ދުނިޔެ

ސޫދާން ސިފައިން ބަލިވެދާނެ ކަމަށް ބެލެވެން ފަށައިފި

ސޫދާން ސިފައިން -- ސޫދާނީޒް އާމްޑް ފޯސަސްގެ މައްޗަށް ބޮޑު ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށް ރެޕިޑް ސަޕޯޓް ފޯސަސްއިން ބުނެފި އެވެ.

ރެޕިޑް ސަޕޯޓް ފޯސަސް އަކީ ސޫދާންގެ އަސްކަރީ ޖެނެރަލުންތަކެއް އުފައްދާފައި އޮތް ނުރަސްމީ ޖަމާއަތެކެވެ.

މި ގުރޫޕުގެ ބޭނުމަކީ އެ ގައުމުގައި މިހާރު އޮތް ވެރިކަަން ވައްޓާލުމެވެ. ވެރިކަމުގައި ތިބީ ވެސް އަސްކަރީ ޖެނެރަލުންނެވެ.

ސޫދާންގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި، އެއްބައެއްގެ މައްޗަށް ކުރި ހޯދަން އަނެއް ބަޔަކު ދެމުންގެންދާ ހަމަލާތަކުގައި ބޮޑު ގެއްލުމެއް ލިބެނީ އާންމުންނަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޫދާންގެ ސިޓީއެއް ކަމަށްވާ އުއްމުދުރުމާންގައި، ސޫދާންގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު އިއްުޔެ ހިނގި ކުރިމަތިލުން ތަކުގައި 174 މީހަކު ވަނީ މަރުވެފަ އެވެ. އަދި 300 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުތަކަށް ގެންދެވުނު ކަމަށް ޚަބަރުތައް ބުނެ އެވެ.

ރެޕިޑް ފޯސަސްއިން ހޯދަމުން ގެންދާ ކުރިއެރުންތަކާ ބެހޭ ގޮތުން ސޫދާން ސިފައިން މައުލޫމާތެއް ނުދެ އެވެ. މި ދެ ބައިގަނޑުގެ ދެމެދުގައި ސުލްހަވުމަށް ކުރެވުނު މަޝްވަރާތައް ފޭލިވުމަށްފަހު ހަނގުރާމަ ވަނީ ގަދަކޮށްފަ އެވެ.

ސޫދާނީޒް އާމްޑް ފޯސަސްގެ ވެރިޔާގެ ގޮތުގައި ސޫދާންގައި ވެރިކަން ކުރަނީ ޖެނެރަލް އަބްދުލް ފައްތާހް އަލްބުރުހާން އެވެ. ނައިބަކީ ރެޕިޑް ސަޕޯޓް ފޯސަސްގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޫ އެވެ.

ރެޕިޑް ސަޕޯޓް ފޯސަސް އިން ކުރިން ބުނި ގޮތުން ދައުލަތުގެ ޓީވީ އާއި އެއާޕޯޓް އަދި ރިޔާސީ ގަނޑުވަރު ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގަ އެވެ. ސިފައިންގެ ވެރިޔާ ހުންނަވާ ގަނޑުވަރު ވެސް މިހާރު ވަނީ އެ މީހުންގެ ބާރުގެ ދަށުގައި ކަމަށް އެ ގުރޫޕުން ބުނެ އެވެ.

ސޫދާންގަައި ހަމަނުޖެހުން އުފެދިގެން އުޅެނީ 2019 ގައި އޭރު ރައީސްކަމުގައި ހުންނެވި އުމަރު ހަސަން އަހްމަދު އަލް ބަޝީރު ވެރިކަމުން ދުރުކުރުމާ ހަމައިންނެވެ. އެއަށްފަހު ސޫދާންގައި ސިޔާސީ ގޮތުން ހަމަނުޖެހުން ބޮޑުވެ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ވެރިކަމެއް އަދިވެސް އޮތީ ގާއިމު ނުކުރެވި އެވެ.