ހަބަރު

ޖޭޕީއަށް މެމްބަރުން އިތުރު ކުރަން އަތޮޅުތެރެއަށް

ޖުމްހޫރީޕާޓީއަށް މެމްބަރުން އިތުރު ކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިއުމަށް ނިންމާފައިވާކަަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ، އެ ޕާޓީގެ 129 އަދި 130 ވަނަ ކައުންސިލް ބައްދަލުވުމުން ވަރަށް މުހިންމު ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން އެޕާޓީއަށް މެމްބަރުން އިތުރު ކުރަން ދަތުރުތަކެއް ކުރަން ނިންމާފައިވާ ކަމަށާއި، އެމަނިކުފާނުގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް ވިސްނުންތެރިކަމާއެކު އެޕާޓީއާއި ގުޅުން ކަމަށެވެ.

މީގެ އިތުރުން މަޖިލިސް އިންތިހާބާއި، ކައުންސިލް އިންތިހާބުގައިވެސް ދެން ކުރިޔަށް ދާނީ ވާދަވެރި މާހައުލެއްގައި ޕްރައިމަރީ ބާއްވައިގެން ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ، ޑެމޮކްރަޓިކް އުސޫލުން ކަންކަން ކުރަމުންދާއިރު، މުހިންމު ކަންތައްތަކެއް ސާފުވެގެން ހިގައްޖެ ކަމަށެވެ. އަދި ކުރިން ހީކުރި ގޮތާއި ހިލާފަށް އެކަންކަން ވަރަށް ރަނގަޅަށް ގާތުން ފެނުމާއި ގުޅިގެން، އެޕާޓީއަށް މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ޖޭޕީން ޕްރައިމަރީ ބާއްވާފައެއް ނުވެއެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް އެ ޕާޓީގެ ޓިކެޓްތައް ދީފައިވަނީ ޕާޓީގެ ލީޑާޝިޕުން ޕްރައިމަރީއަކާއި ނުލައެވެ. އެކަމާއި ގުޅިގެން ޕާޓީގެ އެތެރޭގައި މައްސަލަތަކެއް ޖެހި ބައެއް ފަރާތްތަކުން ޕާޓީ ދޫކޮށްލާފައިވެސްވެ އެވެ.