ދުނިޔެ

އިޒުރޭލުގެ މަޝްވަރާ ޓީމެއް ގާހިރާއަށް ފޮނުވަން އިދިކޮޅުން ގޮވަނީ

އިޒުރޭލުގެ ސަރުކާރުގެ ޓީމެއް ހަމާސްއާ މަޝްވަރާކުރަން މިސްރުގެ ގާހިރާއަށް ފޮނުވަން ޖެހޭ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު ޔައީރު ލަޕީދު ވިދާޅުވެއްޖެ އެވެ.

މިސްރުގައި ކުރެވޭ ސުލްހައިގެ މުއާމަލާތްތަކުގައި އިޒުރޭލުން ބައިވެރި ނުވަނީ ކީއްވެތޯ ވެސް އިދިކޮޅު ލީޑަރު ސުވާލުކުރެއްވި އެވެ.

ޔައީރު ލަޕީދު ވިދާޅުވީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކަމުގެ މުހިއްމުކަން އެނގިވަޑައި ނުގަތުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. މަޝްވަރާކޮށްގެން ނަމަވެސް އަސީރުން މިނިވަންކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޒުރޭލަށް މިހާރު އޮތް އެންމެ ބޮޑު ކަމަކީ އަސީރުން މިނިވަންކުރުން ކަމަށާއި އެއަށް ވުރެ މުހިއްމު ކަމަކަށް ރައްޔިތުން ނޭދޭ ކަމަށެވެ. މަޝްވަރާއަށް ފޮނުވާ ޓީމުތައް އެނބުރި އަންނަން ޖެހޭނީ އަސީރުން ގޮވައިގެން ކަމަށާއި މާބޮޑު ކަންބޮޑުވުމެއް ނެތް ކަންކަމުގައި މަޝްވަރާތައް ލުއިކުރުމަކީ އޮތް އިޚްތިޔާރެއް ކަމަށްވެސް ވިދާޅުވި އެވެ.

ޔައީރު ލަޕީދު ވިދާޅުވީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުނުކޮށް ކާމިޔާބު ނެތް ކަމަށާއި، ކާމިޔާބާ ހަމައަށް ދެވޭއިރު އަސީރުން ތިބޭނީ މިނިވަންވެފައި ކަމަށެވެ.

އިޒްރޭލުގެ އިދިކޮޅު ލީޑަރުން ތުހުމަތުކުރާ ގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ހަމާސްއާ އެކު މަޝްވަރާކުރަމުންދާ ކަން ދައްކައިގެން އެއްބަސްވުންތައް ރޫޅާލުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫއަށް ގައުމުގައި އޮންނަ ޕްރެޝަރު ވަރަށް ބޮޑެވެ. އޭނާއާ އެކު ކޯލިޝަން ހަދައި ސަރުކާރެއް އެކުލަވާލައިގެން ތިބި ސިޔާސީ ލީޑަރުން ބޭނުންވަނީ ޣައްޒާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށެވެ. އަދި ހަމާސް ބަލިކުރުމަށްޓަކައި ރަފާހްއަށް އަރައިގަނެ ޖަރީމާތައް ހިންގުމަކީވެސް ކޯލިޝަން ސަރުކާރުގެ ގޮވާލުމެވެ.

މިއާ ޚިލާފަށް ސުލްހައަށް ލޯބިކުރާ ސިޔާސީ ލީޑަރުން ބޭނުންވަނީ އާންމު ރައްޔިތުންނަށް އޮތް ތަކުލީފްތައް ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

ހަމާސްއާ އެކު މަޝްވަރާކުރުމަށްފަހު އެ ޖަމާއަތުގެ ހައްޔަރުގައި މިހާރު ތިބި ޔަހޫދީން ގައުމަށް ގެނައުމަކީވެސް ސިޔާސީ މެދުމިނުގެ ލީޑަރުންގެ ގޮވާލުމެކެވެ.