ދުނިޔެ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ސައޫދީއަށް

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އަންނަ ހަފުތާގައި -- ޖޫން 6 އިން 8 އަށް، ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ އެވެ. އޭނާ މި ދަތުރު ކުރައްވާނެކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ބްލިންކެން ސައުދީއަށް ވަޑައިގަންނަވާއިރު އެޖެންޑާގައި އައިޓަމްތަކެއް ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ސޫދާންގައި މިހާރު ހިނގަމުންދާ އަސްކަރީ ޖެނެރަލުންގެ ހަނގުރާމަ އާއި ސައޫދީ އާއި އިޒްރޭލު ސިޔާސީ ގުޅުން ބަދަހިކުރުކުން އަދި ސީދާ އެމެރިކާ އާއި ސައޫދީއާ ދެމެދުގައި މިލާފައި އޮތް ގުޅުމަށް ފިނިފެން ޖަހާލުން ހިމެނެ އެވެ.

ބައިނަލްއަގްވާމީ މަސްލަހަތު މިހާރު ގުޅިފައި އޮތް ޔުކްރޭން ހަނގުރާމަ އާއި ދުނިޔޭގެ ތެލުގެ ބާޒާރަކީ ވެސް އެމެރިކާއަށް އޮތް ޝައުގެކެވެ. އަނެއްކޮޅުން މެދުއިރުމަތީގައި ޗައިނާ ބޮޑު ބާރަކަށްވުމަކީ ވެސް އެމެރިކާއަށް އަޅައިނުލައި އޮވެވޭ ވަރުގެ ކަމެއް ނޫނެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތްތަކާއި ސައޫދީ އާއި އީރާން އަދި ސީރިއާ އެއްގަލަކަށް އެރުމަކީވެސް އޭގެ ތެރެއަށް އެމެރިކާ ވަދެލަން އެދޭނެ މުއާމަލާތްތަކެކެވެ.

ބްލިންކެންގެ މިދަތުރުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ހަބަރު ލިބެ އެވެ. އަދި މެދުއިރުމަތީގެ އިގުތިސާދީ މާހިރުންނާ މަޝްވަރާ ކުރައްވާނެ ކަމަށްވެސްވެ އެވެ.

ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާންއާ އެކު ބްލިންކެން ހާއްސަ ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދުނިޔެއިން ޓެރަރިޒަމް ނައްތާލުމަށް އަދި ޚާއްސަކޮށް މެދުއިރުމަތީގައި -- ދާއިޝް ފަދަ ޖިހާދީ ގުރޫޕްތަކުން ހިންގާ ހަމަލާތައް މައިތިރިކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރައްވާނެ ކަމަށްވެ އެވެ.