މާލޭ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބުމުގެ ޝަކުވާތަކަށް ހައްލު ހޯދުމަށް ޑްރާފްޓްކޮށްފައިވާ ޕްލޭނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފި އެވެ.
މާލޭގެ ގޯތި ހައްގުވާ މީހުން އެބަތިބި ކަމަށްބުނެ އެމީހުންގެ ހައްގުގައި އަޑުއުފުލަމުން ގޯތި ހަރަކާތުން ބުނީ މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް އެކުލަވާލާފައިވާ ޕްލޭންއެއް ޑްރާފްޓްކޮށް ރައީސް ސޯލިހާ އިއްޔެ ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި މި ޑްރާފްޓް ޕްލޭން ހިއްސާކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެ ހަރަކާތުން ވަނީ ބުނެފަ އެވެ.
ރައީސް ސޯލިހާއެކު އިއްޔެ ގިނަ ކަންކަމެއްގައި މަޝްވަރާ ކުރެވުނު ކަމަށާއި މި ބައްދަލުވުމަކީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށް ގޯތި ހަރާކާތުން ވަނީ ބުނެފަ އެވެ. އެގޮތުން ގުޅީފަޅަށް ޕޯޓް ބަދަލު ކުރުމުގެ ބަދަލުގައި ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްފަހު ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމަށް މަޝްވަރާ ކުރި ކަމަށްވެސް އެ ހަރަކާތުން ވަނީ ބުނެފަ އެވެ.
ރައީސް ސޯލިހާ އިއްޔެ ހިއްސާކުރި ޕްލޭނަކީ ކުރިއަށް އޮތް 70 އަހަރާއި 100 އަހަރާ ދެމެދު މާލޭގެ ގޯތީގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ޕްލޭނެެއް ކަމަށް ދެކޭ ކަމަށް އެ ހަރަކާތުން ވަނީ ބުނެފަ އެވެ. މި ހުށަހެޅުންތައް ކައިރިން ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށް އެ ހަރަކާތުން ވަނީ ބުނެފަ އެވެ.