ވިޔަފާރި

ރާއްޖޭގައި އާދަޔާ ހިލާފަށް ގިނަ "ކަރުދާސް" ކުންފުނި!

އިކޮނޮމިކް މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކުގެ ފައިލްތައް ގިނަ އެވެ. އެ މިނިސްޓްރީގައި ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި އިންވެސްޓަރުންގެ ލިސްޓާއި ފިހާރަތަކުގެ ލިސްޓާއި މުދަލުގެ ލިސްޓާއި ވިޔަފާރިވެރިންގެ ލިސްޓު އެބަހުއްޓެވެ. އެކަމަކު މި ލިސްޓުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ދިގު އެއް ލިސްޓަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ލިސްޓެވެ. އަދި މި ލިސްޓުގެ ދެބައިކުޅަ އެއްބަޔަކީ "އިންއެކްޓިވް" ނުވަތަ ހަރަކާތްތެރިނުވާ ވިޔަފާރިތަކެވެ. ނޫނީ ކުންފުނިތަކެވެ. އެހެން ގޮތަކަށް ބުނާމަމަ ކުންފުނި ދަފުތަރުގެ ދެބައިކުޅަ އެއްބަޔަކީ ހަމައެކަނި ކަރުދާހުގައި ހުރި ކުންފުނިތަކެވެ.

"މިހާރު ކުންފުނި ދަފުތަރުގައި ޖުމްލަ 14،000 ކުންފުނި އެބަހުރި. މީގެ ތެރެއިން 7،000 ކުންފުންޏަކީ އުވާލަން ޖެހޭ ކުންފުނި. އެއީ އިންއެކްޓިވް ކުންފުނިތައް،" ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އަވަސް އަށް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ވަނީ މިގޮތަށް ހުރި ކުންފުނިތަކެއް އުވާލަން އިއުލާނު ވެސް ކޮށްފަ އެވެ. އެ މިނިސްޓްރީން އާއްމުކުރި އުވާލާ ކުންފުނިތަކުގެ ލިސްޓުގައި 523 ކުންފުނި ހިމެނެ އެވެ. މި ލިސްޓަށް ބަލައިލުމުން އެނގެނީ އިން އެކްޓިވް ކުންފުނީގެ ގޮތުގައި ރާއްޖޭގައި 30 އަހަރުވީ ކުންފުނިތައް ވެސް ހުރިކަމެވެ. މިހާރު އުވާލަން އިއުލާނުކޮށްފައިވާ އިން އެކްޓިވް ކުންފުނިތަކުގެ ތެރޭގައި 1979 އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ ވިޔަފާރިތައް ހިމެނެ އެވެ. އިރެއްގައި ވިޔަފާރި ކުރިއަސް މިހާރު އެއީ ކަރުދާސް ކުންފުނި ތަކެވެ. ސުވާލަކީ ރާއްޖޭގައި އުވާލަން ޖެހޭ ކުންފުނިތައް މިހާ ގިނައީ ކީއްވެގެން ހެއްޔެވެ؟

އިގްތިސާދީ މާހިރުންގެ ނަޒަރުގައި ވިޔަފާރީގެ ޓެކުހާއި ފީ ނުދެއްކޭ ހިސާބަށް އެ ވިޔަފާރީއެއްގެ ހާލަތު ދިޔުމަކީ ވިޔަފާރި ބަނގުރޫޓު ވެއްޖެކަމުގެ ހެއްކެވެ. މި އުސޫލުން ބަލާއިރު އެ ކުންފުންޏެއް އެ އޮތީ ރަސްމީކޮށް ބޭންކްކްރަޕްސީ އިއުލާނު ކޮށްފަ އެވެ. މި ހާލަތުގައި ގިނަ ކުންފުނިތަކެއް ރާއްޖޭގައި އެބަހުއްޓެވެ. މިހާތަނަށް މިގޮތަށް ހުރި ކުންފުނިތައް އުވާލާފައެއް ނުވެ އެވެ. އަދި އުވާލަން މަސައްކަތްވެސް ކޮށްފައެއްނެވެ. އެ ލިސްޓު އޮތީ މިނިސްޓްރީގެ މާތާރަން ފިލާމަތިފަ އެވެ.

ކުރިން ކުންފުނި އުވާލުމަކީ ދަތިކަމެއް؟

އިކޮނޮމިކް މިނިސްޓްރީން ހަމަހުރެފަ ކުންފުނިތައް އުވާލަނީއެއް ނޫނެވެ. މި ހިސާބަށް އަންނަނީ އެތަކެއް މަރުހަލާއެއް ކަޑައްތު ކޮށްފަ އެވެ. އެތައް ފުރުސަތެއް ދޭނެ އެވެ. ރާއްޖޭގައި ކުންފުންޏެއް އުވާލުމަކީ ކުރިން ވަރަށް ދަތިކަމެވެ. އެންމެ ދަތިއެއް ކަމަކީމީ އެވެ. އެހެންވެ އިކޮނޮމިކް މިނިސްޓްރީގެ ކުންފުނީގެ ރަޖިސްޓްރީގައި ހުރި ގިނަ ކުންފުނިތަކަކީ ތަފާތު ސަބަބުތަކާ ހުރެ ވިޔަފާރި ހުއްޓުނު ނަމަވެސް އުވާނުލެވި ހުރި ކުންފުނިތަކެވެ. ނަމަވެސް އެ މިނިސްޓްރީން މިހާރު ގެނެސްފައިވާ ބަދަލާއެކު މިގޮތަށް ހުރި ކަރުދާސް ކުންފުނިތައް އުވާލުމުގެ މަސައްކަތް މިވަނީ ފަށާފަ އެވެ. މިކަން ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކުރިން އޮތް ގޮތުން ކުންފުނި އުވާނުލެވި އޮތުމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ވިޔަފާރި ކުރުމުގެ މަގު އޮތީ ބަންދުވެފަ އެވެ. އުވާލަން ޖެހޭ ކުންފުނިތަކުގެ އިސްވެރިންނާއި ހިއްސާދާރުންނަށް އިތުރު ވިޔަފާރިއެއް ފެށުމަކީ ދަތިކަމަށްވެފަ އެވެ. ނަމަވެސް ސަރުކާރުން މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން މި ދަތިކަން ފިލައިގެންދާނެ އެވެ. ދެން އުފެދޭ ސުވާލަކީ އުވާލަން ޖެހޭ ކުންފުނިތަކުގެ ލިސްޓު މިހާ ދިގުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟

"އެންމެ ބޮޑު އެއް މައްސަލައަކީ ވޭތުވެދިޔަ 22 އަހަރުތެރޭގައި ކުންފުންޏާ ބެހޭ ގާނޫނަށް މިނިސްޓްރީން އެދެވޭ ގޮތެއްގައި އަމަލު ކުރެވިފައި ނެތުން. އަނެއް މައްސަލައަކީ ކުރީގެ ގާނޫނުގައި ވެސް ހުރި ފިޔަވަޅު އެޅޭނެ ހާލަތްތަކެއް. އެކަމަކު އެ ހާލަތްތައް އެއިރުގައި އިމީޑިއެޓްލީ ފިޔަވަޅު އަޅާފަ ނެތީމަ ބޮޑު ޖޫރިމަނާއެއް އެރުން،" ކޮމްޕެނީ ރަޖިސްޓްރާ ވިސާމް ވިދާޅުވި އެވެ

ކުންފުނި އުވާލުުމުގެ ކުރިން ފުރުސަތު ދޭނެ

ރަޖިސްޓްރާ ވިދާޅުވި ގޮތުގައި ކުންފުނީގެ މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން "އިން އެކްޓިވް" ކުންފުނިތައް ދެނެގަނެ ފަސޭހަ އިން އުވާލެވޭނެ ކަމަށާއި ކުންފުންޏެއް އުވާލުމުގައި މައިގަނޑު ހަތަރު ހާލަތެއް އޮންނަ ކަމަށެވެ.

"އެއް ހާލަތަކީ ކުންފުނީގެ އަހަރީ ފީ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުން. މީގެ މާނައަކީ މެއި މަހުގެ ނިޔަލަށް ޖޫރިމަނާއާއެކު ފައިސާ ނުދައްކައިފިނަމަ ކުންފުނި އުވާލަން މިނިސްޓްރީ އަށް ލާޒިމް ކުރޭ. ފަހުން މިއައި އެމެންޑްމެންޓުން ގަވައިދުން ކުރިއަށް ގެންދަން ޖެހޭ ޕްރޮސެސް ތަކެއް މިއީ،" ވިސާމް ވިދާޅުވި އެވެ.

މީގެ އިތުރުން ކުންފުނި އުވާލެވޭނެ އަނެއް ހާލަތަކީ ކުންފުނިތަކުގެ އަހަރީ ހިސާބު ސުންގަޑި އަށް ހުށަނޭޅުމެވެ. އަދި ނިމިދިޔަ އަހަރުގެ އަހަރީ ހިސާބު ނާޅައި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދެއްކުމެވެ. އަނެއް ހާލަތަކީ ކުންފުނި ރަޖިސްޓްރީ ކުރާތާ އެއް އަހަރުގެތޭގައި ވިޔަފާރީގެ އެއް ވެސް މުއާމަލާތެއް ކޮށްފައި ނެތުމެވެ. ހަތަރު ވަނަ ހާލަތަކީ ކޮންމެވެސް ވަރަކަށް ވިޔަފާރި ކުރިނަމަވެސް ދެ އަހަރުވާއިރު ވިޔަފާރިއެއް ނުކުރާ ކަމަށް އެ ކުންފުންޏަކުން އިކޮނޮމިކް މިނިސްޓްރީ އަށް އެންގުމެވެ.

ކުންފުނި އުވާލެވޭނެ ހާލަތްތައް

  • އަހަރީ ފީ މުއްދަތަށް ނުދެއްކުމާއި ޖޫރިމަނާ ނުދެއްކުން
  • ކުންފުނީގެ މާލީ ހިސާބު ސުންގަނޑި އަށް ހުށަނޭޅުން
  • ރަޖިސްޓްރީ ކުރާތާ އެއް އަހަރުތެރޭގައި ވިޔަފާރީގެ މުއާމަލާތެއް ނުކުރުން
  • ކޮންމެވެސް ވަރަކަށް ވިޔަފާރި ކުރިނަމަވެސް ދެ އަހަރުވުމުން، ކުންފުނި އުވާލަން ކުންފުނިން އެނގުން

ވިސާމް ވިދާޅުވީ އެ މިނިސްޓްރީން އެންމެ ފަހުން އުވާލަން އިއުލާނުކުރި 523 ކުންފުންޏަކީ އަހަރީ ފީ ނުދައްކާ ހުރި ކުންފުނިތައް ކަމަށެވެ.

"ފުރަތަމަ މި ދެނީ 14 ދުވަހުގެ މުހުލަތެއް ފީ އާއި ޖޫރިމަނާ ދައްކަން. ދަރަންޏެއް ނޫނީ ދައުވާއެއް އޮތްނަމަ ކަމާބެހޭ ތިން ވަނަ ފަރާތަކުން އެ ކަމެއް މިނިސްޓްރީ އަށް ހުށަޙަޅަން ފުރުސަތު ދޭނެ. ނެތްނަމަ އެއާ ގުޅިގެން ކުރާކަމަކީ މި ފަރާތްތަކުން ދައުލަަތަށް ދައްކަން ޖެހޭ ޖޫރިމަނާ އާއި ފީއަކީ ދައުލަތަށް ނުލިބޭނެ އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ފިނޭންސް މިނިސްޓްރީ އަށް ލިޔުމަށް؛ ސިޓީ ފޮނުވަނީ. ފިނޭންސް މިނިސްޓްރީން މާލީއްޔަތުގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ކަމަށް ކަނޑައެޅީމަ އެ ކުންފުންޏެއް އުވާލާނީ،" ރަޖިސްޓްރާ ވިދާޅުވި އެވެ.

ކުންފުންޏެއް އުވާލުމާ ހަމައަށް އަންނަނީ މިހާލަތްތަކުންނެވެ. ސުވާލަކީ ރާއްޖޭގައި ހުރި ކުންފުނިތަކުގެ ދެބައިކުޅަ އެއްބަޔަކީ "ކަރުދާސް" ކުންފުންޏަށްވީ ކީއްވެގެން ހެއްޔެވެ؟ ވިޔަފާރި ކުރަން ނޭނގެނީ ހެއްޔެވެ؟ ނޫނީ ނިސްބަތުން ކުދި ކުންފުނިތަކަށްވާއިރު، ވިޔަފާރި ކުރަން ފަހި މާހައުލެއް ރާއްޖޭގައި ނެތީ ހެއްޔެވެ؟