ދިވެހި ޕްރެމިއާ ލީގް

ރޭހުގައި މާޒިޔާ ކުރިއަށް، ޓީސީ ދެވަނަ އަށް

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް 2-1 ން ކާމިޔާބު ހޯދައި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް މޮޅުވުމުގެ ރޭސް ދެމެހެއްޓި އިރު، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި ޓީސީން ވަނީ ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ.

އިއްޔެ ހަވީރު، މާޒިޔާ އާ ދަ ގްރާންޑޭ ކުޅުނު މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަފްޣާނިސްތާންގެ ޑިފެންސިވް މިޑްފީލްޑާ ޝަރީފު މުހައްމަދެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހުން ދަ ގްރާންޑޭގެ ޔަޝްފާދު ހަބީބު (މުލަކޭ) ވަނީ ގްރާންޑޭއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މާޒިޔާ މޮޅުކޮށްދިން ލަނޑު 74 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. މާޒިޔާއިން ވަނީ ބަލި ނުވެ އަށް މެޗު ފުރިހަމަ ކޮށްފަ އެވެ.

މާޒިޔާ ލީގް ޗެމްޕިއަންކަން ހޯދާފައި އޮތުމުން މިހާރު ލީގްގެ ވާދަވެރިކަން އެންމެ ބޮޑަށް ވެފައި ވަނީ، ލީގްގެ ދެ ވަނަ މަގާމާ މެދުގަ އެވެ. ރޭ ފޯކައިދޫގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީ ދެ ވަނަ މަގާމުގައި އޮތީ އީގަލްސްގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. ޓީސީގެ ލަނޑުތައް ކާމިޔާބު ކުރީ އިޝާން އިބްރާހިމް (ސައްޓު) އާއި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިއަދު ހަވީރު އީގަލްސް އާއި ދަ ގްރާންޑޭ ކުޅޭ މެޗުން އީގަލްސް މޮޅު ވެއްޖަނަމަ އަނެއްކާވެސް އެ ޓީމަށް ދެ ވަނަ މަގާމަށް އެރޭނެ އެވެ.