މި ސަރުކާރުން ހުޅުމާލޭގައި އަލަށް ގާއިމް ކުރާ ފްލެޓުތަކުން އެންމެ ފުރަތަމަ ފްލެޓު ދޭނީ ގުޅީފަޅުން ފްލެޓު ގަނެ، ބޯހިޔާވެހިކަން ނުލިބުނު ފަރާތްތަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅުގައި ފްލެޓުތަކެއް އަޅައި އެ ފްލެޓުތައް ގަތް ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ވެސް ނަގާފައިވެ އެވެ. ނަމަވެސް ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ގުޅީފަޅުން ފްލެޓު ގަތް ބައެއް ފަރާތްތަކަށް އެހެން މަޝްރޫއުތަކުގެ ތެރެއިން ފްލެޓު ދިން ނަމަވެސް ގިނަ މީހުން އަދިވެސް މާލޭގެ ކުދިކުދި ކޮޓަރިތަކުގައި ހާލުގައި އުޅޭތާ 10 އަހަރުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އެ ފަރާތްތަކަށް ދާއިމީ ހައްލެއް ދޭން ނިންމާފައިވާ ކަން އިއުލާން ކުރައްވައިފަަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ގުޅީފަޅުން ފްލެޓު ގަތް މީހުންގެ ތެރެއިން މިހާރު ފްލެޓު ނުލިބި ހުރީ 142 އާއިލާއަކަށް ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގައި އަޅައި އެންމެ ފުރަތަމަ ފްލެޓުތައް އެ ހުރިހާ އާއިލަތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަވަސްއާ ވާހަކަ ދެއްކި ގުޅީފަޅު ފްލެޓު ލިބުނު ބައެއް މީހުން ބުނި ގޮތުގައި ސަރުކާރުތަކުގެ އިހުމާލުން އެ މީހުންނަށް މިދިޔަަ އަހަރުތަކުގެ ތެރޭގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ބޭނުންވެ އެވެ. އެކަމާ ގުޅޭ ގޮތުން ރައީސްއާ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ މިހާރު ނިންމާފައިވާ ގޮތަކީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރެވި އެއްބަސްވެފައިވާ ގޮތް ކަމަށެވެ.