ދުނިޔެ

ސޫދާނުގައި މުޒާހަރާތައް ކުރިއަށް، އިތުރު ހަތް މީހަކު މަރާލައިފި

Jul 1, 2019

ސޫދާނުގައި އަސްކަރިއްޔާއިން ކުރަމުންދާ ވެރިކަމާ ދެކޮޅަށް އިއްޔެ ވެސް އެތަކެއް ހާސް މީހުން ނުކުމެ ކުރި މުޒާހަރާގެ ތެރެއިން ހަތް މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިއަ މަހު 3 ވަނަ ދުވަހު އަސްކަރިއްޔާގެ މައި މަރުކަޒު ކައިރީގައި ކުރަމުންދިއަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން މަރާލާފައިވަނިކޮށް، އިއްޔެގެ މުޒާހަރާގައި ވެސް ހަތް މީހަކު މަރާލުމުގެ އިތުރުން 180 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ތިރީސް އަހަރު ވަންދެން ވެރިކަން ކުރެއްވީ ކުރީގެ ރައީސް އުމަރު އަލްބަޝީރު މަގާމުން ދުރުކޮށްފައި ވަނީ ދިގު މުޒާހަރާތަކަކަށް ފަހު އެވެ. ނަމަވެސް މަދަނީ ސަރުކާރެއް ގާއިމް ކުރަންދެން މުޒާހަރާ ކުރުން ހުއްޓާނުލާނެ ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ނުކުމެ ދަނީ އަޑުއުފުލަމުންނެވެ.

މުޒާހަރާތައް ފެށިގެން އައީ ދިރިއުޅުމުގެ އަގު ރައްޔިތުންނަށް އަތް ނުފޯރާފަށަށް ދިއުމުންނެވެ. މިގޮތުން ފެށުނު މުޒާހަރާ ފުޅާވެގެން ދިޔައީ ރައީސް އަލް ބަޝީރުގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަމުން ނެވެ. ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނެވި ކުރީގެ ރައީސް މިލިޓަރީ ހައްޔަރުގެ ދަށަށް ގެންދިޔައީ މިދިޔަ އޭޕްރީމް މަހު އެވެ.

ނަމަވެސް ރައްޔިތުން ބޭނުންވަނީ މިލިޓަރީ ސަރުކާރެއް ނޫން ކަމަށާއި މަދަނީ ސަރުކާރެއް ކަމަށް ބުނެ މުޒާހަރާތައް ހުއްޓައެއް ނުލަ އެވެ.

އަލްބަޝީރް އަށްފަހު ބާރުތައް ނެންގެވި އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަދި ސެކިއުރިޓީ ޗީފް ސަލާހް ގޮޝް އިސްތިއުފާ ދެއްވުމުން ކައުންސިލްގެ އިސް ބޭފުޅަކަށް އައްޔަން ކޮށްފައިވަނީ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހު އަބްދުލްރަޙްމާން ބުރްހާނެވެ.