ސޫދާންގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީއަށް ހަމަލާދީފި އެވެ.
މިއީ ސޫދާންގައި މިހާރު ހިނގަމުންދާ ހަނގުރާމާގައި -- ވާދަވެރި އަސްކަރީ ޖެނެރަލުންނަށް ތާއީދުކުރާ ހަތިޔާރުއެޅި ގުރޫޕްތަކުން ހިންގި އަމަލެކެވެ.
ސައޫދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި މިހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް ވަނީ އިންޒާރު ދީފަ އެވެ. ސައޫދީގެ މަސްލަހަތަށް އަރައިގަތުން އެއްގޮތަކަށް ވެސް ބަލައިނުގަންނާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ސައޫދީ އެމްބަސީއަށް ދިން ހަމަލާ ހުލާސާކޮށް ބަޔާނުގައި ބުނެފައިވާ ގޮތުން ހަނގުރާމަވެރި ޖިހާދީން ވަނީ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް ވެސް ހަމަލާދީފަ އެވެ. އަދި އެމްބަސީ އާއި މުވައްޒަފުންގެ މުދާ ލޫޓުވައި ވައްކަންކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ސޫދާންގައި މިހާރު ހިންގަމުންދަނީ ވާދަވެރި ދެ ޖެނެރަލެއްގެ ދެމެދުގައި ހިނގާ ހަނގުރާމައެކެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އާންމު ރައްޔިތުން މަރައި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާއިރުވެސް -- ކިބުރުވެރިކަން ދޫކޮށް ސުލްހަވެރި މަގެއް އިޚުތިޔާރުކުރުމެއް ނެތެވެ.
ސައޫދީން ބުނާ ގޮތުން ހަނގުރާމަވެރި ވައިދާނެއް ކަމަކު ޑިޕްލޮމެޓިކް ގުޅުންތަކަށް ހަމަލާދެވިގެން ނުވާނެ އެވެ. ވަކިވަކިން ހަރަކާތްތެރިވާ ޖިހާދީ ގުރޫޕްތައް ހުއްޓުވައި އެ މީހުން ހައްޔަރުކުރުމަށްވެސް ސައޫދީން ވަނީ ގޮވާލާފަ އެވެ.
ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ފަށައިގަތް މި ހަމަނުޖެހުންތަކުގެ ދެކޮޅުގައި ތިބީ އެއްއިރެއްގައި އަސްކަރިއްޔާގައި އެކުގައި މަސައްކަތްކުރި ދެ ޖެނެރަލުންނެވެ. އެއީ މިހާރު އޮތް ސަރުކާރުގެ ވެރިޔާ އަދި ސޫދަނީޒް އާމްޑް ފޯސަސްގެ ޖެނެރަލް އަބްދުލް ފައްތާހް އަލްބުރުހާން އާއި އޭނާގެ ނައިބު -- އަދި ރެޕިޑް ސަޕޯޓް ފޯސަސްގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޫ އެވެ.
ސޫދާންގަައި އަސްކަރީ ވެރިކަމެއް ގާއިމުކުރުމުގެ ކުރިން ރައީސްކަމުގައި ހުންނެވި އުމަރު ހަސަން އަހްމަދު އަލް ބަޝީރު ވެރިކަމުން ދުރުކުރުމާ ގުޅިގެން ގައުމު ވަނީ ވަރަށް ބޮޑަށް ޚަރާބުވެފަ އެވެ. އެއަށްފަހު ސޫދާންގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ވެރިކަމެއް އަދިވެސް އޮތީ ގާއިމުނުކުރެވި އެވެ.
ސުދާނަށް ހަމަޖެހުން ގެނައުމަށްޓަކައި މަޝްވަރާކުރެއްވުމަށް އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ސައޫދީއަށް ވަޑައިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާންއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
ދެ ވަޒީރުން ކުރެއްވި މަޝްވަރާގައި ސޫދާންގެ ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާއަށް ގޮވާލައްވައި ވަނީ ސޫދާނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.