ދުނިޔެ

ހަމާސް އާއި ފަތަހަ ޖަމާއަތް ހިމެނޭ ގޮތަށް ފަލަސްތީންގައި އެއްބައިވަންތަކަމުގެ ސަރުކާރެއް

ހަމާސް އާއި ފަތަހަ ޖަމާއަތް ހިމެނޭ ގޮތަށް ފަލަސްތީންގައި ހަރަކާތްތެރިވާ ސިޔާސީ ޖަމާއަތްތައް އެއްގަލަކަށް އަރައި ބައިބައިވުންތައް ނައްތާލަން އެއްބަސްވެއްޖެ ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނެފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންއަށް ފަލަސްތީންގެ ސިޔާސީ ގުރޫޕްތައް ޖަމާވެ ބޭއްވި މަޝްވަރާތަކުގައި، ފަލަސްތީންގައި އެއްބައިވަންތަކަމުގެ -- އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް ފަލަސްތީންގައި އެއްވެސް ބާވަތެއްގެ ސަރުކާރެއް އަދި ވެރިކަމެއް ގާއިމުކުރެވޭނީ އިޒުރޭލުން ޣައްޒާއަށް ދެމުންދާ ފަނާކުރަނިވި ހަމަލާތަައް ނިމުނު ދުވަހަކުންނެވެ.

ފަލަސްތީންގެ ސިޔާސީ ޖަމާއަތްތައް ޗައިނާއަށް ދިޔައީ އެ ގައުމުގެ ހާރިޖީ ވުޒާރާގެ ދައުވަތަކަށެވެ. އެއީ ފަލަސްތީން މިނިވަންކުރުަމަށް ޗައިނާ އިސްނަގައިގެން ހިންގަމުންދާ ހަރަކާތްތަކުގައި، ފަލަސްތީންގައި ދާހިލީ ހަމަޖެހުން ގާއިމުކުރުމަށެވެ.

ޗައިނާގެ އެހީތެރިކަމާ އެކު ތިން ދުވަހަށް -- ޖުލައި 21-23 އަށް ދިގުދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު "ބެއިޖިން ޑިކްލަރޭޝަން"ގެ ނަމުގައި އެއްބަސްވުމެއް ހަދައި މަޝްވަރާތަކުގައި ބައިވެރިވި 14 ޖަމާއަތުން ވަނީ ސޮއިކޮށްފަ އެވެ.

ޗައިނާގެ މި މަސައްކަތަކީ މެދުއިރުމަތީގައި ޗައިނާގެ ނުފޫޒުގަދަކުރަން ކުރާ ކަމެއް ކަމަށް ފާޑުކިޔާ ގައުމުތަކުން ބުންޏަސް، މިވަރުގެ އެއްބަސްވުމެއް ގާއިމުކުރުމަށް ގަލްފުގެ ގައުމުތަކުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

ފަލަސްތީންގެ ސިޔާސީ ބައިގަނޑުތައް ރުއްސައި އެއްގަލަކަށް އެރުވުމަށް އަރަބި ގައުމުތަކުގެ އެހީތެރިކަމާ އެކު މިސްރުން އިސްނަގައިގެން މީގެ ކުރިން ކުރި މަސައްކަތްތައް ވަނީ ފޭލިވެފަ އެވެ.

ޗައިނާ އަކީ މެދުއިރުމަތީ ގައުމުތަކުން އިހުތިރާމްކުރާ ގައުމެއްކަން ޗައިނާއިން ވަނީ ސާބިތުކޮށްދީފަ އެވެ. އެއީ މިދިޔަ އަހަރު ސައޫދީ އަރަބިއްޔާ އާއި އީރާން ސުލްހަކުރުވައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުވުމާ ގުޅިގެންނެވެ.

ސައޫދީ އަރަބިއްޔާ އާއީ އީރާން އަހަރުތަކެއް ވަންދެން ސިޔާސީ ގުޅުން ކަނޑާލާފައި އޮތުމަށް ފަހު، ޗައިނާގެ އެއްބާރުލުމާ އެކު މިހާރު ވަނީ ގުޅުން ބަދަހިކޮށް ވިޔަފާރި އާއި ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މުއާމަލާތްތައް ދެ ގައުމުގެ ދެމެދުގައި ފަށާފަ އެވެ.