ހަބަރު

މާލެ-ތިލަފުށި ބްރިޖު އަންނަ އަހަރު ފަށައި، ދެ އަހަރު ތެރޭ ނިންމާނަން: ރައީސް

Jul 4, 2019
18

މާލެ އާއި ތިލަފުއްޓާ ދެމެދު އަޅައި ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ އާއި ތިލަފުށި ދެމެދު ކޯސްވޭއަކުން ގުޅާލުމުގެ މަސައްކަތް ކުރަން ކޮންސަލްޓެންސީއަށް ހުޅުވާލާފައިވާ ކަމަށާއި އެ ފަރާތްތައް ޝޯޓްލިސްޓު ކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ފަހު ދެ އަހަރުގެ ތެރޭގައި ނިންމާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ މަޝްއޫއަށް ހިއްކުމުގެ މަސައްކަތް ނޮވެމްބަރު މަހު ފަށައި އެތާގެ ސްޓްރަކްޗާ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ފަށާނެ، އެ މަޝްރޫއަށް ގާތްގަނޑަކަށް ދެ އަަހަރު ހޭދަވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބޭރުގެ އިންވެސްޓަރުންނާއެކު މިދިޔަ މަހު ބޭއްވި ފޯރަމްއަށް މާލެ، ވިލިމާލެ، ގުޅީފަޅާއި ތިލަފުށި ހިއްކުމުގެ ޕްރޮޕޯސަލް ސަރުކާރުން ހުށަހެޅި އެވެ. ގާތްގަނޑަކަށް 488 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދަުވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

މާލެ ސަރަހައްދު ހަތަރު ރަށް ގުޅާލުމުގެ ޕްލޭން ފުރަތަމަ އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ ކެމްޕެއިން ދުވަސްވަރުގަ އެވެ. އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި މިހާރު ސަރުކާރުގެ ވެރިން އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.