ކުޅިވަރު

ޗެމްޕިއަން ޓީމެއްހެން ތައްޔާރުވީ މާޒިޔާ އެކަނި: އާތީ

ލީގްގެ ޗެމްޕިއަންކަން ހޯދަން ބޭނުން ވެގެން ސީޒަނަށް ތައްޔާރުވީ މާޒިޔާ އެކަނި ކަމަށް، މިއަދު މާޒިޔާއާ ދެކޮޅަށް ނިކުންނަ ޓީސީގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

އާތީ ބުނީ، މާޒިޔާއިން ސީޒަނަށް ތައްޔާރުވާހެން، އެހެން ޓީމުތައްވެސް ސީޒަނަށް ތައްޔާރު ވާނަމަ ރާއްޖޭގެ ފުޓްބޯޅަ ވަރަށް މައްޗަށް ޖެހިލާނެ ކަމަށެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި މި ލީގްގެ ޗެމްޕިއަންކަން ލިބެންޖެހޭނީ މާޒިޔާ އަށެވެ.

"މި ބުނަނީ އެހެން ޓީމުތަކަށް ލީގް ނުހޯދޭނެ ވާހަކައެއްވެސް ނޫން،" އާތީ ވާހަކަ ދެއްކި އެވެ. "މި ބުނަނީ ޕްރިޕަރޭޝްނަގައި ލީގަށް ޓީމެއް ތައްޔާރުވި ގޮތަށް ތައްޔާރުވީ މާޒިޔާ އެކަންޏޭ، މާޒިޔާގެ ޕްރިޕަރޭޝަން ފެނިފައި އަހަރެން ހިތައް އަރާ ރާއްޖޭގެ ހުރިހާ ޓީމެއްވެސް މި ލެވަލްގައި ތައްޔާރު ވާނެ ނަމައޭ، އެހެންވެއްޖެނަމަ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެގެންދާނެ."

އޭނާ ފާހަގަ ކުރީ، އެގޮތުން މާޒިޔާއަކީ ރޯލް މޮޑެލެއް ކަމަށެވެ. މާޒިޔާއިން އެންމެ ފަހުން ކުޅުނު މެޗުގައި ފޯކައިދޫ އަތުން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އާތީ ބުނީ، ކިތަންމެ ރަނގަޅަށް ޓީމެއް ތައްޔާރު ވިނަމަވެސް އެކަހަލަ މެޗެއް އަތުވެދާނެ ކަމަށާއި މެޗެއްގައި ލަނޑު ޖެހޭނީ ނަސީބުވެސް އެހީތެރި ވެގެން ކަމަށެވެ. އަދި އެ މެޗުގައި ފޯކައިދޫ ޓީމުން ދެއްކި ހިތްވަރުވެސް އާތީ ފާހަގަ ކުރި އެވެ.

މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސީ ފާހަގަ ކުރީ، ކުލަބު ގުރީން ސްޓްރީޓުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޓީސީން ނަތީޖާ ހަމަހަމަ ކުރީ ރަނގަޅު ޓީމު ރޫހެއް އެ ޓީމުގައި އޮތުމުން ކަމަށެވެ. އެކަން ފާހަގަކޮށް ޕްރެސް ކޮންފަރެންސްގައި ސުވާލު ކުރުމުން އާތީ ފާހަގަ ކުރީ ޓީމު ރޫހް ވަރުގަދަވި ނަމަވެސް، ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ޓީސީއަށް ވަރުބަލިކަން އިހްސާސް ކުރެވިފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި 200 ޕަސަންޓް ހިތްވަރެއްލައިގެން ނަތީޖާ ހަމަހަމަ ކުރެވުމުން އިތުރު ވަރުބަލިކަމެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް އާތީ ބުންޏެވެ.

"އަހަންނަށް ދަސްވެފައި ހުރި އެއްޗަކަށް ބަލާއިރު އެ 200 ޕަސަންޓް ދިނުމަކީ ރިކަވަރީއަށް އިތުރު ޓައިމް ނަގާނެ ކަމެއް،" އާތީ ބުންޏެވެ. "އެހެންނަމަވެސް ޓީސީ ހުރިހާ ކމެެއް ހަދާން ނައްތާލާފައި، ފިޓްނަސް ލެވަލް ހަދާން ނައްތާލާފައި މި މެޗު ނެގުމަށް މަސައްކަތް ކުރާނީ."