ޓީސީ ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ތިން ޕޮއިންޓެގެ ލީޑެއް ނަގައިިފި އެވެ.
މެޗުން މޮޅުވެ މާޒިޔާ ވަނީި، 14 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައިގައި އޮތީ ވެލެންސިއާ އެވެ. މާދަމާ ދަ ގުރާންޑޭ އާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗުން މޮޅުވެ ވެލެންސިއާ އަށް މާޒިޔާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވޭނެ އެވެ.
މިއަދު ކުޅުނު މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. އެ ޕެނަލްޓީ އަކީ ޓީސީގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕަސްލަސް އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީގައި ކޯނޭ ވަނީ ޓީސީގެ އަޒަރުބައިޖާންގެ ކީޕަރު އިލްމާދީން މަމަޑޯވް އާޒާދުއަށް ބޯޅައިގެ މިސްރާބު އޮޅު ވާލުމަށް ފަހު ގޯލްގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ. އާޒާދު ޑައިވް ކުރީ އަނެއް ފަޅި އަށެވެ.
"ވަރަށް ބޮޑަށް ގޭމް ޕްލޭން އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެގެން ދިޔަ ފުރަތަމަ ކޮޅު އެ ލިބުނު ޕެނަލްޓީ އާއެއްކޮށް،" މާޒިޔާއިން ޖެހި ޕެނަލްޓީ އަށް އިޝާރާތް ކޮށް ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ވާހަކަ ދެއްކި އެވެ. "އެއީ ވަރަށް ނަސީބު ޕެނަލްޓީއެއް. ދެން ގިނަ ފަހަރަށް ނަސީބާ މިހުރިހާ ކަމެއްވެސް މިއަންނަނީ ވަރަށް ގިނަ ކަންކަން ފުރިހަމަ ވެގެން. އެހެންވީމަ ކުރިންވެސް ބުނިހެން މާޒިޔާ އަކީ ވަރަށް ކޮމްޕްލީޓް ޓީމެއް ދަނޑުތެރެއިންނާއި ދަނޑު ބޭރުންނާ. އެހެންވީމަ ފުޓްބޯޅައިގައި އެ ލަކް އެއީ ވަރަށް ބޮޑު ޕާޓެއް. ހަގީގަތަށް ބުނަންޏާ މިއަދުގެ މެޗު މާޒިޔާ ކޮޅަށް އެނބުރިފައި އެއިނީ ހަމަ ނަސީބުން."
ދެ ވަނަ ހާފުގައި، މެޗުގައި މާޒިޔާއިން ޖެހި ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ ކޯނޭ އެވެ. އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޓީސީގެ ހާފުގެ ތެރެއިން އަރައި އިއްބެ ބާރު ބޯޅައެއް ކޯނޭ ހުރި ފަޅިއަށް ނަގައިދިނީ އޭނާ އަށް ބޯޅަ ލިބޭނެކަން އެނގިގެންނެވެ. ޓިސީގެ އޭރިއާގެ ތެރެއަށް އަރައި ކޯނޭ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ތެރެއަށް ބޯޅަ ވައްދާލަފަ އެވެ.
އޭގެ ފަހުން ކޯނޭގެ ކޮއްކޮ ޓީސީގެ މެލްކޮމް ސްޓްވާޓް ބޮލުން ފޮނުވާލި ރަނގަޅު ބޯޅައެއް މާޒިޔާގެ ދަނޑިއަށް އަމާޒުވި އެވެ. ޓީސިގެ ލަނޑު އެ ޓީމުން ނެގި ކޯނަރެއްގައި ޑިފެންޑަރު ޑަކްސަން ކާމިޔާބު ކުރީ މެލްކޮމް ސްޓްވާޓް ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުމުން ޑަކްސަން އަށް ބޯޅަ ތަނަވަސް ވުމުންނެވެ. ޑަކްސަން ވަނީ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލަފަ އެވެ.
މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ، ހަވީރުގެ ގަދަ ހޫނުގެ ސަބަބުން ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ކުޅެން އުނދަގޫވި ކަމަަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި އޭނާގެ ޓީމުން ފެނުނު ކުޅުން ރިސްޓޯ ފާހަގަ ކުރި އެވެ.