ރިޔާސީ ބަޔާން

މާލޭ މީހުނަށް 5،000 ގޯތި ދޫކުރަނީ

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމާ ރައްޔިތުން ގެދޮރުވެރިވުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑުކަންތައް ކަމަށެވެ. އަތޮޅުތެރެއާއި މާލެއަށް ހާއްސަކޮށް ގިނަ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތަށް ވުރެ ދެއްކޭ ވާހަކަ ގިނަ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާ ނަމަވެސް އެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާރުވެސް ފަސްހާސް ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ދެހާސް ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމުގާ މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާ ތަކުލީފު ވަނީ އޭގެ ލާ ނިހާޔަތުގައި. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ. މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިދިޔަ އަހަރު މިތާހުރެ ދެންނެވި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށް ދާ ވާހަކަ. އަދި އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ،"

ބޯހިޔާވަހިކަމުގާ މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާ ތަކުލީފު ވަނީ އޭގެ ލާ ނިހާޔަތުގައި. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ. މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިދިޔަ އަހަރު މިތާހުރެ ދެންނެވި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށް ދާ ވާހަކަ. އަދި އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ މާލޭގެ ރައްޔިތުންނަށް ފަސްހާސް ގޯތި ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އެ ގޮތުން ހުޅުމާލެ އާއި ގުޅީފަޅުން އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވެވިއެވެ.

މީގެއިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގާ އަޅުގަނޑު ފަށާނަން. އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ ބިންކަނޑާ ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ތަފްސީލުވެސް ރައީސް ދެއްވެވިއެވެ. ރައީސް ވިދާޅުވީ ޖުމްލަ 2،180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގާ ކުރިއަށް ދާ ކަމަށެވެ. ގެދޮރުވެރިޔާ ލޯންގެ ގޮތުގާ 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުން ދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.