަ ދިފާއު ކުރަން ލަބާންއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ދެ ވަނަ ހާފުގައި ގުރީންގެ ކުޅުންތެރިން ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އަހްމަދު ރަޝީދު (އަންމަޑޭ) ކާމިޔާބު ކުރީ މުހައްމަދު ރިސްވާން (ފުކޭ) ނައިދިން ހުރަހުންނެވެ.

ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި، ފުކޭއަށް ލިބުނު ބޯޅަ ހިފައިގެން އޭނާގެ ހަލުވި ސުޕީޑް ބޭނުން ކޮށްގެން އޭރިއާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސް ކޮށްދިނެވެ. ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ފަސްދީފައި ބޯޅަ ދިއުމުން އަންމަޑޭ އޭރިއާގެ ތެރެއަށް ވަދެ ބޮލުން ބޯޅަ ފޮނުވާލީ އޭނާއަށް ހުހަށް ލިބިފައި އޮތް ގޯލްގެ ތެރެއަށެވެ.

ލަނޑަށް ފަހު، ގުރީންގެ ކޯޗް އަލީ ސުޒޭން، ވަނީ އެ ޓީމު ޒުވާން އެޓޭކިން މިޑްފީލްޑާ އަބްދުﷲ ޔާމީން (ޔާން) ކުޅެން ނެރަފަ އެވެ. ޔާން ކުޅެން ނިކުމެ އޭނާ ދިން ބޯޅަ ތަކުގައި، ގުރީންގެ ފަހަތަށް ބާރު ބޮޑުކުރިތަން ފެނިގެން ދިޔަ އެވެ.

ކުޅެން ނިކުތްތާ، ފަސް މިނެޓް ތެރޭ ޔާން ވަނީ ގުރީންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭރިއާގެ ބޭރުން އޭނާއަށް ލިބުނު ބޯޅަ ވަރަށް ބަލާލާފައި އޭނާ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. މުހައްމަދު އާރިފް (ބަކާ) ދިން ބޯޅަ، އޭރިއާގެ ބޭރުން ޔާން ފޮނުވާލާނެ ކަމަށް ޓީސީގެ ކީޕަރު އިމްރާން މުހައްމަދުވެސް ހުރީ ތައްޔާރު ވެގެނެއް ނޫނެވެ. ޔާމީން ލަނޑު ޖެހުމުން ގުރީންގެ މުޅި ޓީމުން އޭނާ އާއެކު އުފާފާލު ކުރި އެވެ. މިއީ ދިވެހި ޕްރިމިއާ ލީގްގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ޓީސީގެ ފުރަތަމަ ލަނޑަކީ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އިސްމާއީލް އީސާ ކާމިޔާބު ކުރި ލަނޑެކެވެ. ގުރީންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އިސްމާއީލްއަށް، ރިލްވާން ވަހީދު ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 80 ވަނަ މިނެޓަށް އެޅުނު ފަހުން، ގުރީން ކުޅެން މަސައްކަތް ކުރީ ހަމަޖެހިލަިގެންތިބެ އެވެ. ޓީސީން މެޗު އެއްވަރު ކުރި ލަނޑު، ސައްޓު ކާމިޔާބު ކުރީ 88 ވަނަ މިނެޓްގަ އެވެ. ގުރީންގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި އޭނާ ބޯޅަ ފޮނުވާލީ އޭރިއާގެ ރޮނގުމަތީގައި ހުރެފައި ގޯލްގެ މެދަށްވާ ގޮތަށެވެ.