ހަބަރު

ހުޅުމާލޭގައި 4200 ފްލެޓް އަޅަނީ، ކުއްޔަކީ 6000 ރުފިޔާ

Jul 4, 2019
13

ސަރުކަރުން ހުޅުމާލޭގައި 4200 ފްލެޓު އަޅަން ނިންމާފައިވާ ކަމަށާއި އެ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 6000 ރުފިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އަލަށް ފައްޓަވާ މަޝްރޫއުތަކު ތެރެއިން ހުޅުމާލޭގައި 4200 ހައުސިން ޔުނިޓު އެޅުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ދެ ފަރާތަކާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޯޓަރީގެ އެޕާޓްމަންޓު އަޅަން ރާވާފައިވާ ކަމަށާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 6000 އާއި 7000 ދެމެދުގެ އަދަދެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މި މަޝްރޫޢުގެ ދަށުން ބިނާ ކުރެވޭ 2 ކޮޓަރީގެ އެޕާޓްމަންޓް އެއީ 7600 އަކަފޫޓުގެ ފްލެޓެއްގެ މަހަކު ދައްކަންޖެހޭ އަގަކީ 6000 ރުފިޔާ، ތިން ކޮޓަރީގެ ފްލެޓު 900 އަކަފޫޓު ފްލެޓެއްގެ އަގު 7000 ރުފިޔާއަށް ވާ ގޮތަށް އަގު ހަމަޖެހިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން އަތޮޅުތަކު ތެރޭގައި 5000 ހައުސިން ޔުނިޓު އެޅުމަށް ނިންމަވާ، އެކަން ފެށުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އަމަލީ މަސައްކަތް ނުފެށުނު ކަމުގައިވީ ނަމަވެސް ވަރަށް އަވަހަށް އެކަން ފެއްޓެނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ފްލެޓަށް ފަައިސާ ނުދެއްކޭ ފަރާތްތައް ބެލުމަށް ފަހު ސަބްސިޑީ ވެސް ސަަރުކާރުން ދޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓުތަކުގެ އަގުތައް ވެސް 6000 ރުފިޔާއަށް ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.