ދުނިޔެ

އިރާނުން ތެޔޮ ގަތުން ހުއްޓައެއް ނުލާނަން: އިންޑިއާ

އިރާނުން އިންޑިއާ އަށް ތެޔޮ އެތެރެކުރުން ހުއްޓައިނުލާނެ ކަމަށް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވެލަމްވެލީ މުރާލިދަރަން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މިހާރު އެންމެ ގާތް އެއް އެކުވެރި ގައުމު ކަމަށްވާ އެމެރިކާއިން ވަނީ އިރާނުން ތެޔޮ ގަތުން މަނާކޮށްފަ އެވެ. އަދި އިރާނުން ތެޔޮ ގަންނަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށްވެސް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޖަޕާނުގައި ކުރިއަށް ދިޔަ ޖީ20 ސަމިޓުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުރާލިދަރަން ވިދާޅުވީ، އިރާނުން ތެޔޮގަތަސް އެމެރިކާގެ ނުފޫޒު އިންޑިއާއަށް ނެތް ކަމަށެވެ. އަދި އިރާނާއެކު އޮންނަ ގާތް ގުޅުމަށް ތިން ވަނަ ގައުމަކުން ނުފޫޒު ވެއްދިޔަ ނުދޭނެ ކަމަށެވެ. އިންޑިއާއިން ވިޔަފާރި ގުޅުން ބާއްވާ ޖެހޭ ގައުމުތައް އެމެރިކާއަށް ނޭގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިރާނުން އެތެރެކުރާ ތެޔޮ ގަތުން ނުހުއްޓާނެ ކަމަށް ސަމިޓުގެ ތެރެއިން ޓްރަމްޕް އަރިހުގައި ވިދާޅުވެފަ އެވެ. މޯދީ ވިދާޅުވީ، އިރާާނުން އެތެރެކުރާ ތެލުގެ އަދަދު އެމެރިކާގެ އެދުމުގެ މަތީން މަދު ކޮށްފައިވާ ކަމަށެވެ. އަދި އެއްކޮށް އިރާނުން ތެޔޮ ގަތުން ހުއްޓައި ނުލާނެ ކަމަށްވެސް މޯދީ ވަނީ ޓްރަމްޕް އަރިހުގައި ވިދާޅުވެފަ އެވެ.