ދުނިޔެ

މިސްރުގެ ރައީސް ސީސީއަށް ސޫދާންގެ އަސްކަރިއްޔާއިން މެސެޖެއް

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއަށް ސޫދާންގެ އަސްކަރީއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލްބުރުހާންގެ މެސެޖެއް ލިބިވަޑައިގެންފި އެވެ.

ރައީސް ސީސީއަށް މި މެސެޖް ރައްދުކޮށްދެއްވީ މިސްރުގައި ހުންނަވާ ސޫދާންގެ ސަފީރު ދަފަﷲ ހާޖް އަލީ އާއި މިސްރުގެ ޚާރިޖީ ވަޒީރު ސަމީހް ޝުކުރީއާ އެކު ބައްދަލުވުމަކަށް ފަހު އެވެ.

މިސްރުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުން މެސެޖްގައި ވަނީ ސޫދާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކުރިއަށްދާ ގޮތެވެ. އަދި އިދިކޮޅު ރެޕިޑް ސަޕޯޓް (އާރުއެސްއެފް) ފޯސަސްއިން ހަމަލާތައް ދެމުންދާ ގޮތް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ސޫދާންގައި ވާދަވެރި ދެ ޖެނެރަލެއްގެ ދެމެދުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުން ތަކުގައި ވަނީ ހަނގުރާމައެއްގެ ސިފަ ޖެހިފަ އެވެ. ސަރުކާރުގެ ސިފައިންނާއި ވާދަވެރި އާރުއެސްއެފްއަށް ވަފާތެރި ހަނގުރާމަވެރިންގެ މެދުގައި ހަމަލާތައް ބަދަލުކުރަނީ ވެރިކަމުގައި ތިބޭނެ ބަޔަކު ކަނޑައެޅުމަށެވެ.

މި ހަމަނުޖެހުންތަކުގައި އާންމުގެ 528 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ހާސް ބަޔަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

ސޫދާން ދޫކޮށް ރައްކާތެރި މާހައުލަކަށް ދަތުރުކުރާ އެތައް ހާސް ބަޔަކު އަވައްޓެރި ގައުމުތަކަށް ދަނީ އަރަމުންނެވެ. މިސްރަކި ވެސް ހާލުގައި ޖެހިފައި ތިބި ސޫދާންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެވެ.

ޖެނެރަލް ބުރުހާންގެ މެސެޖްގައި މިސްރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެއެވެ. އެއީ ސޫދާންގެ ރައްޔިތުންނަށް އެ ގައުމުން ދެމުން ގެންދާ އެހީތެރި ކަމަށްޓަކަ އެވެ.

މިސްރުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުން މިސްރުގެ ގޮވާލުމަކީ ހަނގުރާމަ ހުއްޓާލުމެވެ. ވާދަވެރިންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. އަދި އާންމުންނަށް ރައްކާތެރި ތަނަކަށް ސޫދާން ހެދުމެވެ.

ސޫދާންގައި މިހާރު ވެރިކަންކުރާ ޖެނެރަލް ބުރުހާންގެ ސަރުކާރުން އެހީތެރިކަމަށް އެދި ސަފީރުން ވަނީ ސައޫދީއަށް ވެސް ދަތުރުކުރައްވާފަ އެވެ. ހަމަލާތައް ހުއްޓުވުމަށްޓަކައި ބޭރުގެ އެހީ ބޭނުންވާ ކަމަށް ބުރުހާންގެ ސަރުކާރުން ވަނީ ބުނެފަ އެވެ.