ދިވެހި ޕްރެމިއާ ލީގް

މާޒިޔާގެ މޮޅުވުމުގެ ރޭހަށް ޓީސީން ނިމުން ގެނެސްފި

މާޒިޔާއިން ދަހަމައްޓަމުން އައި މޮޅުވުމުގެ ރޭސް، ނުވަ މެޗަށް ފަހު ޓީސީން ނިމުން ގެނެސްފި އެވެ. މެޗު އެއްވަރު 0-0 ންނެވެ.

ލީގްގެ ދެ ވަނަ ބުރުގައި، މާޒިޔާ ވަނީ އީގަލްސް އަތުން 1-0 ން ބަލިވެފަ އެވެ. އޭގެ ފަހުން ކުޅުނު އަށް މެޗުންވެސް މާޒިޔާ ވަނީ މޮޅުވެފަ އެވެ. ނުވަ މެޗު ހަމަވަނީ ދެ ވަނަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ތިން ޕޮއިންޓް މާޒިޔާއަށް ލިބިފައި ވުމުންނެވެ. ލީގްގެ ވަކި ހިސާބަކުން ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ ސަސްޕެންޑް ކުރުމުން، ހަމަޖައްސާފައި އޮތީ އެ ޓީމާ ދެކޮޅަށް ކުޅޭ ޓީމުތަކަށް އެ މެޗުތަކުން ތިން ޕޮއިންޓް ލިބޭ ގޮތަށެވެ.

މާޒިޔާއިން ލީގް ޗެމްޕިއަންކަން ކަށަވަރު ކޮށްފައި ވުމުން، ލީގްގެ ވާދަވެރިކަން މިހާރު އޮތީ ދެ ވަނަ މަގާމާ މެދުގަ އެވެ. އެ މަގާމަށް އެންމެ ވަރުގަދަށް ވާދަ ކުރަނީ، މިހާރުވެސް ދެ ވަނަ މަގާމުގައި އޮތް އީގަލްސް އާއި ޓީސީ އެވެ. މާދަމާ ހަވީރު ދަ ގްރާންޑޭ އާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުން މޮޅުވެ، އީގަލްސް އަށް ޓީސީ އާ ހަތަރު ޕޮއިންޓަށް ފަރަގު ބޮޑު ކުރެވޭނެ އެވެ. ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، މެޗުން އެއްވަރު ވިޔަސް، ދެ ވަނަ މަގާމުގައި ލީގް ނިންމާލުމަށް އަދިވެސް ޓީސީއަށް ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށެވެ.

މިރޭގެ މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އަށެވެ. ފުރަތަމަ ހާފުގައި ޓީސީން އުފެއްދި ހަމަލާގައި، މާޒިޔާގެ ޑިފެންސް ބީޓްވެ، އެ ޓީމުގެ އޭރިއާ ތެރެއިން އެ ބޯޅަ ލިބުނީ ސައްޓު އަށެވެ. ސައްޓު ހަމަޖެހިލާފައި ފޮނުވާލަން މަސައްކަތް ކުރި ބޯޅަ، މާޒިޔާގެ ކީޕަރު އޮވިއަސް އަޒީޒީ އަތުން ދިފާއު ކުރީ ކުރިއަށް ނުކެމެވެ.

މާޒިޔާގެ ޓީމުގެ މެދުތެރެއިން ކުޅެމުން ދިޔަ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލު ކުރަން ޖެހުނެވެ. ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު، ދެ ވަނަ ބުރުގެ ފަހު ކޮޅުގައި އަލުން އެނބުރި ކުޅުމަށް އައިސް އޭނާ ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އިއްބެގެ ބަދަލުގައި ކުޅެން އެރި ހުސައިން ނިހާން (ނިހާޓް) ވަނީ، ޓީސީގެ ވިންގުން އަލީ އަޝްފާގް (ދަގަނޑޭ) އަށް ދޭ ފުރުސަތުތައް ހުއްޓުވުމަށް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ޓީސީން ކުޅެމުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެ ޓީމުން ގިނަ އިރު ކުޅެމުން ދިޔައީ މާޒިޔާގެ ހާފުގެ ތެރޭގަ އެވެ. އެހެންވެ މާޒިޔާއިން ހަމަލާ އުފައްދަން ޖެހުނީ ކައުންޓަ އެޓޭކު ފުރުސަތުތަކުގަ އެވެ. އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކްތަކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. އޭނާ ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. ކައުންޓަ އޭތޭކުން އޭނާ ނެގި ފުރުސަތެއް، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ހުރަސް ދަނޑި މަތިން ބޭރަށެވެ.

މާޒިޔާއިން ވަނީ އޭގެ ފަހުން ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެޓީމުގެ ހަތަރު ހަމަލާއެއް ގޯލް ދަނޑިއަށްވެސް އަމާޒުވި އެވެ. ނެގި ކޯނަރުން ތަނަވަސްވި ބޯޅަ އެ ޓީމުން ތިން ކުޅުންތެރިން އެކި ފަހަރު މަތިން ބޯޅަ ފޮނުވާލިރުވެސް ގޯލައިގެ އެތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވި އެވެ.

މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅު ކުރުމުން، މެޗުގެ ރެފްރީ އަބްދުﷲ ޝާތިރު ވަނީ މާޒިޔާގެ ކޯޗް މަރުޔާން ސްކެލޮވްސްކީ އަށް ރީނދޫ ކާޑުވެސް ދައްކާފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ސެކްލޮވްސްކީ ބުނީ މެޗެއްގައި ފެންނަން ޖެހޭ ފެއާޕްލޭ އާއި އިހްތިރާމެއް ނުފެނުނު ކަމަށެވެ. ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހެނީތޯ ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދިނެވެ. އޭނާ ބުނީ މެޗުގައި މާޒިޔާގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.