ދުނިޔެ

ޣައްޒާ އަލުން ބިނާކުރަން 90 ބިލިއަން ޑޮލަރު ބޭނުންވާނެ: މިސްރު

ޣައްޒާ އަލުން ބިނާކޮށް އާބާދުކުރަން 90 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވެއްޖެ އެވެ.

އިޒުރޭލުން ޣައްޒާއަށް މިހާތަނަށް ގެއްލުންދީގައި އޮތް ވަރު ބަލައިން، އެ ސިޓީ އަލުން އާބާދުކުރަން ހިނގާނެ ހަރަދު ބެލުމަށް ކުރެވުނު މަޝްވަރާތަކުން 90 ބިލިއަން ޑޮލަރަކީ ހަގިގަތުގައި އެކަށީގެންވާ އެންމެ ފުރިހަމަ އަދަދަށް ނުވެދާނެ ކަމަށް ވެސް ސީސީ ވިދާޅުވި އެވެ.

ޣައްޒާއަށް ދީފައި ހުރި ގެއްލުންތަކަކީ މިސްރަށް ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް މިސްރުގެ ރައީސް ސީސީ ވިދާޅުވި އެވެ. އެއީ މުޅި ސަރަހައްދަށް އަދި އަރަބި ދުނިޔެއަށް ވެސް ތަކުލީފަކަށް ވާ ވަރުގެ ކަމަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިސްރާއި ރަފާޙް ގުޅޭ ބޯޑަރު 24/7 ގަޑިއިރު ހުޅުވާފައި ހުރި ނަމަވެސް ޣައްޒާއަށް އެހީ ވެއްދުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް ސީސީ ވިދާޅުވި އެވެ. މައިގެ މަގުން އެހީގެ ޕާރުސަލްތައް ވައްޓާލަން ޖެހެނީ އިޒުރޭލުގެ ގޮތް ނެތް ހަމަލާތައް، އެހީ ހިފައިގެން ދަތުރުކުރާ ލޮރީތަކަށް އަމާޒުކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީސީ ވިދާޅުވި ގޮތުން، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި އަރަބި ގައުމުތައް އޮތީ އަތުގުޅާލާފަ އެވެ. ވައިގެން މަގުން ނަމަވެސް، އެހީ ފޯރުކޮށްދެވޭތޯ ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ، އުރުދުން، އޮމާން އަދި ބަހްރޭނުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޕާރުސަލްތައް ވައިގެ ތެރެއަށް ދޫކޮށްލުމަށް ކަމަށް ވެސް ރައީސް ސީސީ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ޔަހޫދީ އިޒުރޭލުން ފަލަސްތީންގެ ޣާއްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 30،800 އަށް ވުރެ ގިނަ ނިކަމެތިން ވަނީ މަރާފަ އެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތައް ފެށެން މެދުވެރިވި ސަބަބަކީ، ޔަހޫދީ އާބާދީތަކަށް ހަމާސް ޖަމާއަތުން އަރައިގަނެ، ބަޔަކު މަރައި އަދި 200 އަށް ވުރެ ގިނަ މީހުން އަސީރުކުރުމާ ގުޅިގެންނެެވެ.

ޒަޔަނިސްޓުން ބުނާ ގޮތުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުން ވެސް އޮތީ ހަމާސްގެ އަތްމަތިގަ އެވެ. އެ ޖަމާއަތުން އަސީރުކޮށްފައި ތިބި ޔަހޫދީން ދޫކޮށްލުމަކީ ހަނގުރާމަ ހުއްޓާލަން މަގުފަހިވާނެ ކަމެއް ކަމަށް އިޒުރޭލުން އޮތީ ބުނެފަ އެވެ.